Monday, April 14, 2014


މެންދުރުފަހު ނިދުމަކީ ރަނގަޅުކަމެއް ނޫން: ދިރާސާ
ފާތުމަތު އަނީސާ
 15  އެޕްރީލް 2014 08:51
    މެންދުރުފަހު ނިދުމުން ގެއްލުންވާ ކަމަށް ބައެއް ސައިންސްވެރިން ވިދާޅުވޭ މެންދުރުފަހު ނިދާލުމަކީ ރަނގަޅު ލިބޭ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި ވެއެވެ. އަދި މެންދުރުފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ނިދާލުމުން ދުވަހުގެ ބާކީ އޮތް ވަގުތުތައް މާ ހިތްހަމަޖެހިގެން ވޭތުކޮށްލެވޭ ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް ދިރާސާ އަކަށް ފަހު ބައެއް ސައިންސްވެރިން ވިދާޅުވާ ގޮތުގައި މެންދުރުފަހު އާދަކޮށް ނިދުމަކީ އިންސާނާގެ އުމުރު ކުރުވާ ކަމެކެވެ. އިނގިރޭސި ވިލާތުގެ ބޮޑެތި މީހުންގެ ތެރެއިން މެންދުރުފަހު ގަޑިއެއްހާއިރު ނިދަން އާދަވެފައި ތިބި މީހުންގެ ތެރޭގައި އުމުރު ކުރު މީހުން ތިން ގުނަ މަތި ކަމަށް މި ސައިންސްވެރިންގެ ހޯދުންތަކުން ދައްކަ އެވެ. މެންދުރުފަހު ނިދުމުން ފުއްޕާމޭގެ ބަލިތަކުގެ ތެރެއިން ބްރޮންކައިޓިސް، އެމްޕީޒިމާ އަދި ނިއުމޯނިއާ ފަދަ ބަލިތަކުގެ ނުރައްކާ އިތުރުވާ ކަމަށް ވެއެވެ. އާދަވެ މެންދުރުފަހު ނިދާ މީހުން، އާދަކޮށް ނުނިދާ މީހުންނަށް ވުރެ ނޭވާލުމުގެ ނިޒާމުގެ ބައްޔެއްގައި މަރުވުމުގެ ފުރުސަތު ދޭއް ބައި ގުނަ އިތުރެވެ. ސައިންސްވެރިން ވިދާޅުވަނީ މިހެން ދިމާވަނީ މެންދުރުފަހު ނިދުމުން ހަށިގަނޑަށް އިންފްލެމޭޝަނެއް ޖެހުމުގެ ފުރުސަތު އޮންނާތީ ކަމަށެވެ . އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައިވާ ގޮތުން އާދަވެ މެންދުރުފަހު ނިދާ މީހުންގެ ފުއްޕާމޭގައި ކުރިއްސުރެ ބައްޔެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ . ކެމްބްރިޖްގެ ތަޖުރިބާކާރުން މި ދިރާސާ ހެއްދެވީ އިނގިރޭސިވިލާތުގެ ދެ ޖިންސުގެ 16،000 މީހުންގެ ސިއްހީ ހާލަތާއި ދިރިއުޅޭ ގޮތް ދެނެގަނެގެންނެވެ. މި ދިރާސާއަށް 13 އަހަރު ހޭދަވި އެވެ  .މި ބޮޑު ރިސާޗް ޕްރޮޖެކްޓް 1990 ގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންގޮސްފައި ވަނީ ކެއިން ބުއިމުގެ އާދަތައް ގެންގުޅޭ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާ ގޮތާއި ކެންސަރު ޖެހުމާ ހުރި ގުޅުންތައް ދެނެގަތުމަށެވެ. މި ޕްރޮޖެކްޓްގެ އެއް ބައިގެ ގޮތުގައި ވޮލަންޓިއަރުން އެ މީހުން ނިދުމުގެ އާދަތައް ގެންގުޅޭ ގޮތް ތަފްސީލު ކޮށްދީފައި ވެއެވެ. އަދި ދުވާލު ނިދާނަމަ އެކަން ވެސް ހިމަނާފައި ވެއެވެ. ރިސާޗަރުން މި މީހުންގެ ހާލަތު 13 އަހަރު ވަންދެން ބަލަމުން ގެންގޮސްފައި ވެއެވެ. އަދި މި ދުވަސްވަރު މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދާއި އެމީހުން މަރުވާން ދިމާވި ސަބަބު ވެސް ރެކޯޑް ކުރި އެވެ. މަރުވި ރޭޓާއި ނިދުމުގެ އާދަތައް ހުރި ގޮތް ގުޅުވާލުމުން ސައިންސްވެރިންނަށް ފާހަގަ ކުރެއްވުނީ ދުވާލު ގަޑީގައި އެއް ގަޑިއިރަށް ވުރެ މަދުން ނިދާ މީހުންނަށް މަރުގެ ނުރައްކާ 14 ޕަސެންޓް ބޮޑު ކަމެވެ. އެކަމަކު މި މީހުން ނިދާ މިންވަރު ގަޑިއެއްގެ އިރަށް ވުރެ ގިނަ ނަމަ މި ނުރައްކާ 32 ޕަސެންޓަށް އިތުރު ވެއެވެ. މި މީހުން މަރުވާން ދިމާވާ ސަބަބަށް ބެއްލެވިއިރު އެ ބޭފުޅުންނަށް ފާހަގަ ކުރެއްވުނީ މިފަދަ ގިނަ މީހުން ނޭވާލުމުގެ ނިޒާމުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމެވެ. އަދި ދުވާލު ނިދާ ވަގުތު ގަޑިއެއްގެ އިރަށް ވުރެ ގިނަނަމަ މި ފުރުސަތު ދެ ގުނަ އަށް އިތުރުވާ ކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ. މި ރިޕޯޓުގައި ސައިންސްވެރިން އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި ދުވާލު އާދަވެ ނިދުމަކީ އެމީހާގެ ހަށިގަނޑުގެ ހިނގުމުގެ ނިޒާމުގައި ކޮންމެވެސް ކަހަލަ މައްސަލައެއް އުޅޭ ކަމުގެ އަލާމާތެކެވެ. ފަހަރެއްގައި އެއީ މުސްތަގްބަލުގައި އޭނާއަށް ދިމާވެދާނެ ސިއްހީ މައްސަލަތަކެއްގެ ސިގްނަލަކަށް ވެސް ވެދާނެ ކަމަށް މި ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު ލޯބޮރޯ ޔުނިވަސިޓީގެ ސްލީޕް ރިސާޗް ސެންޓަރުގެ ޕްރޮފެސަރު ޖިމް ހޯން ވިދާޅުވީ ދުވާލު ގަޑީގައި ކުޑަކުޑަކޮށް ނިދާލުމަކީ އިންސާނާގެ ހަށިގަނޑަށް ބޮޑު އެހީތެރިކަމެއް ފޯރާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހޯދުމުން ހަގީގަތުގައި އެނގިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ގާތްގަނޑަކަށް 85 ޕަސެންޓް މީހުންނަށް ދުވާލަކު އެއް ގަޑިއަށް ވުރެ ކުޑަ ވަގުތުކޮޅަކު ނިދާލުމަކުން މާ ބޮޑު ނުރައްކަލެއް ނެތް ކަމަށެވެ. ހޯން ވިދާޅުވީ މި ދިރާސާއިން މިގޮތަށް ދެއްކީ ފަހަރެއްގައި މި ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ މީހުންނަކީ ފުއްޕާމޭގެ ބަލިތަކުގެ ތެރެއިން ސީރިއަސް އަދި ފަސޭހަ ނުކުރެވޭ ޒާތުގެ ބަލިތައް ކުރިން ވެސް ޖެހިފައި ތިބި ބަޔަކަށް ވުމުން ކަމަށް ވެދާނެ ކަމަށެވެ. އަދި މިފަދަ މީހުންނަށް ދުވާލު ނިދުމުގެ ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބިފައިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ފަހަރެއްގައި މި މީހުން ނިދުމުގެ ސަބަބުން އުމުރު ކުރުވުމުގެ ބަދަލުގައި އުމުރު ދިގުވެފައި ހުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ޗައިނާގައި މިދިޔަ އަހަރު ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މެންދުރު ކެއުމަށް ފަހު އާދަކޮށް ބައިގަޑިއެއްހާއިރު ނިދުމަކީ ހަކުރު ބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ. މެންދުރު ކެއުމަށް ފަހު ނިދުމަކީ ޗައިނާ މީހުން އާދަކޮށް ކުރާ ކަމެއް ކަމަށް ވެއެވެ. މި މީހުންނަށް ހަކުރު ބަލި ޖެހުނީ މެންދުރު ކައިގެން ނިދީމަތޯ ނުވަތަ މި މީޙުން މެންދުރު ކެއުމުން ނިދި އަންނަނީ ނޭނގި ނަމަވެސް ހަށިގަނޑުގައި ހަކުރު ބަލީގެ ނިޝާންތައް ހުރީމަތޯ ސައިންސްވެރިންނަށް ޔަގީން ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ދުވާލު ކުޑަކޮށް ނިދާލުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ތިން ގުނަ ކުޑަވާ ކަމަށް އެހެން ބައެއް ދިރާސާތަކަށް ފަހު ބުނެފައި ވެއެވެ.

No comments:

Post a Comment