Sunday, April 13, 2014



އުލްފަތު
ލިއުނީ އާމިނަތު އަމީޒާ ޚަލީލު

އުލްފަތުގެ ޢުމުރުން އެންމެ 11 މަހުގައި އުލްފަތުގެ މަންމަ އާއި ބައްޕަ ވަކިވިއެވެ. އުލްފަތުގެ މަންމައި ބައްޕަ ވަކިވާން ދިމާވި ސަބަބަކީ، ބައްޕަ ޙާމިދުގެ ޙަޔާތަށް ޒުވާން ރީތި އަންހެނަކު އައުމެވެ. އޭރު އުލްފަތުގެ މަންމައާއި ބައްޕަގެ 4 ކުދިން ތިއްބެވެ. އެއީ އުލްފަތުގެ އިތުރުން ދެއަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
މި 4 ކުދިންނާއެކު އުލްފަތުގެ މަންމަ ޙަސީނާ، މައިންބަފައިންގެ  ގެއަށް ބަދަލުވިއެވެ. މާގިނަ ދުވަސްތަކެއް ނުވެ ޙަސީނާގެ ޙަޔާތަށް  އާ ދިރުމެއްލިބުނެވެ. ރަށުގައި ދިރިއުޅޭ މީހެއްކަމުގައިވާ ޢަލީ ޙުސްނީ، ޙަސީނާއާއި ކައިވެނިކުރިއެވެ. އޭރު އުލްފަތުގެ ޢުމުރަކީ އެންމެ ދޮޅު އަހަރެވެ.
މަންމައާއި ބައްޕަ ވަކިވެފައިވީ ނަމަވެސް އުލްފަތު ބޮޑުވަމުން އައީ ބައްޕައެއްގެ ލޯތްބާއި އޯގާތެރި ކަމާއެކުއެވެ. އުލްފަތުގެ ދޮންބައްޕަ ޙުސްނީއަކީ ވަރަށް ޚުލްޤުހެޔޮ އަޚުލާގު ރަނގަޅު ހިތްހެޔޮ މީހެކެވެ. ދުވަސްތަކެއް ފާއިތުވެ ޙަސީނާއާއި ޙުސްނީއަށް ވެސް 4 ކުދިން ލިބުނެވެ.
އުލްފަތަކީ މިހާރު ފުރާ ޢުމުރަށް އަރާާފައިވާ ސަމައްތަރުުހެޔޮ ރީތި ކުއްޖެކެވެ. އެ އުމުރުގެ އަންހެން ކުދިންގެ ހިތުގައި ހިނގާނެ ހުރިހާ ޝުޢޫރެއް އުލްފަތުގެ ހިތުގައިވެސް ހިގައެވެ. ޖެހިގެން ހުރި ކިނާރީގޭ އާލިފަަކީ އުލްފަތާއެކު އެއްކުލާހުގައި ކިޔަވާ ކުއްޖެކެވެ. އާލިފަކީ އިސްކޮޅާއި ރޫފަ ހެޔޮވަރު މަޑުމައިތިރި ކުއްޖެކެވެ. އާލިފު ފެނުމުން އުލްފަތުގެ ހިތަށް ފިނިކަންލިބި ހިތުގެ ތެޅުން އަވަސްވެއެވެ. އާލިފްވެސް އޭނާއާއި  މެދު ޚާއްޞަ ނަޒަރަކުން ބަލާކަން އުލްފަތަށް އެގެއެވެ.
ފެނިދެނިވެ މިދެކުދިން އެކުވެރި ކަމުގައި ވީނަމަވެސް އާލިފްގެ މަންމަ ވަޙީދާއާއި އުލްފަތުގެ މަންމަ ޙަސީނާއާ މާބޮޑު ގުޅުމެއްނޯވެއެވެ. ސަބަބަކަށްވަނީ ޙަސީނާގެ ކުރީގެ ފިރިމީހާ ޙާމިދު އިނީ ވަޙީދާގެ ތިމާގެ މީހަކާ ކަމުން ދެފަރާތުގެ ޢާއިލާގައި އުފެދުނު ހިތްހަމަ ނުޖެހުމެވެ.
މިހާރު އުލްފަތާއި އާލިފް އަކީ ސްކޫލް ނިމި ޒުވާން އުމުރަށް އަޅާފައިވާ 2  ޒުވާނުންނެވެ. އަވަށްޓެރި  ކުދިންނާއެކު މޫދަށް ދިއުމާ، ހަވީރު ފިންޏަށް ހިގާލަން ދިއުމަކީ ޒުވާން ކުދިންގެ އާދައަކަށް އޮންނަނީ ވެފައެވެ. އެއްދުވަހެއްގެ ހަވީރު ހިނގާލަން ގޮސް  އަތިރިމަތީ،  ތިބި ތިބުމުގައި އެކަހެރިކޮށް

ލިބުނު ދަނޑިވަޅެއްގައި އާލިފް އުލްފަތު ގާތުގައި ވާހަކައެއް ބުނަން ބޭނުންވާ ކަމަށާއި، މާދަމާ ހެނދުނު މިތަނުން ބައްދަލު ކުރެވިދާނެތޯ އުލްފަތު ކައރިިން އެހިއެވެ. އުލްފަތު ހުރީ މިފަދަ ފުރުޞަތަކަށް އެދި އެދި ކަމުން، ލަދުން ހުރެ ނަމަވެސް އާނ ބަސް ބުންޏެވެ.
އުލްފަތު ފަތިސް ނަމާދުކޮށްގެން ނިކުމެ ކުނިކަހާ ނިންމާފައި އަލި ވިލުމުން، ކުރީދުވަހު އެއްބަސްވެފައިވާ ގޮތުގެ މަތީން އާލިފާއި ބައްދަލު ކުރުމަށް ތެޅިތެޅި އޮތް ހިތަކާއެކު ދިޔައިރު މާކުރިން އާލިފް ގޮސް، ދޮންވެލި ގަނޑުމަތީގައި އިށީދެގެން އިނެވެ. މި ވަޤުތަކީ އުލްފަތުގެ ހިތަށް އެތަކެއް ސުވާލު އުފެދި އެ ސުވާލު ތަކުގެ ޖަވާބު ބޭނުންވެފައިވާ އަދި ބުނަންނޭގޭފަދަ އިޙްސާސްތަކެއް ވެރިވަމުން އަންނަ ވަޤުތެކެވެ. މަޑުމަޑުން ހިގާލާފައި އުލްފަތު އާލިފްއާއި ކައިރިވުމުން ހީލާފައި އިށީނުމަށް އެދުނެވެ.
ވާހަކަ ފަށާނެ މީހަކު ނޭގިފައި އިރުކޮޅަކު ތިބުމަށްފަހުން ، ވަރަށް މަޢުނަވީ ގޮތަކަށް އުލްފަތަށް ބަލާފައި އާލިފް ހީލިއެވެ. އަދި ސުވާލު ކުރިއެވެ. " އަހަރެން މި އުޅެނީ ކޮން ވާހަކައެއް ދައްކަން ހެން ހީވަނީ؟ " އުލްފަތު ރަކި ފާޑަކަށް ހީލާފައި "ބުނީމަތާ އެނގޭނީ" މިހެން ބުނެ ދޮންވެލިގަނޑާ ކުޅެން ފެށިއެވެ.
  އުލްފަތު އަތުގައި  އާލިފު މަޑުމަޑުން ހިފިއެވެ. އެވަޤުތު އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުންގެ ލޮލުގައިވެސް ވަނީ އަސަރުގަދަ ޖަޒުބާތެއް އެކުލެވިފައެވެ. ދޫވަނީ ބަންދުވެފައެވެ. ވާހަކަ ދައްކަން ފަށާނެ ހިސާބެއްވަނީ ނޭގިފައެވެ. އިރުކޮޅަކުން އާލިފް ވާހަކަ ދައްކަން ފެށިވެ. "އަހަރެން އުލްފަތު ދެކެ ވަރަށް ލޯބިވޭ! އަހަންނަށް އެގޭ އުލްފަތުވެސް އަހަރެންދެކެ ލޯބިވާކަން" އެކަކު އަނެކަކަށް ނުބުނެ ތިބެ ލައްކަ ދުވަސް ވެއްޖެއެއްނު! އުލްފަތު މިކަމާ ބުނަނީ ކީކޭ؟ އުލްފަތު ލަދުން ދޭނެ ޖަވާބެއްނޭގި އިސްޖަހައިގެން ހުންނަން ފެށުމުން އާލިފް ދެވަނަ ފަހަރަށްވެސް ސުވާލު ކުރިއެވެ. މިފަހަރު ލަދުރަކި ހިނިތުންވުމަކާއެކު އުލްފަތު މޫނުގައި ދެއަތް އަޅައިގެންހުރެ އާއެކޭ ބުނެ ބޯޖަހާލުމަށްފަހު، ކަކުލުގައި ބޯޖައްސައިގެން މޫނު ފޮރުވާލިއެވެ.
މިހާރު އުލްފަތާއި ޢާލިފަކީ، ލޯބީގެ  ބަގީޗާގައި ފޮޅިފައިވާ ދެމަލެވެ. އުފާވެރި ވާހަކަތަކާއި ބައްދަލުވުންތަކާއި އަޙުދާއި ވަޢުދު ވުމުގައި ދުވަސްތައް ހޭދަކުރަމުން ދެއެވެ. ޒަވާޖީ ޙަޔާތެއްފަށައި ދިރުއުޅުން އާރާސްތު ކުރާނެ ގޮތުގެ ފޮނި ޚިޔާލުތައްކޮށް، ކައިވެންޏަށްފަހު ދިރިއުޅޭނީ އާލިފްގެ ގޭގައި ކަމަށްް އެއްބަސްވިއެވެ. މިޚަބަރު މައިންބަފައިންނަށް ދޭނެގޮތަކާއި މެދު މަޝްވަރާ ކުރެވުނެވެ.
މި އުފާވެރި ގުޅުމަށް އަތުވެދާނެ ލޮޅުމެއް އޮވެދާނެ ކަމަކަށް އުލްފަތާއި އާލިފް ކުޑަކޮށްވެސް ވިސްނިފައި ނެތެވެ. އާލިފް އުލްފަތާއި ކައިވެނި ކުރަން ބޭނުން ކަމަށާއި މަންމަ މިކަމާއި މެދު ދެކެނީ ކިހިނެއްތޯ ބެލުމަށް އާލިފް އޭނާގެ މަންމައާއި ސުވާލު ކުރިއެވެ. ޖަވާބުގައި އާލިފްގެ މަންމަ ވަޙީދާ ބުނީ " މަންމަ އާލިފް މީހަކާ އިންނަން ޤަބޫލެވެ. އެކަމަކު ހަސީނާގެ ދަރިއަކާއި  އިންނަން ޤަބޫލެއް ނޫނެވެ." މި އަޑު އިވުމުން އާލިފަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތްހެންނެވެ. މިފަދަ ޖަވާބެއް މަންމަގެ ފަރާތުން ލިބިދާނެ ކަމަށް އާލިފް އުއްމީދުވެސް ނުކުރެއެވެ. ސަބަބަކީ އާލިފަކީ މަންމަ ވަރަށް ލޯބިވާ ކުއްޖަކަށް ވެފައި މިހާތަނަށް އާލިފް އެދުނު އެއްވެސް ކަމަކަށް މަންމަ ހުރަސް އަޅާފައި ނުވުމެވެ.
މި ހިތާމަވެރި ޚަބަރު އުލްފަތަށް ދޭނެ ހިތްވަރެއް އާލިފްގެ ކިބައިގައި ނެތެވެ. މިޚަބަރު ލިބުމުން އުލްފަތު ދެރަވާނެ ވަރު އާލިފަށް އިޙްސާސް ކުރެވެއެވެ. ފަހަކަށް އައިސް އާލިފް ކޮންމެވެސް ފިކުރެއް ކުރާކަމުގެ އިޙްސާސް އުލްފަަަތަށް ކުރެވުނެވެ. މިކަމާ އުލްފަތު އެތައްފަހަރަކު ސުވާލު ކުރުމުން، އާލިފްގެ މަންމަ މިކައިވެންޏަށް ޤަބޫލު ނޫންކަން އާލިފް ހާމަ ކުރިއެވެ. އުލްފަތަށް ހީވީ އުލްފަތުގެ ފުރާނަ ހަށިގަނޑާ ވަކިވިހެންނެވެ. އޭގެފަހުން އާލިފް ދެއްކި އެއްވެސް ވާހަކައެއް އުލްފަތަށް އަޑު ނީވެއެވެ.
އުލްފަތާއި އާލިފްގެ ލޯބީގެ ޙަޔާތަށް ހިތާމައިގެ ބޯ ވިއްސާރަ ވިލާގަނޑެއް ކުރިމަތި ވެއްޖެއެވެ. އުލްފަަތުގެ ހިތްވަނީ ކުދިކުދި ވެފައެވެ. ރޭގަނޑުގެ ނިދިވަނީ މަޙުރޫމްވެެ، ދިރިއުޅުންމަތިން ވަނީ ފޫހިވެފައެވެ. އާލިފް ކިތައްމެ ނަޞޭޙަތެއް ދިން ނަމަވެސް އުލްފަތުގެ ހިތާމަޔަށް ކުޑަވެސް ލުޔެއް ނުލިބެއެވެ.
މައިންބަފައިންގެ ނުރުހުމާއިއެކުވެސް، ދެމީހުންގެ ލޯބީގެ ގުޅުމަކަށް އިތުރު ހީނަރު ކަމެއް ނާދެއެވެ.  މިގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ އާވެ އާލާވަމުންނެވެ. މިހާ ހިސާބުން އާލިފް ނިންމީ ދެވަނަފަހަރު ވެސް މަންމައާއި ވާހަކަ ދައްކައި މިކަމަށް އަލިމަގެއް ފެނޭތޯ މަސައްކަތް ކުރުމަށެވެ.
އާލިފް ގެ މަންމަ ވަޙީދާ އަކީ ދަރިންދެކެ ލޯބިވާ ދަރިންގެ އުފަލަށްޓަކައި އަމިއްލަ އުފާ ވެސް ޤުރުބާން ކުރަން ފަހަށް ނުޖެހޭނެ މީހަކަށްވާތީ، ކިތައްމެ ހިތްހަމަ ނުޖެހުނު ނަމަވެސް އާލިފް އުލްފަތާއި
އިންނަން ޤަބޫލު ވެއްޖެއެވެ. މިއީ އާލިފްގެ މުޅިޙަޔާތުގައި ވެސް އެންމެ އުފާވި ދުވަހެވެ. މަންމައަށް ޝުކުރު އަދާ ކުރުމަށްފަހު، އާލިފް އަވަސްވެގަތީ، މިއުފާވެރި ޚަބަރު އުލްފަތަށް ދިނުމަށެވެ.
ޖެހިގެން އަންނަ ހަނދު މަހުގެ 14 ވިލޭރޭ ކައިވެނި ކުރުމަށް ނިންމައި، ތައްޔާރީތައް ވާންފެށިއެވެ. ބާއްޖަވެރި ޙަޔާތެއްގެ ފެށުމަށްކުރި އުއްމީދުގެ ހުޅުކޮޅު ދިއްލި ލޯބީގެ ބިމުގައި އިންދި ކުރިތަކަށް އާރޯކަން ލިބިގެން ހިގައްޖެއެވެ.




No comments:

Post a Comment