ޢިބުރަތްތެރި
ވާހަކަ: އާފަލުގަސް
އެއްސަހަރެއްގައި
ހުރި ވަރަށް ބޮޑު އާފަލުގަހެކެވެ.
އެހިސާބުގަނޑުގައި
އުޅޭ ކުއްޖަކު އާންމުކޮށް އެގަސްދޮށަށް އައިސް ކުޅެ ހަދައެވެ. ގަސްދޮށުގެ ފިނި ހިޔަލުގައި ނިދާހަދައެވެ. އެގަހަށް އަރާ ކުޅެ މަޖާކޮށް ހަދައެވެ. އެކުއްޖާ އެގަސްދެކެ
ވަރަށް ލޯބިވެއެވެ. އަދި
އެގަސްވެސް
އެކުއްޖާދެކެ ވަރަށް ލޯބިވެއެވެ.
ދުވަސްތައް
ފާއިތުވެގޮސް އެކުއްޖާގެ އެންމެ ޅައުމުރު ފަހަނައަޅާ ޒުވާންކަމާ ކުރިމަތި
ލައިފިއެވެ.
އެއް ދުވަހަކު
އެކުއްޖާ އެގަސްދޮށަށް އައިސް ވަރަށް ދެރަވެފައި އެ ގަހަށް ބަލަހައްޓައިގެން
ހުއްޓެވެ.
“އާދޭ އަހަރެންނާއެކު ކުޅެލަން” ގަސް
ބުންޏެވެ.
” އަހަރެންމިހުރީ މިހާރު ތިޔަ
ގަސްދޮށުގައި ކުޅެ އުޅޭވަރަށް ވުރެ ބޮޑުވެފައި” އެކުއްޖާ ބުންޏެވެ.
” އަހަރެން މިހާރު ބޭނުންވަނީ ބާޒާރުން
ކުޅޭ ތަކެތި ގަންނާނެ ފައިސާ”
” މަޢާފްކުރޭ! އަހަރެންގެ އަތުގައި
ކަލެއަށް ދޭނެ ފައިސާއެއްނެތް.
އެކަމަކު އަހަރެންގެ މި ގަހުން އާފަލު ބިނދެގެން ވިއްކައިފިނަމަ ކަލެއަށް ފައިސާ ލިބިދާނެ.”
އެކުއްޖާ ވަރަށް
ހައިރާންވެފައި ހުރެ އެގަހުގެ ހުރިހާ އާފަލުތައް ބިނދެގެން އުފަލުންހުރެ
ގެއަށް ހިގެއްޖެއެވެ.
އޭގެ ފަހުން
އެތައް ދުވަހެއް ވީއިރުވެސް އެކުއްޖާ އެގަސްދޮށަކަށް ނާދެއެވެ. އެކަމާ އާފަލުގަސް
ވަރަށް ހިތާމަކުރިއެވެ.
އެއްދުވަހަކު
އަނެއްކާވެސް އެކުއްޖާ އާފަލު ގަސްދޮށަށް އައެވެ. އޭރު އެކުއްޖާ ހުރީ ބޮޑު މީހެއްގެ
ގޮތުގައެވެ.
” އާދޭ އަހަރެންނާ އެކު ކުޅެ
މަޖާކޮށްލަން” ގަސް ބުންޏެވެ.
” ތިކަމަކަށް އަހަރެންނަކަށް ވަގުތެއް
ނެތް. އަހަރެން މިއުޅެނީ
އާއިލާގެ ކަންކަން ބެލުމުގައި އަވަދިނެތި. އަހަރެން މިހާރު މިވަނީ ބޯހިޔާކޮށްލާނެ ގެޔަކަށް ބޭނުންވެފައި.
އަހަރެންނަށް އެހީތެރިކަމެއް
ދެވިދާނެތަ؟”
” މައާފްކުރޭ! އަހަރެންގެ އަތުގައި
ގެއެއްނެތް؟ އެހެނަސް އަހަރެންގެ
މިގަހުގެ ގޮފިތައް ކަނޑައިގެން ގެންގޮސް ކަލެއަށް ގެއެއް އެޅިދާނެ”
ދެން އެމީހާ
އެގަހުގެ ހުރިހާ ގޮފިތަކެއް ކަނޑައިގެން އުފަލުންހުރެ ހިނގައްޖެއެވެ. ގަސް އޭނާ
އުފާވެފައިވާތީ އެކަމާ އުފާކުރިއެވެ.
އަނެއްކާވެސް
އެތައް ދުވަހެއް ވަންދެން އޭނާ އެގަސްދޮށަށް ނައިސްހުރެ، ހޫނު މޫސުމުގެ ހޫނުގަދަ ދުވަހެއްގައި އެގަސްދޮށަށް އަތުވެއްޖެއެވެ.
“އާދޭ އަހަރެންނާއެކު ކުޅެ މަޖާކޮށްލަން”
ގަސް ބުންޏެވެ.
” އަހަރެން މިހާރު މިވަނީ މުސްކުޅި
ޢުމުރަށް އެޅިފައި، އަހަރެން މިހާރު
ބޭނުންވަނީ ހިތް އުފާކޮށްލަން މާ ކަނޑުގެ ތެރެއަށް ނުކުމެ ދަތުރުކޮށްލަން. މަށަށް ދޯންޏެއް ދެވިދާނެތަ؟” އެމީހާ ބުންޏެވެ.
” އަހަރެންގެ މި ގަހުގެ ގަސްގަނޑު
ބޭނުންކޮށްގެން ދޯންޏެއް
ބަނދޭ. އޭރުން
ކަލެއަށް މާކަނޑުގެ ތެރޭގައި ދަތުރުކޮށް ހިތްއުފާ ކުރެވިދާނެ”
ދެން އެމީހާ
އެގަސް ކަނޑާ ދޯނި ބަނދެގެން ކަނޑުތެރެއަށް ނުކުމެ ދަތުރުކުރުމަށް ދިޔައެވެ.
އެތައް
ދުވަހެއްގެ ފަހުން އެމީހާ އަނެއްކާވެސް އެ ގަސްދޮށަށް އައެވެ.
” މަޢާފްކުރޭ! އަހަރެންގެ ކޮއެފުޅާ،
އަހަރެންގެ އަތުގައި މިއަދު ކަލެއަށް
ދޭނެ އެކައްޗެއްވެސް ނެތް. އެންމެ ކުޑަމިނުން ކާލަން ދޭނެ އާފަލައެއްވެސް ނެތް.” ގަސް ބުންޏެވެ.
” މައްސަލައެއްނެތް! މިހާރަކު އާފަލުކާނެ
ދަތެއް އަހަރެންގެ އަނގަޔަކު ނެތް” އެމީހާ ޖަވާބުދިނެވެ.
” ކަލޭ އަރާނެ އޮތްޕެއްވެސް ނެތް” ، ”
އެކަމަށް އަހަރެން މިހާރު މިވަނީ މާ މުސްކުޅިވެފައި” އޭނާ ބުންޏެވެ.
” ހަގީގަތުގައިވެސް އަހަރެންގެ އަތުގައި
އަހަރެންގެ ހިކި، މަރުވަމުން މިދާ މޫތައް ނޫން އެއްޗެއް ނެތް” ގަސް ކަރުނައަޅާފައި
ބުންޏެވެ.
” އަހަރެން މިހާރު އެކައްޗެއްވެސް
ބޭނުމެއްނޫން، ބޭނުންވަނީ ހަމައެކަނި އޮށުވެލާ އަރާމުކޮށްލާ ހަދަން”
” އެންމެ ރަނގަޅު، މުސްކުޅި ގަސްގަހުގެ
މޫތަކަކީ އެމަތީ އޮށޯވެ، އިށީނދެ
ހަދާލުމަށް ވަރަށް އެކަށީގެންވާ އެއްޗެއް. އާދޭ. މިތާ އިށީނދެ އަރާމުކޮށްލާ”
މުސްކުޅިމީހާ
މީހާ ހިތްހަމަ ޖެހުމާއެކު އިށީނެވެ. އަދި ލޮލުން އުފާވެރިކަމުގެ ކަރުނަ
ފާއްދާލިއެވެ.
ޢިބްރަތް:
އަހަރެމެންގެ މައިން ބަފައިންނަކީ މި ގަސް ފަދަ ބައެއް. ކުޑައިރު ކުދިން މައިން ބަފައިންނާއެކު ކުޅެހަދާ. ބޮޑުވުމުން އެމީހުންނާ ދުރުވޭ. އަދި ކަމެއް
ޖެހުމުންނޫނީ އެމީހުންގެ ކައިރިއަކަށް
ނާދޭ. ނަމަވެސް
އެމީހުން ކުދިންނަށްޓަކާ ކޮންމެ ފަދަ ގުރުބާނެއްވެސް ވޭ. އެމީހުންގެ މުޅި ޢުމުރު ދަރިންގެ އުފަލައްޓަކައި ހޭދަކުރޭ.
މިއީ އިނގިރޭސި ބަހުން ލިޔެފައިވާ
ލިޔުމެއްގެ ތަރުޖަމާއެކެވެ
No comments:
Post a Comment