Wednesday, April 23, 2014

Hussain Habeeb



ރާއްޖޭގެ ޤައުމީ އެންމެ ބޮޑު މައްސަލަ އަކީ ކޮބާ؟

10 މާޗް 2011

ލިޔުނީ: ޙުސައިން ޙަބީބު (އޯޒޯން(

މަސްތުވާތަކެއްޗާއި ޑުރަގެވެ. ފޭރުމާއި، ގޭންގާއި، ގުރޫޕް މާރާމާރީއެވެ. ބަދުއަޚްލާޤީ މައްސަލައެވެ. އާއިލާ ތަކުގެ ތެރޭގައި ޖެހޭ މައްސަލަ ތަކެވެ. މުޖުތަމަޢުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އުފެދޭ ބޮޑެތި މައްސަލަތަކެވެ. ސުކޫލަށް ދާ އުމުރުގެ ކުދިން ބޮޑެތި ކުށް ކުރުމުގައި ޙަރަކާތްތެރި ވަމުން ދިޔުމެވެ. ދެންމެ ބަޔާން ކުރެވިފައިވަނީ ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކެވެ. މިނޫނަސް ބޮޑެތި އިޖުތިމާޢީ މައްސަލަތަކެއް މި މުޖުތަމަޢުގައި ހިނގަމުންދެއެވެ.
ޤައުމުގައި ހިނގަމުންދާ ބޮޑެތި އިޖުތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި، މަދަނީ ޖަމުޢިއްޔާތަކާއި ފަރުދުންގެ ފެންވަރުގައި މަސައްކަތް ތަކެއް ކުރެވެއެވެ. ނަމަވެސް މި ކުރެވޭ މަސައްކަތުން މިކަމަށް އެދެވޭ ހައްލެއް އަންނަމުން ނުދާ ކަމީ، މުޖުތަމަޢު ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ކުށް ކުރުމާއި ބޮޑެތި އިޖުތިމާޢީ މައްސަލަތަކުން ސަލާމަތް ވުމަށްޓަކައި، ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދެއެވެ. ބޮޑެތި ކުށް ކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ހަރުކަށި އަދަބު ހިމެނޭ ގޮތަށް ޤާނޫނު ތައްވަނީ އެކުލަވާލެވިފައެވެ. ނަމަވެސް އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ހައްލު އަންނަ ތަނެއް ނުފެނެއެވެ.
މުޖުތަމަޢުގައި ބޮޑެތި ޖަރީމާތަކާއި އިޖުތިމާޢީ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޤައުމީ ފެންވަރުގައި ވާހަކަ ދައްކާ މަޝްވަރާ ބައްދަލުވުންތަކާއި ސެމިނާތައް ބޭއްވެއެވެ. އެކި ގޮތްގޮތަށް މި މައްސަލަތައް ހައްލުކުރުމަށްޓަކައި ވާހަކަ ދައްކައެވެ. ނަމަވެސް މައްސަލަ ހައްލު ކުރުމަށްޓަކައި އަޞްލު ސަބަބު ދޫކޮށްލުމަށްފަހު އެހެން ގޮތްގޮތަށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރިޔަސް ހައްލު ނުވާނެކަން މުޖުތަމަޢުގައި ހިނގާ ކަންތައްތަކުން ހާމައެވެ. މައްސަލަ ހައްލު ކުރުމަށްޓަކައި ޙަޤީޤީ ސަބަބަކީ އިސްލާމީ އުސޫލު ތަކުގައި ހިފުމެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ އަށަގަނުވައި، އިސްލާމީ ރޫޙް އާލާ ކުރެވިގެން ނޫނީ މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ހައްލެއް ނާންނާނެކަން ކަށަވަރެވެ. އިސްލާމީ އުސޫލު ދޫކޮށްލުމަށްފަހު މާއްދީ ސަބަބު ތަކުގައި ހިފައިގެން މަސައްކަތް ކުރި ކަމުގައި ވިޔަސް މި މައްސަލަތަކަށް ހައްލެއް ނާންނާނެއެވެ.
ޤައުމީ ފެންވަރުގައި ބޮޑެތި މައްސަލަތަކަށް ވާހަކަ ދައްކަމުންދާއިރު ދިވެހިން ދީނާއި ދުރަށް ދާންޖެހޭ ސަބަބާއި ބެހޭގޮތުން ވާހަކައެއް ނުދައްކައެވެ. ޓީވީ ޕްރޮގްރާމާއި ރޭޑިޔޯ ޕްރޮގްރާމްތައް ‘ނޭޝަން ޓޯކްސް’ ‘ހާޑް ޓޯކްސް’ ފަދަ ޕްރޮގުރާމްތަކުގައި މިބޮޑު މައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކާ ތަނެއް ނުފެނެއެވެ. ދިވެހިން ދީނާއި ދުރަށްދާންޖެހުނު ސަބަބަކީ ކޮބައިތޯ ބަލައި، އެކިއެކި ދާއިރާތަކުން މީހުން ހިމަނައިގެން ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. ޤައުމީފެންވަރުގަޔާއި އަތޮޅު ފެންވަރުގަޔާއި ރަށު ފެންވަރުގައިވެސް މިވާހަކަ ދައްކަން ޖެހެއެވެ. “ދިވެހިން ދީނާއި ދުރަށްދާން ޖެހުނީ ކީއްވެގެންތޯ؟” މިސުވާލު އެއްވެސް ފަރާތަކުން އުފައްދާތަނެއް ނުފެނެއެވެ. މިބޮޑު ޤައުމީ މައްސަލަ ދޫކޮށްލުމަށްފަހު، ޤައުމީ ފެންވަރުގައި އިޖުތިމާޢީ އެހެން މައްސަލަތައް ހައްލު ކުރުމައްޓަކައި ކެންޕެއިން މުޅި ރާއްޖޭގައި ކުރިޔައް ގެންދެވޭއިރު، އެންމެ މުޙިންމު އަދި އެންމެ ބޮޑު މައްސަލައަކީ އިސްލާމްދީނާއި ދުރަށް ދިވެހިން ދާންޖެހުމެވެ.
މިބޮޑު މައްސަލަ ހައްލުކުރުމަކީ ވަކި ވުޒާރާއެއް ނުވަތަ ވަކި މުއައްސަސާ އެއްގެ މަސްޢޫލިއްޔަތެއް ނޫނެވެ. ދީން ކުރިއެރުވުމަށްޓަކައި ވަކި ވުޒާރާއެއް ހުންނާނެ ކަމަށް ބުނެ ސަރުކާރުގެ އެހެން ވުޒާރާ ތަކާއި އެހެން މުޢައްސަސާ ތަކުން މިކަމުން ‘ބޯދަމައިގަނެވޭނެ’ އެއްވެސް ސަބަބެއް ނެތެވެ. އެއީ މި މައަސަލައަކީ ވަކި މިނިސްޓްރީއެއް ނުވަތަ ވަކި މުޢައްސަސާ އަކާއި ވަކި އޮފީހެއްގެ މައްސަލައަކަށްވުރެ ޤައުމުގެ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެވެ.
މިބޮޑު އިޖުތިމާޢީ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ އެންމެހައި ވުޒާރާ ތަކާއި އެންމެހައި މުޢައްސަސާ ތަކުން މިކަމުގެ މަސްޢޫލިއްޔަތު އުފުލައި މިބޮޑު މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަން ޖެހެއެވެ. ސަރުކާރާއި ޤާނޫނު ހަދާ މުއައްސަސާތަކާއި އަދުލް އިންސާފުގެ މުއައްސަސާ ތަކުންނާއި ޤައުމުގެ އަމަން ބަލަހައްޓާ ބާރުތައް ގުޅިގެންނެވެ. ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކާއި މީޑިޔާތައް، މިއެންމެހާ ފަރާތްތައް ގުޅިގެން މުޅި ޤައުމު ހޭލުންތެރި ކުރުވަން ޖެހެއެވެ.
މިގޮތުގައި އެންމެހައި ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ މި ޤައުމީ ބޮޑު މައްސަލައަށް ހައްލު އަންނާނެއެވެ. ހަމައެޔާއިއެކު ޤައުމުގައި ހުރި އިޖުތިމާޢީ ބޮޑެތި އެހެން މައްސަލަތަކަށް ހައްލު އަންނާނެކަން ކަށަވަރެވެ. އިޖުތިމާޢީ އެހެން މައްސަލަތަކަށް ހައްލު ހޯދަންބޭނުން ކަމުގައި ވާނަމަ ޤައުމީ އެންމެ ބޮޑު މައްސަލައަށް ހައްލު ހޯދަން ޖެހެއެވެ. ދިވެހިރާއްޖޭގެ ޤައުމީ އެންމެ ބޮޑު މައްސަލައަކީ ދިވެހިން ދީނުގެ އުސޫލުތަކާއި ދުރަށް ދާންޖެހުމެވެ. އެއީ ރާއްޖޭގެ ޤައުމީ އެންމެ ބޮޑު މައްސަލައެވެ.                                          
-ނިމުނީ-

No comments:

Post a Comment