Tuesday, April 22, 2014

Hasaan Labeeb ge dhuru handhaan


އަޅުގަނޑުގެ ދުރު ހަނދާންތައް
ޙަސަން ލަބީބު ކެމީ/ސ.ހިތަދޫ 
          އުމުރުގެ ދުވަސްތައް ގުނަމުން ފަސްދޮޅަސް ވަނަ އަހަރާ ހަމައަށް އައިސް ދުރުމި އަޅައި ފަސްމަގު އޮތީ ކިހިނެއްތޯ ބަލައިލިއިރު، ޙަޔާތުގެ  ކުރީ ކޮޅުން ފެނިގެންދަނީ ވަރަށް އާދަޔާޚިލާފު އުހައުވެރިކަމެއް ދައްކައިދިން މާޒީއެކެވެ.  މިޒަމާނުގައި އަޅުގަނޑުމެން މިދެކޭ ކަހަލަ އެއްވެސް ބާވަތެއްގެ ހަލަބޮލިކަމެއް ނެތި އަމާންކަމާއި މަޖަލާއި އަރާމުގައި ދިރިއުޅެވުނު މާޒީއެކެވެ. ގަދަފަދަ އިޖްތިމާޢީ ރޫޙަކާއި އެއްބައިވަންތަކަމަކާއި އެއްބައެއްވަންތަކަމެއް ދައްކައިދިން މާޒީއެކެވެ.  އެދުވަސް ދެން އަނބުރާ ނަޔަސް އެ ހަނދާންތައް އައުކޮށްލުމަށްޓަކައި އެދުވަސްވަރުގެ ބައެއްކަންތައްތައް ލޮލުންދެކެ އަތުންހިފާފައިވާ މީހެއްގެ ހައިސިއްޔަތުން ކުޑަނަމަވެސް ވާހަކަކޮޅެއް ދެންނެވޭތޯ ބަލައިލުމަކީ އަޅުގަނޑު ހިތުން އެންމެ ރަނގަޅު ކަމެކެވެ.  
          އަޅުގަނޑު މި ދުނިޔޭގެ އަލިކަން ދުށީ މީގެ ފަސްދޮޅަސް އަހަރު ކުރިންނެވެ. ފެބްރުއަރީމަހެއްގެ ހަވަނަ ދުވަހުގައެވެ. މެދުމިނުގެ ތަނަވަސްކަމަކާއި ތިޔާގިކަމެއް ލިބިފައިވާ ދިރިއުޅުމެއްގެ ތެރެއަށެވެ. ގިނަބަޔަކު އަބަދުވެސް އެކިއެކި ބޭނުމުގައި ކެނޑިނޭޅި އެގެއަކަށް އަންނަންޖެހިފައިވި ގެއަކަށެވެ. ޒުވާން ބައްޕައަކާއި މަންމައެއްގެ އަލަތު ދަރިއެއްގެ ގޮތުގައެވެ. އެންމެ ޅަފަތުގެ ހަނދާންތައް ހިތުގައި އެހައި ރަނގަޅަކަށް ބިންވަޅު ނެގިފައި ނެތަސް ގާތްގަނޑަކަށް އުމުރުން ހައެއްކަ އަށެއްކަ އަހަރުން ފެށިގެން ވަރަށްގިނަ ކަންތައްތައް ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. އެއިގެ ތެރެއިން އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ އަމިއްލަ ޒާތީ ކަންކަމުން އެއްކިބާވެ ހުރެ އޭރުގެ މުޖުތަމަޢުގައި ކަންކަން ހިނގަމުން އައި ގޮތުގެ މައްޗަށް ބަލައިލުން، އަޅުގަނޑު ދެކެނީ އެއީ އެންމެ ރަނގަޅުގޮތް ކަމުގައެވެ.  
އެދުވަސްވަރުގެ މަގުމަތި:

          އަޅުގަނޑުމެން އޭރު ދުށީ މިހާރު މިފެންނަ ކަހަލަ ނާމާންކަމުން ފުރިގެންވާ މަގުތަކެއްނޫނެވެ. ޖުމްހޫރީ މަސައްކަތުގައި ރައްޔިތުން ނިކުމެ މަގުފާރު ރާނާފައިވާ ހިތަދޫ ބޮޑުމަގު ފިޔަވައި މަދު ގެއެއްގެ ގޯތީގައި ނޫނީ މަގުފާރުރާނާފައި ނެތް މަގުތަކެވެ. ދަނޑި ފަނުންފުޅައް އަޅާފައިވާ ވަރަށް އާދައިގެ އެކަމަކުވެސް ހަމަހިމޭންކަމާއި އަމާންކަން ވެރިވެފައި އޮތް މަގުތަކެވެ. އެއްގަމުގައި ދުއްވާ ތަފާތު ބާވަތްބާވަތުގެ އުޅަނދުތަކުންނާއި މަގުގައި ހިނގައި ބިނގައި އުޅޭ މީސްމީހުންގެ ފަރާތުންވެސް މިނިވަންކަން ލިބިގެންވީ މަގުތަކެވެ. އިންޖީނުލީ އުޅަނދުފަހަރު ނުދުއްވާތީ ރަށުގެ މަގުމަތީގައި ވަޅުވަޅުގަނޑު ހެދިފައެއް ނުހުރެއެވެ.  ކޮންމެ ގެއަކުންވެސް މަގުމަތީ ވިނަނޮޅައި ސާފު ކުރާތީ މަގެއްގައި ވިނަފަޅާފައެއް ވެސް ނޯވެއެވެ.  ގޯތި ތެރެއަށް ކަށިވެލިލާ ފަދައިން ރަށުގެ ގާތްގަނޑަކަށް ހުރިހައި މަގަކަށްމެ އޮންނަނީ ކަށިވެލިލާފައެވެ.  ދުވާލު ދެދަޅައަށް އަންހެންވެރިން މަގުމަތީގައި ކުނިކަހާތީ މަގުތައް އޮންނަނީ ވަރަށްވެސް ސާފުތާހިރުކޮށެވެ. 
          ރަށުގައި އޭރު ދުއްވައި އުޅުނީ އެއް އަތު އިނގިލިން ގުނައި ޢާދަދު ކުރެވިދާނެފަދަ މަދު އަދަދެއްގެ ބައިސިކަލެވެ. އެއިގެ ތެރެއިންވެސް އެންމެ ޚާއްޞަ އެއް ބައިސިކަލަކީ، ހިތަދޫ ރަށްދެބައިގޭ ދޮންރަހާބެޔާގެ ޢަބްދުﷲ ދީދީ ދުއްވި ތިންފުރޮޅުލީ ބައިސިކަލެވެ. އޭރު ޢަބްދުﷲ ދީދީ އަކީ ހިތަދޫ ކަތީބެކެވެ. އަނެއް ބައިސިކަލަކީ ހިތަދޫ ސަގަރު އަލިތައްޚާނު ދުއްވި ބައިސިކަލެވެ. ދެން ފެނިފައިވަނީ ބުގެ އަހްމަދުދީދީ ދުއްވި ބައިސިކަލާއި އެޅެދީދީގެ ޢަލިދީދީގެ ޢަބްދުﷲ ޢަފީފު ދުއްވި ބައިސިކަލާއި ހިތަދޫ ކަތްދާފާނުގެ ސަލީމު ދުއްވި ބައިސިކަލެވެ. އަޅުގަނޑު މިދަންނަވަނީ މީގެ އިތުރުން ފަހަރެއްގައި އަދި އެހެން ބޭފުޅަކު ބައިސިކަލެއް ނުގެންގުޅުއްވައެކޭ ނޫނެވެ. މަގުމަތިން މީގެ ބައިސިކަލެއް ދުއްވާފައި އަންނަ ޚަބަރު ލިބިއްޖެއްޔާ ކޮންމެ މީހަކުވެސް އެމީހަކު ކުރަން ހުރި ހުރިހައި މަސައްކަތެއް ދޫކޮށްފައި ބައިސިކަލް ދުއްވާފައިދާ ތަން ބަލަން ނުކުމެއެވެ. ދެފުރޮޅެއްގެ މަތީގައި އެގޮތަށް ދުއްވާފައި ދިއުމަކީ އެއީދެން ވަރަށް އާދަޔާ ޚިލާފު ބޮޑު އަޖައިބެއް ކަމަށް އޭރުގެ މީހުން ބުނެއުޅެއެވެ.  އަދި އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭވަރުގެ ކަމެއް ނޫންކަމަށްވެސް ބުނެ އުޅުނެވެ. އަދި އެ ދުއްވާ މީހާއަކީ އާދަޔާ ޚިލާފު މޮޅު ހުނަރެއް ލިބިފައިވާ މީހެއްކަމަށް ބަލައި ބައިސިކަލުގެ ފުރޮޅުން ބިންމަތީގައި އެޅިފައިހުންނަ ރޮނގު ފާހަގަކޮށް ކުދިވެރިން އެރޮނގުން ވަސްބަލައިވެސް އުޅެއެވެ.  އެއިން ބައިސިކަލެއްގައި އަތްލެވުނަސް އެއީ ވަރަށް ބޮޑު ފަޚުރެއްކަމަށް ބަލައި އުޅެއެވެ.
          އަޅުގަނޑުގެ ހަނދާނުގައި ހިތަދޫ މަގުމަތިން އޭރު ފެނުނު އެންމެ ބޮޑު ދުއްވާ އެއްޗަކީ، ގެރިގާޑިޔަލުގެ ދެފުރޮޅުކަހަލަ، ބޮޑުދެފުރޮޅުލީ އަތްގާޑިޔަލެވެ. އޭގެ ވެސް އޮންނަނީ ދެތިން ހަތަރު ވަރަކަށް އަތްގާޑިޔަލެވެ. ގާޑިޔަލެއް އޮތަސް އޮންނަނީ އެދުވަސްވަރުގެ ގޮތުން ފުދުންތެރިކަން ބޮޑު ގެއެއްގައެވެ. ހިތަދޫ ޙައްވާފާނުގެ ޢަލިމަނިކު އެބާވަތުގެ އަތްގާޑިޔަލެއް ގެންގުޅުއްވިއެވެ. އަދި އެޅެދީދީގެ އިބްރާހީމްދީދީ ވެސް ހަމަ އެކަހަލަ އަތްގާޑިޔަލެއް ގެންގުޅުއްވިއެވެ.  މިނޫނަސް ބައެއް އެހެން ބޭފުޅުންވެސް އަތްގާޑިޔާ ގެންގުޅުއްވިކަން ފާހަގަ ކުރެވެއެވެ. މި އަތްގާޑިޔާތަކުން އެއްތަނުން އަނެއްތަނަށް ތަކެއްޗާއި މުދާ އުފުލިއެވެ. އެއިތެރެއިން ގާޑިޔަލެއް ދުއްވަމުންދާއިރު، އޭގެ މައްޗަށް އަރައި އިށީނދެވިއްޖެނަމަ އެއީވެސް ދެން ކުރެވޭ ވަރަށް މޮޅުކަމެއް ކަމަކަށް ކުދިވެރިން ބަލައި އުޅުނެވެ.
          އަޅުގަނޑުގެ ހަނދާނުގައި ހިތަދުއަށް އެންމެ ފުރަތަމަ ގެނެވުނު މޮޓަރު ސައިކަލަކީ ހިތަދޫ ފެންފިޔާޒުގޭ ޙުސައިން އަޙްމަދު (އާރު.އޭ.އެފް. ޙުސައިން) ދުއްވި ސައިކަލެވެ.  މިއީ މިހާރު އަޅުގަނޑުމެން މިދެކޭ ބާވަތުގެ އަޑުމަޑު ރީތި ސައިކަލެއް ނޫނެވެ.  ބީއެސްއޭ ބްރޭންޑްގެ ބޮޑު ސައިކަލެވެ. އަޑުހަރު ސައިކަލެވެ.  ޕަކަޕަކަ ލައްވަމުން ދުއްވާ ސައިކަލެވެ.  ހުސައިން އަޙްމަދު މި ސައިކަލުން ތަނަކަށް ދާން ސައިކަލް ނެރޭ އިރަށް އަވަށު އެންމެން އެ މަންޒަރު ބަލަން އެއްވެއެވެ. ސައިކަލަށް އަރާ ގޮތާއި އިސްޓާޓަށް ޖަހާތަނާ ދުއްވާލާ މަންޒަރު ބަލަން މުސްކުޅިފުރައިގެ މީހުންވެސް ނުކުމެ ބަލަންތިބެއެވެ. އެ ސައިކަލް ދުއްވާފައި ދާލެއް އަވަސްކަމުން މީހުން ތިބެނީ އަޖައިބުން އަޖައިބު ވެފައެވެ.  ދެތިން ހަތަރު ފަހަރަކު ޕަކަޕަކަ ލާއިރަށް ސައިކަލްގޮސް ލޮލުކޮޅަށް އޮބާލާކަމަށް ވެއެވެ.  އޭރު އެބާވަތުގެ ސައިކަލް ދުއްވަން ދަންނަ މާގިނަ މީހުންނެއްވެސް ނޫޅެއެވެ. ހުސައިން އަޙްމަދާއި، ދޮންދިޔެގެ ތުއްތުދީދީގެ މުހައްމަދު ސައީދާއި، ހަމައެގޭ ޢަބްދުﷲ ޢަޒީޒު ފިޔަވައި ދެން އެހެން މީހަކު ހުރިކަމެއް އެނގިފައެއް ނެތެވެ.
          މަގުމަތީގައި ފުޅަފި އޮޑި ދުއްވުމާއި ފުރޮޅު ދުއްވުމާއި ބުމަރު ޖެހުމަކީވެސް އޭރު ކުދިވެރިން ކޮށް އުޅުނު ކަމެކެވެ. ފުޅަފި އޮޑި ދުއްވުމަކީ ކުއްޖަކަށް ފައިވަށްކޮށްލައިގެން އިށީދެވޭ ވަރުގެ ފުޅަތްޕެއް ހޯދައިގެން ފުޅަފީގެ އިސް ކޮޅުގައި ލޯވަޅެއް އަޅައި އެ ލޯވަޅުގައި ދިގު ރޯނުފަށެއް އައްސައިގެން ކުއްޖަކު ފުޅަފީގައި ބައިންދައިގެން ރޯނުފަށުގައި ހިފައިގެން އެހެން ކުދިން އަންބާ ކިޔަމުން ދަމަމުން ދުއްވާފައި ދިއުމެވެ. ކުރިންވެސް ދެންނެވިފަދައިން މަގުމައްޗަކީ ވަރަށް އަމާން ތަނަކަށްވުމާއެކު، މިކަން ކުރާކަށް ކުދިވެރިންނަކަށް އެއްވެސް ދަތިކަމެއް ނޯވެއެވެ. ފުރޮޅު ދުއްވުމަކީ ތަންކޮޅެއް ފަލަ ލޯނަރުން ފުރޮޅު ހަދައިގެން ދުއްވަމުން ދުއްވަމުން ދިއުމެވެ.  އާދައިގެ ފިހިގަނޑު ބުމަރާއި ކަށިބުމަރަކީވެސް ކުދިވެރިން ޖަހައި އުޅުނެވެ.  އަދި މީގެ އިތުރުން މަންޑިކުޅުމާއި ތިންފައި ރޭސް ދުއްވުމާއި ދަނޑިފައި ހިނގުމަކީވެސް ކުދިވެރިން ވަރަށް ގަޔާވެގެން ކުޅުނު ކުޅިވަރުތަކެވެ.  އަންހެން ކުދިން މަގުމަތީ ބަށިކޯޓު ކުރަހައިގެން ފަންވަތުން ބަށިވިޔެ ލަކުޑި ފިލާއަރިޔަކުން ބަށިކުޅެވެސް އުޅުނެވެ.  އަދި ޚާއްޞަކޮށް ވާރޭވެހޭނަމަ، ވާރޭ ފެނުން ތެމެންވެގެން އުޅުމާއި ވާރޭވެހި މަގުމަތީގައި ފެންގަނޑު ހެދިއްޖެއްޔާ، ކަށިކެޔޮފަތުން އޮޑިހަދައިގެންނާއި، ބޮނބިއޮޑި ހަދައިގެން ދުއްވުމަކީ ވެސް އޭރުގެ ކުދިންގެ އާދައެކެވެ.  މިކަން ކަން ކުދިވެރިން ކޮށް އުޅެނީ ކިޔަވަންދާ އެދުރުގެއަކަށް ގޮސް ކިޔަވައިގެން އައިސް ގޭގައި އުޅެން ލިބޭ ހުސްވަގުތު ތަކުގައެވެ.

އެދުވަސްވަރުގެ ކިޔެވުން ހުރިގޮތް:
         ހިތަދޫގައި މާކަގިނަ މަދަރުސާތަކެއް ނެތެވެ.  އަލްމަދުރަސަތުލް އިމްދާދިއްޔާ ނަމަކަށްކިޔާ މަދަރުސާއަކާއި އަލްމަދުރަސަތުލް ޙުސައިނިއްޔާ އާއި މަދުރަސަތުލް ބަނާތު ނޫން އެހެން މަދަރުސާއެއް އޭރަކު ނެތެވެ.  މަދުރަސަތުލް އިމްދާދިއްޔާ ހުރިތާނގައި މިހާރު އެހެރީ ހިތަދޫ ސްނޯބޯލް ޖަލީލުގެ ގެއެކެވެ.  މަދުރަސަތުލް ބަނާތު ހުރީ މިހާރުގެ ނަމުންނަމަ ސ.ހިތަދޫ ގުލިސްތާނުގޭ ގޯތިތެރޭގައެވެ.  އަލްމަދުރަސަތުލް ޙުސައިނިއްޔާ ހުރިތާނގައި މިހާރަކު އިމާރާތެއް ނެތަސް އެ އިމާރާތާ ވަރަށް ކައިރީގައި ދެބުރި އިމާރާތެއް “ޝަރަފުއްދީން ބިލްޑިންގު” ގެ ނަމުގައި ލައިބްރަރީއެއްގެ ގޮތުގައި އެބަހުއްޓެވެ.  މި ތިން ތަނުގެ ތެރެއިން މަދުރަސަތުލް ބަނާތަކީ އެތާގެ ނަމުންވެސް ދޭހަވާފަދައިންވެސް، ހަމައެކަނި އަންހެންކުދިންނަށް ކިޔަވައިދިން މަދަރުސާއެއްކަމަށް ވެއެވެ. އިމްދާދިއްޔާގައި ހިނގަމުން ދިޔައީ 1އެއް ވަނަ ކިލާހަށް ތައްޔާރުކުރާ ކުލާސްތަކެވެ. އެއީ މިހާރުނަމަ ގުރޭޑު އެކުން ހައެއްގެ ނިޔަލަށް ކުދިން ތައްޔާރުކުރާ ކުލާސްތަކެވެ. އޭރު އެއްވަނަ ކުލާހަކީ މިހާރުނަމަ ގުރޭޑު ހަތެކެވެ.  އިމްދާދިއްޔާއިން ފާސްވެގެން ދެން ދާތަނަކީ ޙުސައިނިއްޔާއެވެ. އެތާގައި އެވަނަ ކުލާހާއި ދެވަނަ ކުލާހާއި ތިންވަނަ ކުލާހާއި ހަތަރުވަނަ ކުލާހެއްވެސް އޮވެއެވެ.  އަޅުގަނޑުމެން ކިޔެވިއިރު އެ މަދަރުސާގައި ކިޔެވުން އޮންނަނީ ހަތަރުވަނަ ކިލާހުގެ ކިޔެވުން ފިޔަވައި އެހެން ކުލާސްތައް ދެ ދަންފަޅިއަށެވެ.  އެއީ އަންހެންކުދިން ނަށް ހެނދުނު ފިރިހެންކުދިންނަށް މެންދުރުފަހުން ކިޔަވައިދޭ ގޮތަށެވެ. ކުރިންވެސް ދެންނެވިފަދައިން އޭރު އެއްވަނަ ކުލާހަކީ މިހާރުގެ ގުރޭޑުހަތެކެވެ.  ދެވަނަ ކުލާހަކީ ގުރޭޑު އަށެކެވެ. ތިންވަނަ ކުލާހަކީ ގުރޭޑު ނުވައެއް ނުވަތަ ދިހައެކެވެ. ހަތަރު ވަނަ ކުލާހަކީ އެގާރަ ނުވަތަ ބާރައެވެ. އެގާރަ، ބާރައި ގައި ކިޔެވީ ދެޖިންސު އެއްކޮށެވެ.
މަދުރަސަތުލް ޙުސައިނިއްޔާގައި ކިޔެވި ބައެއް ދަރިވަރުން
          އަޅުގަނޑުމެން އުޅުނު ހަތަރު ވަނަ ކުލާހުގެ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންގެ ނަންތައް މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ.  އޭގެތެރެއިންވެސް ސ.ހިތަދޫ ބަހާރުގޭ ޑރ. މުޞްޠަފާ ލުޠުފީއާއި ހިތަދޫ ދިލްކަޝްގޭ އައްޝައިޚް އިދްރީސް ޙުސައިނާއި ހިތަދޫ މޫނިމާގޭ މުޙައްމަދު ފަހްމީއާއި ހިތަދޫ ޕޭޝަންފްލާވަރ ޢަލީ ވާފިރާއި ރައީސް މައުމޫންގެ ފޮޓޯ ގުރާފަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިތަދޫ ޙަސަން ނަޖުމީ އާއި ހިތަދޫ ހަންހާރުގޭ އަލީ ނަޞީރާއި ހިތަދޫ ފަތިސްހަނދުވަރުގޭ ޙަސަން ވަލީދާއި މީދޫ ޒާހިރާ ނާފިޒާއި ހިތަދޫ ވާރުގޭ މަރިޔަމް ފަރިޔާލާއި ހުޅުދޫ ބަންޑާރަދަޑިގޭ ޙަލީމާއި މަރަދޫ ޢަބްދުއްލަޠީފާއި މަރަދޫފޭދޫ އަލީ ނިޒާރަކީ ވަރަށް އެކުވެރި ވެށްޓެއްގައި ކިޔަވަމުން އައި ކުދިންކޮޅެކެވެ.  މިކުދިންނަކީ އޭރުވެސް މިހާރުވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރާ ދެނެފަރިތަ ރައްޓެހިންނެވެ. ރީތި އުޅުމަކާއި ރަނގަޅު ގުޅުމެއް އޮންނަ އެކަކު އަނެކަކަށް ހެޔޮއެދޭ ދަރިވަރުންކޮޅެކެވެ.
މަދުރަސަތުލް ޙުސައިނިއްޔާގެ ބާނީ
ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީން އަލްއަޒްހަރީ
          އަޅުގަނޑުމެން އިސްކޫލަށް ދިޔައީ ކަނޑައެޅޭ ވަކި ޔުނީފޯމެއްގައެއް ނޫނެވެ. އެހެންނަމަވެސްފޮތިންފަހައިގެން ބޮލުގައި އަޅައި އުޅުނު އަރިތާކިހަލަކުން އެއީ އެ މަދަރުސާގެ ކޮންބައެއްގެ ކުއްޖެއްކަން އެނގެން ހުރެއެވެ. ތާކިހަލުގެ އެއް އަރިމަތީގައި ދެތިން ކުލައަކުން ފައްޓާ ދަމާފައި ހުރެއެވެ. އަޅުގަނޑަކީ އިމްދާދިއްޔާގައިވެސް އުޅުނު މީހަކީމެވެ.  އަދި އެތަނުން ފާސްވެގެން ޙުސައިނިއްޔާއަށްވެސް ވަދެ ކިޔެވުން ނިންމި މީހަކީމެވެ.  އަޅުގަނޑުމެން ކިޔެވި މާއްދާތަކަކީ، ދިވެހިބަހާއި، ޤުރުއާނާއި، ތަޖްވީދާއި، ޞިއްޙަތާއި، ހިސާބާއި، އަރަބިލިޔުމާއި، ތާނަލިޔުމާއި، އަޚްލާޤާއި،ދީނިއްޔާތާއި، އިނގިރޭސިބަހާއި، ޢާއްމު މަޢުލޫމާތާއި، ޢަރަބިބަހާއި، ޖިއޮގްރަފީއެވެ. މިހުރިހައި މާއްދާއެއްވެސް ކިޔަވައި ދެއްވާފައި ވަނީ ވަރަށް ޤާބިލް، ވަރަށް ކުޅަދާނަ ޢިލްމީ ބޭބޭފުޅުންނެވެ. މަދަރުސާގެ ގަޑިތަކުގެ އިތުރުން ފިޤްހާއި، އަސްބާބުއްނުޒޫލާއި، ޙަދީޘް އިލްމާއެކު އަލްމިންހާޖުން ވަރަށްބޮޑު ބައެއް އަޅުގަނޑަށްވަނީ، އައްޝައިޚް މޫސަލްމުޞްޠަފާ އަރިހުން ކިޔެވުމުގެ ނަޞީބު ލިބިފައެވެ.
          އޭރުވެސް އަޅުގަނޑުމެންގެ ތެރޭގައި އިތުރު ޙަރަކާތްތަކެއް އޮތެވެ. ހަވީރުގަޑީގައި ސަފުހެދުން އޮވެއެވެ. އެއީ މިހާރުގެ ގޮތުންނަމަ ކެޑޭޓު ކަމަށް ބެލެވިދާނެއެވެ. އަންހެންކުދިންގެ ބަށިކުޅުމާއި އަންހެންކުދިންނާއި ފިރިހެންކުދިންގެ އުސްފުމުމާއި ދިގުފުމުމާއި ވައުދެމުމާއި ހައުސްތަކުގެ މެދުގައި ވާދަވާދައަށް މިކުޅިވަރުތައްވެސް ކުޅެފައި ވެއެވެ. އޭގެ އިތުރުން ކޮންމެ  ހުކުރުވިލޭރެއަކާއި ހޯމަވިލޭރޭ މަދަރުސާގައި މައުލޫދުފުޅު ކިޔުން އޮތެވެ.  މަދުރަސީ ކުޅިވަރުތައް ހަފުތާގެ ހުކުރު ދުވަސް ނޫން ހަމަ ކޮންމެ ދުވަހަކުވެސް އޮވެއެވެ. ހުކުރު ދުވަހަކީ މަދުރަސާގެ އެއްވެސް ޙަރަކާތެއް ހިންގާ ދުވަހެއްގެ ގޮތުގައި ހަމަޖެހިފައެއް ނޯވެއެވެ. ކިޔެވުން އޮންނަނީ ހުކުރުދުވަސް ފިޔަވައި ހަފުތާގެ އަނެއް ހަދުވަހުއެވެ.  ހުކުރު ދުވަހު ހުރިހައި ފިރިހެން ކުދިން ހުކުރަށްދާން ތައްޔާރުވެގެން ދާންޖެހެނީ މަދަރުސާއަށެވެ. އެތަނަށް ދިއުމުން، މަދަރުސާގެ މުދައްރިސަކާއެކު ހުކުރުމިސްކިތަށް ހުކުރަށް ދަނީއެވެ. އަދި އޭރު އެ މިސްކިތް ފިޔަވައި ހުކުރުކުރާ އެހެން މިސްކިތެއް ނުވެސް ހުރެއެވެ. މަދަރުސާއަށް ގޮސް މުދައްރިސެއްގެ ފަހަތުގައި ނޫންގޮތަކަށް އަމިއްލަ އަމިއްލަ އަށް ހުކުރަށް ހިނގަޖެނަމަ މަދަރުސާއިން އެ ދަރިވަރަކަށް އަދަބުވެސް ދެއްވައެވެ.  ކިޔެވުމުގެ ގަޑީގައިވެސް ނަމާދު ވަގުތެއް ދިމާވެއްޖެއްޔާ ވަގުތުން ކިޔެވުން ހުއްޓާލާފައި މުދައްރިސުންނާއެކުގައި ތަކުރުފާނު މިސްކިތަށް ނަމާދަށް ދާން ޖެހެއެވެ.
އަޅުގަނޑުގެ އިލްމުވެރި އެއް އުސްތާޛު ފަޟީލަތުއްޝައިޚް މޫސަލް މުޞްޠަފާ 
          އަޅުގަނޑުމެން ހުސައިނިއްޔާގެ ހަތަރުވަނަ ކިލާހުގައި އުޅުނުއިރު ވަރަށް ގިނަ ތަފާތު އަދަބީ ޙަރަކާތްތަކުގައި ބައިވެރިވާން ޖެހުނެވެ.  އެއިގެ ތެރޭގައި ޅެންވެރިންނާއެކު ހަވީރު ކުރުމާއި ބައިތު ބާޒީކުރުމާއި ބަޙުސްކުރުމާއި މުނާޤަޝާ އާއި ގޭތެރޭ ދިރިއުޅުމާއިބަސްހެދުމުގެ މުބާރާތްތަކާއި ޅެންހުށަހެޅުމުގެ މުބާރާތްތައްވެސް ބޭއްވިފައި ވެއެވެ.  މީގެ ތެރެއިން ބައެއް މުބާރާތްތަކަކީ ދެޖިންސުގެ ދަރިވަރުންގެ މެދުގައި ވާދަވެރިކަން ބޮޑު ގޮތެއްގައި ބޭއްވުނު މުބާރާތްތަކެވެ. އަނެއްބައި މުބާރާތްތަކަކީ ބައިތަކުގެ މެދުގައި (ހައުސްތަކުގެ މެދުގައި) ބޭއްވިފައިވާ މުބާރާތްތަކެވެ. ވާހަކަ ދެއްކުންވެސް އަދި ބަޙުސްކުރުންވެސް އޮންނަނީ ކުރީގައި ލިޔެގެން ދަސްކޮށްގެނެއް ނޫނެވެ. މިއިން އެއްވެސް މުބާރާތަކަށް އެއްޗެއް ލިޔެގެން ދަސްކުރުމަކީ އޭރު ކޮށް އުޅުނު ކަމެއްނޫނެވެ.  އެންމެ ބުރަ ކަމަކަށް ވެފައިވަނީ ބައެއްކަހަލަ ބޮޑެތި ފޮތްފޮތް ހިތުދަހަށް ދަސްކުރަން ޖެހުމެވެ.   އެކަމަކުވެސް، ހިތުދަހަށް ދަސްކުރުމަކީ ކިހައި މުހިއްމުކަމެއްކަން ފަހުން އިޙްސާސްކުރެވުނެވެ. އެދުވަސްވަރަކީ ކަރަންޓުގެ ނިޢުމަތުން މަޙުރޫމްވެފައިވާ ދުވަސްވަރެއްކަމަށް ވުމުން އިސްކޫލުގައިވެސް ކަރަންޓެއް ނޯވެއެވެ. ޓިއުބްލައިޓެއް ފަންކާއެއް ނުހުރެއެވެ.  އިސްކޫލު ގަޑީގައި މާބޮޑަށް ވިއްސާރަވެ އަނދިރިވެއްޖެއްޔާ ބިގަރު ދިއްލަނީއެވެ. ގޭގައިވެސް ކުރާ ހުރިހައި މަސައްކަތެއް ކުރަން ޖެހުނީ ފުޅިބައްތީގެ އަލީގައެވެ. އެހެންނަމަވެސް މިއިން ހަމަ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފަހަކަށް ނުޖެހެމެވެ. 
          އަޅުގަނޑުމެން ކިޔަވަން އުޅުނު އިރު މަދަރުސާގައި އަހަރެއްގެ މައްޗަށް އޮންނަނީ ދެ އިމްތިޙާނެވެ. އެއީ އަހަރުގެ ކުރީކޮޅު ހަ މަސްފަހުން އޮންނަ ކުޑައިމްތިޙާނާއި، އަހަރު ނިންމާލަމުން ބާއްވާ (ޕްރޮމޯޝަން ޓެސްޓް) ބޮޑު އިމްތިޙާނެވެ.  މިނޫން އެހެން އެއްވެސް އިމްތިޙާނެއް މަދަރުސާގައެއް ނޯވެއެވެ.  މި ދެ އިމްތިޙާނުގެ ތެރެއިން ފުރަތަމަ އިމްތިޙާނު ގެ ކަރުދާސް ތައްޔާރުކޮށް އިމްތިޙާނު ހުށަހެޅީ މަދަރުސާގެ ފަރާތުންނެވެ.  އަހަރުފަހު އިމްތިޙާނަކީ އަތޮޅުގެ ހިތަދޫފިޔަވައި އެހެން ކޮންމެ ރަށަކުން ކަތީބަކު ހުންނަވައިގެން އެބޭފުޅުން ތައްޔާރުކުރައްވާ އިމްތިޙާނެކެވެ.  އޭރު އެ އިމްތިޙާނުގެ ކަންތައް ހިންގަވައި ބެލެހެއްޓެވީ މަރަދޫ ކަތީބު ޢަބްދުﷲ ޖަމާލާއިމަރަދޫފޭދޫކަތީބު އަޙްމަދު ޒާހިރާއި ފޭދޫކަތީބު ދޮންއަލިފުޅުގެ ދޮންތުއްތުއާއި ހުޅުދޫކަތީބު ޢަލީ ޢަބްދުﷲ މަނިކުފާނާއި މީދޫކަތީބު ޢަބްދުﷲ ނާފިޒެވެ. އިމްތިޙާނު ކައިރިވުމުން އެބޭފުޅުން މަދަރުސާއަށް ވަޑައިގެން ކިޔެވުން ގޮސްފައިވާ ހިސާބު އެކިއެކި މުދައްރިސުންނާއި އިސްކޫލުގެ ނާޒިރާއި ބައްދަލުކުރައްވައި ސާފު ކުރައްވައެވެ.  އެއަށްފަހު އިމްތިޙާނަށް ކަރުދާސްތައް ގެންނަވައިގެން އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ސުވާލުތައް ކަޅުބޯޑުގައި ލިޔުއްވަނީއެވެ. ލިޔެފަ ބޯޑުބަހައްޓަނީ ލިޔުނު ފަރާތް ނުފެންނަ ގޮތަށެވެ.  ކުލާހަށްވަދެ ކަރުދާހައި ޤަލަމް ނަގައިގެން ޖަވާބުދޭން ތައްޔާރު ވުމުން އެއްކަލަ ބޯޑު ( އިމްތިޙާނު ކޮމިޓީގެ ހާޒިރުގައި ) ކުދިންނަށް ފެންނަހެން ބަހައްޓަނީއެވެ.  ދެން އޭގައި ހުރި ސުވާލުތަކުގެ ހަމައެކަނި ޖަވާބު ލިޔަނީއެވެ.  ސުވާލުތަކަށް ޖަވާބުދީ ނިމުމުން ކަރުދާސްތައް އަތުލުމަށްފަހު ބޯޑު ފޮހެލަނީއެވެ.
          އަޅުގަނޑުމެން ހުސައިނިއްޔާގައި އުޅުނުއިރު، ދަރިވަރުންގެ މެދުގައި އޮތީ ހަތަރު ބައެވެ. އެއީ މިހާރު ކިޔާގޮތުން ހަތަރު ހައުސް އެވެ. އޭރު އޮތީ ދަނބު، ކާނި، ހެލެނބެލި، މަދޮށި މި ހަތަރު ބައެވެ. މިހާރުގެ ސްކޫލުތަކުން ހައުސްތަކުގައި ކުރާ ވާދައަށް ވުރެ މާބޮޑަށް އަޅުގަނޑުމެން ކިޔެވި އިރު ހައުސްތައް ވާދަ ކޮށްފައި އެބަހުއްޓެވެ. ގިނައިން ބޭއްވިފައިވަނީ އަދަބީ މުބާރާތްތަކެވެ.  މީގެ އިތުރުން އަންހެންކުދިންނާއި ފިރިހެން ކުދިންގެ މެދުގައި ވަރަށްބޮޑު ވާދައިގެ ރޫޙަކާއެކު ދެ މަޖައްލާއެއްވެސް ނެރެމުން ދިޔައެވެ. އެއީ އަންހެން ދަރިވަރުންގެ “މަޖައްލަތުއް ނާފިޛާ” އާއި، ފިރިހެން ދަރިވަރުންގެ “މަޖައްލަތުއް ރާބިޙާ”އެވެ.  މި ދެމަޖައްލާގައިވެސް ހުރިހައި މަސައްކަތެއް ކުރަންޖެހެނީ ދަރިވަރުން އަމިއްލައަށެވެ.  މަޖައްލާ ނެރުނީ އަތުން ލިޔެގެންނެވެ. ކުރެހުންތައްވެސް އަތުން ކުރަހައިގެންނެވެ. އެކަމަކުވެސް އެއިން އެއްވެސް މަޖައްލާއެއްގެ ފެންވަރު މިހާރު މި ތަހްޛީބު ޒަމާނުގައި މިނެރެވޭ އިސްކޫލް މަޖައްލާއަކަށް ވުރެ ހަމަ އެންމެ ތަންފުކެއްވެސް ދެރަވަރެއްނޫނެވެ.  
          އަޅުގަނޑު ޙުސައިނިއްޔާގައި އުޅުނުއިރު ހިޖުރީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ބާރަ ވިލޭރޭ މަދަރުސާގައި މައުލޫދެއް ކިޔުން އޮވެއެވެ. އެމައުލޫދުތަކަށް ކުރި ހުރިހައި ޚަރަދެއް ކުރީ މަދަރުސާގެ ޠާލިބާއިންނެވެ.  ޠާލިބުންގެ ކަމަކަށް ވެފައި އޮތީ އެރެއަކަށް މަދަރުސާ ޒީނަތްތެރިކޮށް މައުލޫދު ކިޔުމެވެ. މިދެންނެވި ބާރަ ވިލޭރޭ މައުލޫދު ފަށާފައިވަނީ މެންދަމުން އަލިވެ ދެގަޑި ބައި ގައެވެ. މައުލޫދު ފައްޓަވައި ދެއްވާފައިވަނީ އޭރަކު މަދަރުސާގައި ތިއްބަވާ ދީނީ ޢިލްމުވެރިންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ. އަޅުގަނޑުދުށް އެންމެ ފަހު މައުލޫދު ފައްޓަވައި ދެއްވީ އައްޝައިޚް މޫސަލް މުޞްޠަފާއެވެ.  މައުލޫދު ކިޔަމުން އައީ ފަޖުރުލާއިރަށް ދެބައިވާ ގޮތަށެވެ.  ފަތިސްނަމާދަށް މައުލޫދު ހުއްޓާލުމަށްފަހު ހުރިހައި ފިރިހެން ކުދިން ތަކުރުފާނު މިސްކިތަށް ފަތިސް ނަމާދަށް ދާނެއެވެ.  މައުލޫދު ކެއުން (ހެނދުނު ނާސްތާ) އޮންނާނީ ނަމާދަށްފަހު މަދަރުސާއަށް އައިހެވެ.  އޭރު އަންހެންކުދިން ހުންނާނީ ސުފުރާ ތައްޔާރުކޮށްފައެވެ.  ކައިގެން ނިމުމުން އެވީ ދެން ގެއަށްދާށެވެ.
          މިހާރު މިފެންނަމުންދާ ގޮތާ ޚިލާފަށް އަޅުގަނޑުމެން ކުޑައިރު ކިޔަވައިގެން ގެއަށް އަންނައިރު އެއްވެސް ބަޔަކާއި ދިމާކޮށް މަލާމާތްކޮށް ހަޅޭއްލަވައި ސަކަރާތެއް ނުޖަހަމެވެ. ގެއަށް އަންނަނީ މަގުމަތިންފެންނަ ބޮޑެތި މީހުންނަށް އިޙްތިރާމްކުރަމުން ކުޑަކުދިންނަށް ހަމްދަރުދީ ވަމުންނެވެ.  ބޮޑުމީހަކު ހިނގާފައި ދަނިކޮށް އެމީހެއްގެ ކުރިކަނޑައި ދިއުމަކީ އަޅުގަނޑުމެން ކުރިކަމެއްނޫނެވެ. އެއީ އަޅުގަނޑުމެން ދުށްގޮތުގައި ވަރަށް ވިޔާނުދާކަމެކެވެ. އަޅުގަނޑުމެންނަށް މަދަރުސާއިން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެން މަދަރުސާއިން ގެއަށް، ގެއިން މަދަރުސާއަށް އައިސް ގޮސް އުޅެމުއެވެ. އަދި އެނޫން ތަނެއްގައި އުޅޭއިރަކުވެސް މަދަރުސާއިން ދެއްވާ އިރުޝާދުތައް ބޮލާލައި ޖަހައި ބައެއްކަމުގައި އަޅުގަނޑުމެން ނުވަމުއެވެ.  އޭރުވެސް މިހާރުވެސް އަޅުގަނޑުމެންނަށް ކިޔަވައި ދެއްވި މުދައްރިސުންނަށާއި އެބޭފުޅުންގެ އާއިލާއަށް އަޅުގަނޑުމެން ޤަދަރުކުރަމެވެ. އިޙްތިރާމް އަދާކުރަމެވެ.
އެދުވަސްވަރުގެ ބައެއް އާދަކާދަ:        
ހުކުރުހޯމަ ޞަލަވާތްޕުޅު:
          އޭރު ރަށުގެ ހަމަ ހުރިހައި ގެއްގައި ހުކުރުވިލޭރެއާއި ހޯމަވިލޭރޭ  ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތްފުޅު ކިޔެވުން އޮވެއެވެ.  މިޞަލަވާތްފުޅަކީ މެދުކެނޑުމެއްނެތި މިދެންނެވި ދެރޭ ޤަވާޢިދުން ކިޔަވަމުން އައި ޞަލަވާތްފުޅެކެވެ. އޭރު ޞަލަވާތް ފާތިޙާ ކިޔަވަން ދަންނަ މާގިނަ ބަޔަކު ނޫޅޭތީ އެކަން ކުރުވަނީ އެ ކަން ދަންނަ ބަޔަކުލައްވައެވެ. އޭރު އެކަން ކުރަމުން އައީ ދީނީ އަޅުކަމެއްގެ ގޮތުގައެއްނޫނެވެ.  އެކަންކުރުވަމުން އައީ، ކީރިތި ރަސޫލާގެ މައްޗަށް އޭރު އުޅުނު މީހުންގެ ހިތްތަކުގައި އުފެދިފައިއޮތް ޚާއްޞަ ލޯތްބަކާއި އިޙްތިރާމެއް އޮވެގެންނެވެ.  އެމާތް ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ބަލައިގެންނެވެ.  އަދި އެއީ އޭރުގެ މީހުންގެ ސަޤާފަތުގެ ތެރޭގައި ހިމެނިފައިއޮތް ކަމެއްކަމަށް ވެސް ބަލައިގެންނެވެ. ޞަލަވާތްފުޅު ކިޔަވާ ޙާޒިރުގައި އަންހެންވެރިންނެއް ނުއުޅޭނެއެވެ. އަދި ހަމައެހެންމެ ކޮންމެ ގެއަކުންވެސް ޞާލަޥާތްފުޅު ކިޔެވުމަށް އަޑުބަޑު ނީވޭ އަމާން މާޙައުލެއް ޤާއިމް ކޮށްދޭނެއެވެ.
ދެނަމާދުދޭތެރޭ ޤުރުއާން ކިޔެވުމާއި ރޭގަނޑުގެ ނިދުން:
          މިހާރު އަޅުގަނޑުމެންގެ ގޭގެއިން އިރާކޮޅު މިއިވޭ ލަވަޖެހުމާއި ޓީވީބެލުމުގެ އަޑެއް އޭރަކު ނީވެއެވެ. ފިރިހެނުން މިސްކިތުގައި އަންހެނުން ގޭގައި ކުޑަކުދިން ފަހަތުލައިގެން ނަމާދު ކޮށް އަވަދިވެގެން ދެނަމާދުދޭތެރޭ ގޭގައި އޮންނާނީ މުޅިންވެސް ޤުރުއާންކިޔެވުމެވެ. ޢާއްމުކޮށް ބަޤަރާސޫރަތް ކިޔެވުމެވެ. އަޅުގަނޑުހިތުން މިހާރުވެސް ދެނަމާދު ދޭތެރޭގައި ބަޤަރާ ސޫރަތް ކިޔެވުމަކީ ޖިންނި ޝައިޠާނުންގެ އުނދަގުލުން ސަލާމަތްކަން ލިބޭ ކަމެކެވެ.  ޢިޝާނަމާދަށް ބަންގިގޮވަންދެން ޤުރުއާން ކިޔެވުންމަތީ އެންމެންވެސް ދެމިތިބޭނެއެވެ. މިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް އިސްތިސްނާއެއް ނެތިއެވެ. ނަމާދަށް ބަންގި ގޮވުމުން ފިރިހެންކުދިން ގޮވައިގެން ބައްޕަ މިސްކިތަށް ދާނެއެވެ. އަންހެން ކުދިން ގޮވައިގެން މަންމަ ގޭގައި ނަމާދުކުރާނެއެވެ.
          ރޭގަނޑުގެ ކެއުން އޮންނާނީ އިޝާނަމާދުން ނިމިގެންނެވެ. ކައިގެން މާކަ ގިނައިރެއް ނުކޮށް ދެންއެވީ ނިދާށެވެ. ގަޑިން ނުވައެއްޖަހާ އެހައިކަންހާއިރު ރަށުގެ އެންމެންހެން ގޭގެ ދޮރު ތަންޑުއަޅުވައިގެން ނިދަން އެނދަށްއަރާނެއެވެ. ކޮންމެ މަޔަކުވެސް ކޮންމެ ބަފަޔަކުވެސް ނިދުމުގެ ކުރިން ކުދިވެރިންނަށް ކުރުސި ކިޔައިދީ ޝާހާދަތްކިޔައިދޭނެއެވެ.
ބާރަމަހު ދުޢާކިޔުން:
          ބަރަކާތްތެރި ރަބީޢުލް އައްވަލުމަހަކީ ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރާ މަސްކަމަށްވާތީ އެމަހަށް ހަނދުބެލީއްސުރެ ގިނަގޭގޭގައި ކޮންމެ ރެއަކުވެސް ދުޢާކިޔުން އޮވެއެވެ. މިކަމަކީ އެގެއެއްގައި ހުކުރުހޯމަ ދެރޭ ޞަލަވާތްޕުޅު ކިޔަވާ މީހާ ލައްވައި ކުރުވާ ކަމެކެވެ.  މި ދުޢާ ކިޔުމުގެ އެންމެފަހު ދުވަހަކީ ބާރަ ވަނަ ދުވަސްކަމަށްވާއިރު އެ ދުވަހަކީ އަދި ވަކިން ޚާއްޞަ ދުވަހެއްކަމަށް ވެސް އޮންނަނީ ވެފައެވެ. އެ ދުވަހު ދުޢާ ކިޔާމީހާ ދުޢާ ކިޔަން އަންނަނީ އެކަންޏަކު ނޫނެވެ. އެމީހާއާއެކު ވަރަށްގިނަ ޒުވާންކުދިންގެ ބޮޑު ޖަމާޢަތެއްވެސް އޮވެއެވެ. އެދުވަހު ދުޢާކިޔާއިރު، އެގެއެއްގައި ހިމެނޭ ކޮންމެ މީހަކަށް ދުޢާއެއް، ގެއަށް ދުޢާއެއް، ބަދިގެއަށް ދުޢާއެއް، ފުރާދުއްވާ އުޅަނދެއް ހުރިނަމަ އެއަށްވެސް ދުޢާއެއް ކިޔުން އޮވެއެވެ.  ބާރަމަހު ބާރަވަނަ ދުވަހުގެ ދުޢާކިޔަން އަންނަ މީހުންނަށް ބޮނޑިބަތް ގުޅަ ފަދަ ކޮންމެވެސް ފޮނިކާއެއްޗަކުން ޞަދަޤާތްކޮށް އުޅެއެވެ.
ބާރަމަހު ބާރަވަނަ ދުވަސް:
          ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ގޮތުން ކޮންމެ ގެއަކުންވެސް ކެއިންކައްކައި އެ ތަކެތިން ވީހައި ގިނަބަޔަކަށް ޞަދަޤާތްކޮށް ހެދުމަކީ އޭރު އޮންނަ އާދައެކެވެ. ކުކުޅުހާ ކަތިނުލާ ގެއެއް ވަރަށްވެސް މަދުވާނެއެވެ. އަދި އެދުވަހާ ގުޅިގެން ފުދުންތެރި މީސްމީހުން ގޭގޭގައި މައުލޫދު ކިޔުއްވައިވެސް އުޅެއެވެ. ކުކުޅު ހާލަކީ އެދުވަހު ކަތިލަން ޚާއްޞަކޮށްގެން ދުރާލާ ގޭދޮށުގައި ކާންދީގެން ގެންގުޅޭ ތަކެއްޗެވެ.  ގޭދޮށުގައި އެފަދަ އެއްޗެއް ނެތްނަމަ، ތަނަކުން ގަނެގެންވެސް ކުކުޅުހާ ކަތިލުމަކީ އޭރުގެ މީހުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމެއް ކަމަށް ވެއެވެ. މިކަންވެސް ކުރަމުން އައީ ކުރީއްސުރެ ވާރުތަވަމުން އައި އާދަކާދައަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.
ޚާއްޞަ ދުވަސްދުވަހަށް ވޮށް ދިއްލުން:   
          އިހުމީހުން ގޭގޭގައި ދިއްލަން ގެންގުޅުނު އެންމެ އަބުރުވެރި އެންމެ އިއްޒަތްތެރި އެއްޗަކީ ވޮށެވެ. މިއީ ކާށިތެޔޮ އަޅައި ހަތް ފުއް ދިއްލޭ ގޮތަކަށް ލޮއިން ހަދާފައި ހުންނަ އެއްޗެކެވެ. އެއްވެސް ގެއެއްގައި އާންމުކޮށް ކޮންމެ ރެއަކު ވޮށެއް ނުދިއްލާނެއެވެ.  ވޮށް ދިއްލާނީ އަހަރުތެރޭގައި އަންނަ ދީނީ ޚާއްޞަ މުނާސަބު ދުވަސްދުވަހުގައެވެ.  މިގޮތުން ރަބީޢުލްއައްވަލު މަހުގެ ފުރަތަމަރޭ ވޮށް އުނގުޅައި ރީތިކޮށް ވޮށުގައި މައުލައި އިރުއަރަންދެން ހަތްފުއް ދިއްލާފައި އޮވެއެވެ.  އޭގެ އިތުރުން ރަމަޟާންމަހުގެ ހަނދުބަލާރެއާއި ރަމަޟާންމަހުގެ ހަތާވީސްވިލޭރެއާއި ރަބީޢުލްއައްވަލު މަހުގެ ބާރަވިލޭރެއާއި ފިޠުރުޢީދުވިލޭރެއާއިއަޟްޙާޢީދުވިލޭރެއާއި ޙައްޖުވިލޭރޭ މިދެންނެވިހެން ވޮށް ދޮވެ ސާފުކޮށް މައުލައި ދިއްލާފައި އޮވެއެވެ.  މީގެ އިތުރުން މިދެންނެވި ރޭރޭ  މީރުވަސްދުވާތަކެތިން ގެއާއި ގޯތި ތެރެއަށް ދުންބުރުވައިވެސް ހަދައެވެ. އަދި ޚާއްޞަކޮށް ބާރަވިލޭރޭ ކޮންމެ ގެއެއްގެ ގޭދޮށު މަގުމައްޗަށް ވާހެން ފުޅިބައްތިއެއްވެސް ދިއްލާފައި އޮވެއެވެ. އެއީވެސް ރޭގެ މުނާސަބަތަށްޓަކައި ތަން ޒީނަތްތެރި ކުރުމުގެ ބޭނުމުގައި ކުރަމުން އައި ކަމެކެވެ.
ރޯދައަށް މޫދަށް ދިއުން:
          ކޮންމެ އަހަރަކުވެސް ރަމަޟާންމަސް ކާރިވާން ފެށުމުން މޫދަށްދާމީހުންގެ ޢަދަދު ގިނަވަމުންދެއެވެ. ޚާއްޞަކޮށް ރާޅާއަޅަން (ދުއްވޭލިއަޅަން) ފިލާގަނޑެއް ނުވަތަ މަޅުގަނޑެއް ހިފައިގެންދާ ޒުވާން ފިރިހެން ކުދިންގެ ޢަދަދު ވަކިން ގިނައެވެ. ރަމަޟާންމަހާ ދިހަ ވަރަކަށް ދުވަހަށް ކައިރިވީމާ ހަމަ ކޮންމެ ގެއަކުންވެސް ކުދިވެރިން ގޮވައިގެން ބޮޑެތިމީހުން މޫދަށް ދާނެއެވެ.  ކުދިންވެރިން މޫދަށް ދަނީ އެކިބާވަތްބާވަތުގެ ކާތަކެތި (މާހެފުން) ހިފައިގެންނެވެ. އޭގެތެރޭގައި ގިނަވާނީ ފޮނި ކާއެއްޗެއްސެވެ. މި ދުވަސްވާރާ ދިމާކޮށް ގޭގޭގައި ރޯދައަށް ދޮންނަން ޖެހިފައި ހުންނަ މަދިރިގެ ތަކާއި އެތެރެގޭ މެދުފޮތިގަނޑާއި މަސާރީއާއި، ކުރާ، އުނދުޅި ދޭފަތް، ތެލިތާސްފަދަ ތަކެތިވެސް ދޮވެ ރަމަޟާންމަސް އަންނަންވާއިރަށް ތައްޔާރުކުރެއެވެ.  މަދިރިގެ ދޮންނަން ހަދާގޮތަކީ، ފުރަތަމަ ދުވަހު މަދިރިގެ މޫދަށް ގެންގޮސް މޫދުގައި ހަތަރު ކަޑަޖަހައި އޭގައި މަދިރިގޭގެ ހަތަރުކަން ބަނދެ މޫދުތެރޭގައި މަދިރިގެ އޮންނާނޭހެން ބާއްވަނީއެވެ.  ދެން އަނެއް ދުވަހު ގޮސް މަދިރިގެ ދޮވެގެން މިސްކިތުވަޅުން ލޮނު ދޮވެގެން އަވީލައި ހިއްކަނީއެވެ.  މިގޮތަށް މަދިރިގެއެއް މޫދުގައި އޮވެ ކިތަންމެ ދުވަހެއް ވިޔަސް އެހެން މީހަކު އެ މަދިރިގެ ނަގައިގެން ގެއަކަށް ނުގެންދާނެއެވެ.  އަދި ކަޑަ އުފުރާލާފައި  ބައްސައެއްވެސް  ނުލާނެއެވެ. 
އަންހެންކުދިން ލިބާސްލެއްވުން:

          މިހާރު މިއުޅޭހެން އޭރުގެ އަންހެންކުދިންނަކީ ވަކި އުމުރަކަށް ދަންދެން ލިބާސްލައި އުޅުނު ބައެއްނޫނެވެ. އޭރު އަންހެން ކުދިންނަކީ ފެންވަރުވައި ތެޔޮލައްވައި އަނދުންކޫރި ދަމައި ބޮލުގައި ފުނާއަޅައި ބޮލުހުޅީގައި މައުލައި ހިމުގައި ގޮށްފައްޓަރު އަޅައި ބާސްކީލަށް ގަހަނާއަޅައި ކަނޑިކި އަންދުވައި ނަލަހައްދާފައި ތިބޭ ބައެކެވެ.  ލިބާހަށް ކުއްޖާ ކިތަންމެ އައިބު ވިޔަސް އުމުރުން ތޭރަ، ސާދަ ފަނަރަ ވުމުގެ ކުރިޔަކުން ލިބާހެއް ނުލައްވާނެއެވެ. އެހެން އެކަން އޮތަސް އެއްވެސް ބަޔަކު އެކުދިންނާ ދިމާކޮށް ހުތުރުބަސްތައް ބުނެ ފުރައްސާރައެއް ނުކުރެއެވެ.  ލިބާސްލެއްވުމަށްޓަކައި ހޭދަކުރަންޖެހޭ ވަރުގެ ތަނަވަސްކަން ލިބި ލިބާސް ލައްވަންވުމުން އެކަމަށްޓަކައި ތިން ލިބާހެއް ތައްޔާރު ކުރާނެއެވެ.   ފަންޑިތަވެރިޔަކު ގެނެސްގެން އެއިތެރެއިން ފުރަތަމަ ލައްވަންޖެހޭ ލިބާހުގެ ކަރުއޮޅުގެ އެތެރެފަރާތުގައި ލިޔެ ދުޢާވެރިކަން ކިޔަވައި ހަނޑޫބަސްތާއެއް ނުވަތަ ނަބާޒި ހަކުރުބަސްތާއެއްފަދަ އެއްޗެއްގެ މަތީ ކުއްޖާ ބަހައްޓައިގެން ލިބާސް ލައްވައެވެ.  ބިސްމި ކިޔާފައި ފުރަތަމަ ލިބާސް ބޮލުން ވައްޓައިދޭނީ ފަންޑިތަވެރިޔާއެވެ. އެ ލިބާސް ލެއްވުމަށްފަހު އޭގެ މަތިން އަނެއް ދެ ލިބާސްވެސް ލައްވައެވެ.  ދެން އެއަންހެންކުއްޖާ ގޮވައިގެން ގެއިން ބޭރަށް ޢުޑުފެންނަ ހިސާބަށް ނިކުމެ ސާފުފެނުން ދެފައި ދޮއްވައެވެ.  އެކުއްޖާ ބޮޑު އަންހެނަކަށް ބަލަނީ މިދެންނެވިހެން ލިބާސްލައްވާ ދުވަހުން ފެށިގެންނެވެ.  ބައެއް ގޭގައި ލިބާސްލައްވައިގެން ދެރޭ ދެދުވާލަށް، ތިންރޭ ތިންދުވާލަށް، ނުވަތަ ހަތްރޭ ހަތްދުވާލަށް މައުލޫދުފުޅު ކިޔާފައިވެސް ވެއެވެ.  
އަންހެން ކުދިންނަށް ލިބޭ ކަށިމަލާއި އުނިމަލުގެ ހަދިޔާ:
          ހިތްކިޔާ އުމުރުފުރައިގެ ކުދިންނަށް ފިރިހެން ކުދިންގެ ފަރާތުން ލިބޭ އެންމެ އަގުބޮޑު އެއް ހަދިޔާއަކީ އުނިމަލާއި ކަށިމަލުގެ ހަދިޔާއެވެ. ސިޓީއެއް، އެސްއެމްއެސް އެއް ނުލިބެއެވެ. ބައެއްފަހަރު ފުނަމަލާއި ފޮނިމާ ގެންގުޅުނަސް،  އެއީ ޢާއްމުކޮށް އަންހެން ކުދިން ޒީނަތްތެރި ވުމުގައި ބޮލުހުޅީގައި ލާން ބޭނުން ކުރާ ދެވައްތަރުގެ މަލެވެ. ފަތިސްނަމާދަށް ފަހު ފިރިހެން ކުދިން ވަލަށްވަދެ އުނިގަސްގަހުން މައު ބިނދެއެވެ.  ދެން އެ ބިންނަ މައުތައް އުނިގަހުގެ ފަތުން ދެފަތު ގޮށްޓެއް ހަދައިގެން އެއަށް އަޅައިގެން ފެންޖަހައިގެން ގޮށީގެ މަތި ބަންދުކޮށްގެން ގޮސް އެއްކަލަ ހިތްއެދޭ ކުއްޖާއަށް ހަދިޔާކުރެއެވެ. ދެން އެ މައުތައް ފެނަށްލައި ބެހެއްޓުމުން ހަވީރުވާއިރަށް ހުންނާނީ ފަރިވެ ފޮޅިފައެވެ. ދެން އެ މަލުން މައުފައްޗެއް ގަތައިގެން ކަށިމަލުގެ ފިޔަތަކާއެކު ބޮލުހުޅީ ލައިގެން އަންހެން ކުދިން އުޅެއެވެ. އެއީ ބޮލު ހުޅީގައި މީރުވަސް ދުއްވަން އޭރުގެ ކުދިންނާއި އަންހެނުން ކުރިކަމެކެވެ.

ފުރައްދެ އަލަ، ބަނބުކޭލަކީ އެދުވަސްވަރު ވަރަށް ގިނައިން ކައިއުޅުނު އެއްޗެއް
އޭރު ކާންހުންނަ ކާތަކެތި:
         ބަނބުކޭލާއި ފުރައްދެއަލައާއި އޮޅުއަލައާއިފަތްކޭލާއި،ކައްޓަލައާއިކާށްޓާއި ކަނޑުމަހާއިކަރުހަކުރާއި ފަތުލިހަކުރަކީ އެދުވަސްވަރުގެ މައިގަނޑު ކާނާއެވެ. ވަރަށްބޮޑަށް ފުދޭ މުއްސަނދި ގެއަކުން މެނުވީ ހަނޑޫ ހަކުރެއް ފުށެއް ނުގެންނުޅޭނެއެވެ.  ގެންގުޅުނަސް އެއީ އެމީހުންވެސް އާދަވެގެން ކާން ގެންގުޅުނު ތަކެއްޗެއްނޫނެވެ.  ބަނބުކެޔޮ ފެނުކައްކައިގެން ،ނުވަތަ ފުރައްދެއަލަ ފެނުކައްކައިގެން ނޫންނަމަ ހިއްކި ބަނބުކެޔޮ ފެނުކައްކައިގެން އެއާއި، ކާށި ހުންޏާއި މޮޑެ  މޫދުލޮނު އަޅައިގެން އޭރު އެކެއި ކެއުމަކީ ނުބައި ކެއުމެއް ނޫނެވެ.  ވަރަށް މީރު ކެއުމެކެވެ.  ކަރުހަކުރާއި، ފަތުލިހަކުރާއި، ދިޔާހަކުރާއި މަސްކަނޑައިގެން ބާކީވާ ހާމަހާއި އުތުވާފައި ހުންނަ ގަބުޅިއާއި ލިޔެފައި (ހޮޅިލާފައި)ހުންނަ ކާށްޓާ މިތަކެއްޗަކީވެސް ހެދުނުގެ ސަޔަކަށް ވުރެން ވަކި ދެރަ އެއްޗެއްނޫނެވެ.  މިތަކެތި ކައިގެން ބޮޑުވެފައިތިބި އަޅުގަނޑުމެންގެ ކާބަފައިންނަކީ އަޅުގަނޑުމެންނަށްވުރެ ވަކިން ހިތްވަރުދެރަ ބައެއްވެސް ނޫނެވެ. ހަށިގަނޑުގެ ބާރުވެސް ވަކި ސަހަލު ބައެއްނޫނެވެ.
މަޖިލިސްތަކަށް ދާއިރު ބޮލުގައި ރުމާއެޅުން:
          އެއްވެސް ބާވަތެއްގެ އެއްވެސް މަޖިލީހަކަށް ދާކަމަށް ވަންޏާ އޭރު އޮތް އާދަކާދައިގެ މަތިން ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ނިވައި ކުރެއެވެ.  ޚައްޞަކޮށް ޝަރީޢަތް މަޖިލީހުގައި މިކަން ކޮށް އުޅުނެވެ.  އާދަކޮށް ބުރުގާ ނައަޅާ އަންހެނުންވެސް މިކަން މިގޮތަށް ކުރާތަން ފެނެއެވެ.  މައްޔިތެއްގެ މޫނު ބަލަން ދާ ދިއުމުގައި މިހާރުވެސް އެ އާދަ އަންހެނުން ގެންގުޅެއެވެ. ބުރުގާއެއް މީހެއްގެ އަތުންނަމަވެސް ހޯދައިގެން ބުރުގާ އަޅައި އުޅެއެވެ.  ބުނެވޭގޮތުން މިއީ ވަކި ބަޔަކު އެކަން އެގޮތަށް ކުރުމަށް އަންގަވައިގެން ކުރި ކަމެއްނޫނެވެ.  އެއީ އަދަބުވެރި ރީތި ގޮތެއްކަމަށް މީހުންނަށް ޤަބޫލު ކުރެވިގެން ކުރަންފެށިކަމެކެވެ.
ނާށިތަސްބީޙަ އަޅައިގެން ރަށުތެރޭ ހިންގުން:
          ކުޑަކުދިން އަކުރު އުނގެނުމަށް އޭރު އާންމުކޮށް ދަނީ އެދުރުގެއަކަށެވެ. ކިޔެވުމަށް މަކަރު ހަދައި ފިލާވަޅު ދަސްނުކޮށް ކިޔަވަން ހާޒިރު ނުވާނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ ނާށި ތަސްބީޙަ ކަރުގައި އަޅުވައިގެން މުޅިގައިގައި އަޅިދެލި ޖަހައިގެން ބަނޑުގައި ވަލެއް ބައްދައިގެން އެވަލުގައި ދިހަބާރަ ކުދިން ހިފައިގެން ރަށުގެ މަގުތަކުގައި ގަންހިންގުމެވެ.  އަދި ހަމަ އެހެންމެ ބައެއްކަހަލަ ކުށްތައް ސާބިތުވެގެން ފަނޑިޔާރު މީހާ ކުރައްވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުންވެސް މި ގޮތަށް ގަންހިންގައި އުޅުނެވެ. އެކަން ކުރަމުން ދާއިރު މިއީ ކޮންކަމެއްކޮށްގެން އެމީހަކަށް ނުވަތަ އެކުއްޖާއަށް ދެވޭ އަދަބެއްކަމަށް އެއްކަލަ މީހުން ނުވަތަ ކުދިވެރިން ގޮވަމުންދާނެއެވެ. އަދި އެއީ ކޮން ގެއެއްގެ ކޮން ނަމެއް ކިޔާމީހެއްކަން ނުވަތަ ކުއްޖެއްކަން ވެސް އިޢުލާން ކުރަމުންދާނެއެވެ.  މިފަދަ އަދަބެއް އެމީހަކަށް ނުވަތަ ކުއްޖަކަށް ލިބިއްޖެނަމަ ގަންނާކުރައްވާ ލަދުން ދެވަނަ ފަހަރަކަށް އެމީހަކު  އެފަދަ ކުށެއް ތަކުރާރެއް ނުކުރެއެވެ. މިއީވެސް ވިޔާނުދާ ޢަމަލުތައް ހުއްޓުވުމަށްޓަކައި އޭރު ކުރަމުންދިޔަ ކަމެކެވެ.
ދޭވާނީންނާއި މުދިމުން:
          ޝަރުޢިއްޔާއަށާއި ރަށު އޮފީހަށް މީހުން ހާޒިރުކުރުމަކީ މިހާރުހެން ޗިޓު ފޮނުވައިގެން އޭރު ކުރާ ކަމެއް ނެއްނޫނެވެ. އެކަން ކުރާނީ ރަށުތެރޭގައި އުޅޭ ދޭވާނީންނާއި މުދިމުންނެވެ. އެމީހުންނަކީ ވަރަށްބޮޑު އިޚުތިޔާރެއް ލިބިފައިވާ ބައެކެވެ. ކިރިޔާވެސް ގޯސްކަމެއް މީހަކު ކޮށްފިނަމަ އެކަން އެނގުނުހައި އަވަހަކަށް ރަށު އޮފީހަށް ނުވަތަ ޝަރުޢިއްޔާ އަށް އެމީހަކު ހާޒިރު ކުރާނީ ދޭވާނީންނާއި މުދިމުންނެވެ. ކަތީބުމީހާއަށް ނުވަތަ ނައިބުމީހާއަށް ނޭނގިވެސް އެތަންތަނަށް މީހުން ގެންދިއުމުގެ ފުރިހަމަ ބާރު މިދެންނެވި މުދިމުން ނަށާއި ދޭވާނީންނަށް ލިބިފައެވެއެވެ. އަޅުގަނޑު މިދަންނަވާ މުދިމުންނަކީ މިސްކިތު މުދިމުންނެއްނޫނެވެ. އެއީ މިހާރު އޮފީސް އޮފީހުގެ ޕިޔޯނުންގެ ގޮތުގައި މި އުޅޭ މީހުންނާ އެއް ދަރަޖައެއްގެ މީހުންނެވެ.  ދޭވާނިއަކު، ނުވަތަ މުދިމަކު ހަމަ ފެންނައިރަށް ބައެއްމީހުން ބިރުން ފިލައި ރައްކާވާތަންވެސް ފެނިފައިވެއެވެ. މިއީ އޭރު ރައްޔިތުން ވެރިންނަށް ކިޔަމަންތެރިކަން އަދާ ކުރާ މިންވަރު ދައްކައިދޭ އަލިގަދަ ދަލީލެކެވެ.
އަލަށް މާލެދާ ދަތުރުގެ އާދަކާދަ:
          މީހަކު ނުވަތަ ކުއްޖަކު އަލަށް މާލެދާނަމަ، އާދަކާދައިގެ ގޮތުން ވަރަށްގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. އެދުވަސްވަރު މާލެ ދާން އޮޑިފުރާއިރު އޮޑިއަށް އަރައި ތިމަންނަ މިއީ އަލަށް މާލެދާ މީހެއްކަން އޮޑީގެ މާލިމީ އަށް އަންގަން ޖެހެއެވެ. އަލަށް މާލެދާ މީހަކު ނަމަ، އޮޑި އައްޑޫކަނޑުގެ ދަތުރަށް ނިކުނަންވުމުން އޮޑީގެ ފަޅުވެރިންނަށް “އައްޑޫކަނޑި ބެނޑި”(އައްޑޫކަނޑު ބޮނޑި) ދޭންޖެހެއެވެ. އެއީ އައްޑޫބޮނޑިއެކެވެ. ހުވަދޫކަނޑުން އޮޑި ނުކުންނައިރަށް “ހުވަދޫކަނޑި ބެނޑި”(ހުވަދޫކަނޑު ބޮނޑި) ފަޅުވެރިންނަށް ދޭންޖެހެއެވެ. އެއީވެސް އައްޑޫބޮނޑިއެކެވެ. ހައްދޫކަނޑުން އޮޑި ދަތުރު ފަށާއިރަށް “ހައްދޫކަނޑި ހަކުރުގޮޅާ” (ހައްދޫކަނޑު ހަކުރު ގޮޅަ) ދޭންޖެހެއެވެ.  އެއީ، ދިވެހިހަކުރުގެ އަޑުބާއެއްހައި މިންވަރެވެ. އަލިކަނޑުން ދަތުރުކުރަން އޮޑި ނުކުންނަ އިރަށް “އަލިކަނޑި ދޮޅޮހެތި” (އަލިކަނޑު ދޮޅަސް އެތި) ދޭންޖެހެއެވެ. އެއީ ކޮންމެވެސް ބާވަތެއްގެ ދިވެހިހެދިކާގެ ބާރަ އެތީގެ ވާހަކައެވެ. މިދެންނެވި ތަންތަނަށް މިތަކެތި ދިނުމަށްފަހު ދެން އޮންނަނީ މާލެ ދެއްކުމެވެ.  މާލެ ފެނުނީމާ އަލަށް މާލެދާ މީހާއަށް މާލެ ދައްކާނީ މުޅިގައިގައި އަޅިދެލިން ކުރަހައި  ނާށިން ހަދާފައި އޮންނަ އައިނެއް ލޮލުގައި އަޅުވައިގެންނެވެ.  
ސަރުކާރަށް ޚިދުމަތްކުރަން ފެށުން:
          އަލްމަދުރަސަތުލް ޙުސައިނިއްޔާ އިން ކިޔެވެން އޮތް މިންވަރަށް ކިޔަވައި ނިމި ރަނގަޅު ނަތީޖާ ޙާޞިލު ކުރި ދަރިވަރުންގެ ތެރެއިން ލިޔުންރީތި ދިވެހިބަހުގެ ފެންވަރު ރަނގަޅު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށް އަޅުގަނޑު ހޮވިގެން އަޅުގަނޑަށް ވެސް ވަގުތީ ކާތިބުކަމުގެ ވަޒީފާއެއް (ދަސްކުރާ ކާތިބުކަމުގެ ވަޒީފާއެއް) ލިބުނެވެ. އެއީ އޭރު ދެކުނުގެ ހަތަރު އަތޮޅުގައި އުފެދިފައިއޮތް ސުވާދީބު ސަރުކާރުގެ ރައީސްއޮފީހުންނެވެ.  ކުރަންޖެހުނު މަސައްކަތަކީ އެ އޮފީހުގެ ސެކްރެޓަރީން ގެނެސްދެއްވާ ސިޓީނޯޓުތަކަށް ސިޓީލިޔުމެވެ. ބައެއްފަހަރު ޔައުމިއްޔާވެސް ލިޔުއްވައެވެ.  ގާތްގަނޑަކަށް ފަސް މަސް ދުވަސް ވަންދެން އެ އޮފީހުގައި މަސައްކަތް ކުރަން ފުރުޞަތު ލިބުނެވެ.  ކޮންމެ މަހަކުވެސް ލިބޭ މުސާރައަކީ، އިންފޮމޭޝަން ސާވިސް އިން ޗާޕުކޮށްގެން ނެރުއްވާ ކޮންމެ ފޮތަކުން އެއް ކޮޕީއެވެ. އެނޫން އެހެން އުޖޫރައެއް މުސާރައެއް ނުލިބެއެވެ. އިތުރުން ދެން ލިބޭހާވެސް އެއްޗަކީ ސައިގަޑީގައި ލިބޭ ސައެވެ. 
         މިދެންނެވި ވަޒީފާގައި އުޅުމަށްފަހު ދެން އިތުރުކަމެއް ނެތި ގޭގައި ހުއްޓާ ހިތަދޫ ކުޑަކަތީބު އަޙްމަދު ޖަމީލު (މިހާރު ސ.ހިތަދޫ ރިޔާޒު އަޙްމަދު ޖަމީލު) އަޅުގަނޑުގެ ގެއަށް ވަޑައިގަތެވެ.  އަޅުގަނޑު އަޙްމަދު ޖަމީލަށް މުޚާޠަބު ކުރަނީ އަޙްމަދުބޭބެ ގެ ނަމުންނެވެ. އެއީ ޢާއިލީ ގާތްކަމަށްޓަކައެވެ. އެ ދުވަހަކީ ބައްޕަވެސް ގޭގައި ހުންނެވި ދުވަހެކެވެ.  ބައްޕައާއި ދިމާވުމުން ސަމާސާއަކަށް ހައްދަވައިގެން އަޅުގަނޑުގެ މިދަރިފުޅަށް ރަށު އޮފީހުން ވަޒީފާއެއް ހޯއްދަވައި ދެއްވާށޭ ބައްޕަ ބުނުއްވިއެވެ.  އާނއެކޭ ވިދާޅުވެ އަޙްމަދުބޭބެ ވަޑައިގަތްތާ  ދެ ވަނައަށްވީ ދުވަހު އަނެއްކާވެސް އަޙްމަދު ބޭބެ އަޅުގަނޑުމެންގެ ގެއަށް ވަޑައިގެންފިއެވެ.  އަދި އަޅުގަނޑަށް ގޮވާލައްވައިފައި މާދަމާ ހެނދުނު އަށެއް ޖަހާއިރަށް ރަށުއޮފީހަށް ދާން އަޅުގަނޑަށް އަންގަވައިފިއެވެ. އެދުވަހު އެ ވިދާޅުވި ގަޑިއަށް އަޅުގަނޑު ދިއުމުން އަޙްމަދު ބޭބެ އަޅުގަނޑު ގޮވައިގެން ވަޑައިގަތީ ތުއްބީގެ މުޙައްމަދުދީދީ (ބީޗްވިލާ މުޙައްމަދު އިބްރާހީމްދީދީ) އަރިހަށެވެ.
          މުޙައްމަދު އިބްރާހީމްދީދީ އަޅުގަނޑަށް ނަސޭހަތްދެއްވައި ކުރަންޖެހެނީ ކޮންކޮން މަސައްކަތްތަކެއްކަން ވިދާޅުވެދެއްވިއެވެ. އަދި އޮފީހަށް އަންނަންޖެހޭ ގަޑިތައްވެސް ވިދާޅުވެ ދެއްވިއެވެ.  އެދުވަހުން ފެށިގެން އަޅުގަނޑު އަދާކުރަންޖެހުނީ ރަށުއޮފީހުގެ ކާތިބުކަމެވެ.  އޭރު އަޅުގަނޑުގެ އިތުރުން ދެން ކާތިބަކަށް ހުންނެވީ ސ.ހިތަދޫ ގަނޑުވަރު ޢަލިދީދީގެ ޠާހިރެވެ.  ޠާހިރަކީ އޭރު ރަށުއޮފީހުގެ އެންމެ އިސްވެރިއަކަށް ހުންނެވި އަޙްމަދު ޞާލިޙު ޢަލިދީދީގެ ކޮއްކޮއެކެވެ.  އަޅުގަނޑު ދިޔަފަހުން ޠާހިރު ކުރިން ކުރަމުން އައި މަސައްކަތް ކުރުމުގައި މާބޮޑު ފަރުވާތެރިކަމެއް ނުބަހައްޓައެވެ. ހުރިހާކަމެއް އަޅުގަނޑުގެ ބޮލަށް ޖަހާފައި އޭނަ އުޅެނީ ވަރަށް އަރާމުގައެވެ. ނަމަވެސް ދެމީހުންކުރެ ބޮޑު މުސާރަ ލިބެނީ ޠާހިރަށެވެ.  ޠާހިރަށް މަހެއްގެ މައްޗަށް ތިން ޕައުންޑު ލިބެއެވެ.  އަޅުގަނޑަށް ލިބެނީ އެއް ޕައުންޑެވެ.  އެހެންނަމަވެސް އެއްވެސް ބުރަހެލިކަމެއްނެތި، ޝަކުވާއެއްނެތި އަޅުގަނޑު ދިޔައީ ފިސާރި ރަނގަޅަށް މަސައްކަތް ކުރަމުންނެވެ. މިގޮތަށް މަސައްކަތްކުރަމުންދާތާ ދުވަސްކޮޅެއް ފަހުން ޠާހިރު އޮފީހަށް ނައިސް ހުއްޓާލައިފިއެވެ.
          އަޅުގަނޑުގެ މަސައްކަތް އިހުނަށްވުރެން ބޮޑުވީއެވެ. ދެމީހަކު ކުރަމުން އައި މަސައްކަތް އެކަނިމާއެކަނި ކުރަން ޖެހުނީއެވެ.  އެހެންނަމަވެސް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުން ނޫންގޮތެއް އަޅުގަނޑު އިޚުތިޔާރު ނުކުރަމެވެ.  މުސާރައަށް އެމަހުން ފެށިގެން ބަދަލެއްވެސް އައެވެ. ޠާހިރު ދިޔަފަހުން އަޅުގަނޑަށް ލިބެންފެށީ އެއް ޕައުންޑު ދިހަ ޝިލިންގެވެ.  އެހެން އެއްވެސް ޢިނާޔަތެއް ނެތި  އޭރު މަހު މުސާރައަށް ސަތޭކަ އެއް ރުފިޔާ ލިބޭ ހިތަދޫ ކުޑަކަތީބުކަން ލިބެންދެން މިގޮތަށް މަސައްކަތްކުރަމުން ދިޔައީއެވެ.
އެދުވަސްވަރުގެ ދަތުރުފަތުރު:
ވަރުގަދަ އިޖްތިމާޢީ ރޫޙެއްގައި ހިލޭސާބަހަށް،ބަނޑުއޮޑިއެއް މޫދަށް ބޭލުމުގެ މަސައްކަތުގައި ރައްޔިތުން ޙަރަކާތްތެރިވަނީ  
          އެދުވަސްވަރު އައްޑުއާއި މާލެއާ ދެމެދު ދަތުރު ކުރީ ބަނޑު އޮޑިފަހަރުގައްޔާއި ނާލުބައްތެލި ފަހަރުގައެވެ.  މިދަތުރުކުރާ ގިނަ އޮޑިފަހަރާއި ބައްތެލި ފަހަރު އެހިލާފައި ހުންނަނީ ހިތަދޫގެ އެކި ތަންތަނަށެވެ. އެތަންތަނަކީ، ސިހުރުމަގާއި މަނިކުމަގާއި މާމެނދޫއެވެ.  ސިހުރުމަގަކީ، މިހާރުގެ ނަމުންނަމަ ސަންލައިޓް ހިނގުމެވެ.  މަނިކުމަގަކީ މިހާރުގެ ނަމުންނަމަ ލިލީމަގެވެ. ސިހުރު މަގުގައި އޮޑި ހަރުގެ ހަދާފައި ހުރިތަނުގައި މިހާރު އެހެރީ އައި. އެމް.ޑީ. ސީ. ހޮސްޕިޓަލެވެ. އެމަގުގެ އުތުރުފަރާތު އޮޑިހަރުގެ ހުރިތާނގައި މިހާރު އެހެރީ ހިތަދޫ އިންޖީނުގޭ އޮފީހެވެ.  މަނިކުމަގު އޮޑިހަރުގެ ހަދާފައި ހުރިތަނުގައި މިހާރު އެހެރީ އެމް.ޑީ.ޕީ. ހަރުގެއެވެ.  މާމެންދޫގައި އޮޑިހަރުގެ ހަދާފައި ހުރިތަނަކީ މިހާރު އައްޑޫ ހައި އިސްކޫލު ހުރިދިމާއިން ރަށުދިގަށް އެއޮންނަ މަގުގެ އިރުމަތީފަރާތެވެ.   އޭރު ހިތަދޫގައި މި ދަންނަވާ އޮޑިފަހަރު ގެންގުޅުނެވެ.
ބޭރުކަރަތަކަށް ދަތުރުކުރި ބަނޑުއޮޑިފަހަރު:
ހިތަދޫގައި ދުއްވި ބަނޑުއޮޑިފަހަރުގެ ތެރެއިން އޮޑިއެއްކަމަށްވާ ޔާހުންބަރާސް. މިއޮޑި ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުގެ އަތްދަށުގައިވީއެވެ. އަދި އެއޮޑީގެ ވެރިޔާ އެޅެދީދީގެ ޢަލިދީދީ 
 މިއީ ހިތަދޫގައި ދުއްވި ބަނޑުއޮޑިފަހަރުގެ ތެރެއިން އޮޑިއެއްކަމަށްވާ ޔާހުންބަރާސް. ( މިއޮޑިއަކީ ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުގެ އަތްދަށުގައިވީ އޮޑި) އަދި އެއޮޑީގެ ވެރިޔާ އެޅެދީދީގެ ޢަލިދީދީ 
ރާއްޖެއިން ބޭރަށްދާން ދަތުރު ފުރާފައިވާ ދެރިޔާމާނު އޮޑި. \
1-      ޔާހުންބަރާސް              (ފިނިފެންމާގޭ އެޅެ ދީދީގެ ޢަލިދީދީ ދުއްވިއޮޑި)
2-      ބަރުނާމަޖީ           (ބަހާރުގޭ އައްޝައިހު އިބްރާހީމް ލުޠުފީ ދުއްވި އޮޑިއެއް)
3-      ސީދީ ބައްތެލި)          (ރަށްދެބައިގޭ ދޮންރަހާގެ ޢަބްދުﷲދީދީދުއްވި އޮޑިއެއް)
4-      ފަތުޙުލް މުބާރަކު/އަތުރެގޭ ވެޑި  (ފިނިފެންމާގޭ އަލިދީދީގެ އެޅެދީދީ ދުއްވި އޮޑިއެއް)
5-      ރައްޔަތިވެޑި     (ހިތަދޫ ރައްޔިތުންގެ މާލއްޔާއިން ޚަރަދު ކޮށްގެން ދުއްވިއިޑިއެއް)
6-      ދެރިޔާމާނު(ދަރިޔާ އަމާން)    (ފިނިފެންމާގޭ އަލިދީދީގެ އެޅެދީދީ ދުއްވި އޮޑިއެއް)
7-     ދެރިޔާ ދައުލަތު (ދައިރިޔާ ދައުލަތު) (ރަށްދެބައިގޭ ދޮންރަހާގެ ޢަބްދުﷲދީދީ ދުއްވި އޮޑިއެއް)
ހަމައެކަނި މާލެއަށާއި ރާއްޖެތެރެއަށް ދަތުރުކުރި އޮޑިފަހަރު
މާލެދަތުރުކުރަމުންދާ ނާލުބައްތެއްޔެއް
1        ވާރުގޭ ބައްތެލި                 (ވާރުގޭ އިބްރާހީމްދީދީދުއްވިބައްތެއްޔެއް)
2        ބަހާރުގޭ ބައްތެލި      ( ބަހާރުގޭ އަބްދުލްޙަމީދުގެ އިބްރާހީމްދީދީ ދުއްވި ބައްތެއްޔެއް )
3        ގަނޑުވަރު ބައްތެލި      ( ގަނޑުވަރު ޢަބްދުﷲދީދީ  ދުއްވި ބައްތެއްޔެއް )
4        ނޫރާނީ ބައްތެލި    ( ފިނިފެންމާގޭ އެޅެދީދީގެ ޢަލިދީދީ ދުއްވި ބައްތެއްޔެއް )
5        ކުދުބައްތެލި       ( މަދަރުސާދޮށުގޭ މޫސާ ޢަލިދީދީ ދުއްވި ބައްތެއްޔެއް )
          ނާލުބައްތެލި ފަހަރު ކޮންމެ އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު މާލެ ދަތުރު ކުރާއިރު ކޮންމެ އަހަރަކު އެއްފަހަރު މިއިންކޮންމެ ބަނޑު އޮޑިއެއްވެސް މާލެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވެއެވެ.  މިއޮޑިފަހަރުން ގެންދެވޭ (އެކްސްޕޯޓް ކުރެވޭ) މުދަލުގެ ތެރޭގައި ކުފުރާ، ރޯނު، ބޮލި، މަސްހިމެނެއެވެ.  މިތަކެތި ބޭރުކަރަތަކަށް ވިއްކައިގެން ހަނޑުލާ، ނަބާޒިހަކުރާ، މަށިތެލާ (ކަރާސީނު ތެޔޮ) ގޭގައި ހިފައިގެންގުޅޭ ތަކެއްޗާއި، ދިވެހިބޭހުގެ ބާވަތްތަކާއި، ކަފަ ކާފޫރު ކަފުންފޮތި، ހެދުންކަނޑާ ފޮތި، ފަދަ ތަކެތި ރާއްޖެއަށް ގެނެސްހަދައެވެ.  އޮޑިއެއް ފުރަން ތައްޔާރު ވާއިރަށް ރަށުގެ ހުރިހައި ގެއަކުންވެސް އޭރަކަށް ތައްޔާރުވެފައި ހުރިނަމަ ހުރިއެއްޗެއް އޮޑީގެ ނެވިމީހާއާ ހަވާލުކޮށް މައިފަތުގައި ޖައްސާނެއެވެ.  ނުވަތަ ދަތުރުދާ ކޮންމެވެސް އެއް ފަޅުވެރިއަކާ ހަވާލު ކުރާނެއެވެ.
          މި ދަތުރު ތަކުގެ އިތުރުން އަތޮޅުތެރޭގައި އެއްރަށުން އަނެއް ރަށަށް ގޮސް އުޅުނީ މަސްވެރިކަމުގައި ބޭނުންކުރާ ބައްތެލި ފަހަރާއި ދޯނިފަހަރުގައެވެ.
އަތޮޅުތެރޭ ދަތުރުކުރުމަށް ގެންގުޅުނު ކަތިރިޔަލު ބައްތެއްޔާއި ހަމަރިޔާނެގި ދޯނިފަހަރު. 
ނަދުރުބުނެގެން ކީޔާ މައުލޫދު:
          އެކި އެކި ބޮޑެތި ކަންތަކާ ގުޅިގެން އޭރު ބައެއް ނަން ނަމުގައި މައުލޫދު ކިޔައި އުޅުނެވެ. އެގޮތުން ކިޔައި އުޅުނު މައުލޫދު ތަކަކީ:
1-      މުޙައްރަމްމަހު ދިހަ ވިލޭރޭ އިޝާނަމާދަށްފަހު ފަށައިގެން އެގާރަ ވިލޭރޭ އިޝާނަމާދަށްފަހު ހުއްޓާ ބޮޑު މައުލޫދު. މި މައުލޫދަކީ މުޅިއަހަރުތެރޭގައި ދަތިކަމާއި މުޞީބާތްތަކުން ސަލާމަތްވެ ތިބުމަށް އެދިގެން ބުނެފައިވާ ނަދުރެއް ފުއްދުމަށްޓަކައި ކޮންމެ އަހަރަކު ކިޔަމުން އައި މައުލޫދެކެވެ.
2-      ރަބީޢުލް އައްވަލު ސާދަ ވިލޭރޭ ޢިޝާނަމާދަށްފަހު ފަށައިގެން ފަނަރަ ވިލޭރޭ އިޝާނަމާދަށްފަހު ހުއްޓާ ބޮޑު މައުލޫދު. މި މައުލޫދަކީ ހިޖުރައިން 1129 ވަނައަހަރު ރަށުގެ ރައްޔިތުންނަށް އެމޫނިޔާޖެހި އެ ބަލީގައި ރަށުގެ ދެބައިކުޅަ އެއްބައި މީހުން މަރުވެދިއުމުން އެފަދަ ވަބާއެއް ތަކުރާރު ނުވުމަށް އެދިގެން ބުނެފައިވާ ނަދުރެއް ފުއްދަންވެގެން ކޮންމެ އަހަރަކު ކިޔަމުން އައި މައުލޫދެކެވެ.
3-      ރަބީޢުލްއައްވަލު ހަތާވީސް ވިލޭރޭ އިޝާނަމާދަށްފަހު ފަށައިގެން އަޝާވީސް ވިލޭރޭ ޢިޝާނަމާދަށްފަހު ހުއްޓާ ބޮޑު މައުލޫދު. ( މިއީ ބޮޑުއެމޫނިޔާ ޖެހިގެން ގިނަބަޔަކު މަރުވެ ދިއުމުން އެފަދަ ވަބާތަކުން ސަލާމަތްކަން އެދިގެން ބުނެފައިވާ ނަދުރެއް ފުއްދުމަށްޓަކައި އަހަރަކު އެއްފަހަރު ކިޔަމުންދިޔަ މައުލޫދެކެވެ.)
4-      ޛުލްޙިއްޖާމަހުގެ ސާދަ ވިލޭރޭ ޢިޝާނަމާދަށްފަހު ފަށައިގެން ފަނަރަ ވިލޭރޭ ޢިޝާނަމާދަށްފަހު ހުއްޓާ ބޮޑު މައުލޫދު. ( މިއީ ހިތަދޫގެ ގިނަ ބަޔަކު މަރުވެ ރަށްފަޅުވަމުންދާތީ އެކަމުން ސަލާމަތްވުން އެދިގެން އިހަލަގެދަރި އުމަރުކަލޭގެ ގަނެފައިވާ ނަދުރެއް ފުއްދުމަށްޓަކައި ކިޔަމުން އައި މައުލޫދެކެވެ.)
5-      ރަބީޢުލްއައްވަލު މަހު ސައްބީސް ވިލޭރޭ އިޝާނަމާދަށްފަހު ފަށައިގެން ހަތާވީސް ވިލޭރޭ އިޝާނަމާދަށްފަހު ހުއްޓާ ބޮޑު މައުލޫދު. (މިއީ ރާވެރިން ރުއްކޮޅުންވާ ޚައުފުން ނަޖާކުރެއްވުން އެދި ބުނެފައިވާ ނަދުރެއް ފުއްދުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކިޔަމުން އައި މައުލޫދެކެވެ.)
6-      ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ވިލޭރޭ އިޝާނަމާދަށްފަހު ފަށައިގެން ހަމަ އެރޭ ނިންމާ ކުޑަ މައުލޫދު.  (މިއީ މުޙައްމަދު ތަކުރުފާނުލް އަޢުޘަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވި މުނާސަބާ ފާހަގަކޮށް އެމިނިވަންކަން އަބަދަށްވެސް މި ޤައުމުގައި އޮތުމަށް އެދިގެން ކިޔަމުން އައި މައުލޫދެކެވެ.)
7-      ރަބީޢުލްއައްވަލު މަހުގެ ބާރަ ވިލޭރޭ ޢިޝާނަމާދަށްފަހު ފަށައިގެން ހަމައެރޭ ނިންމާ ކުޑަމައުލޫދު ( މިއީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ގޮތުން ކިޔަމުން އައި މައުލޫދެކެވެ.)
8-      ރަޖަބުމަހު ފުރަތަމަ ހުކުރުދުވަހު ހުކުރުނަމާދަށްފަހު ފަށައިގެން އެ ދުވަހު ޢަޞުރުރު ނަމާދަށްފަހު ހުއްޓާ ކުޑަ މައުލޫދު (މިއީ ރަޖަބުމަހުގެ ޙުރުމަތަށްޓަކައި ކިޔަމުން އައި މައުލޫދެކެވެ.)
9-      ޝަޢުބާންމަހު ފަނަރަ ވިލޭރޭ ޢިޝާނަމާދަށްފަހު ފަށައިގެން ހަމަ އެރޭ ހުއްޓާ ކުޑަ މައުލޫދު ( މިއީ މާބަނޑުވާ އަންހެނުންނަށް ލިބޭ ވޭންވަރުން ސަލާމަތްވުން އެދިގެން އަދި އެ ކަނބަލުންނަށް ސަލާމަތް ޞިއްޙަތަށް އެދިގެން ކިޔަމުން އައި މައުލޫދެކެވެ.)
10-  ޛުލްޙިއްޖާ މަހުގެ ނުވަވަނަ ވިލޭރޭ ޢިޝާނަމާދަށްފަހު ފަށައިގެން އެރޭ ހުއްޓާ ކުޑަ މައުލޫދު ( މިއީ ލޯބަލީގެ އުނދަގުލުން ސަލާމަތްކަން އެދިގެން ކިޔަމުން އައި މައުލޫދެކެވެ.)
          މި ދިހަ މައުލޫދުގެ ތެރެއިން ފުރަތަމައަށް ދެންނެވުނު ފަސް މައުލޫދަކީ ރައްޔިތުން އަތުން މޫނުންބާނީގެ ނަމުގައި ކޮންމެވެސް ވަރެއްގެ ޗަންދާއެއް ނަގައިގެން އެއިން ޚަރަދުކޮށްގެން ކިޔައި އުޅުނު މައުލޫދުތަކެވެ.  އެ ޗަންދާގެ މިންވަރަކީ، އޭރަކު ތަކެތީގެ އަގު އޮންނަގޮތަށް ބަލާފައި މައުލޫދު ކިޔާމީހުންނަށް ކުރަންޖެހޭ ޚަރަދު ބަރަދު ހަމަޖެއްސޭނެ މިންވަރެއް ބަލައިގެން ނެގޭ ޗަންދާއެކެވެ. ކުރިން މި މައުލޫދުތައް ކިޔައިއުޅުނީ ހިތަދޫ ބޮޑުހަރުގޭގައެވެ.  ހިތަދޫ ބީޗްވިލާ އަޅަން ބޮޑުހަރުގެ ވައްޓާލުމުން ދެން މައުލޫދުތައް ކިޔައި އުޅުނީ ހިތަދޫ ހުކުރުމިސްކިތުގައެވެ.
ދަމުހިނގުން:
          ލޭބޭރަށް ހިންގުމާއި ހޯއްގޮވާ ކެއްސުމާއި އާދަޔާ ޚިލާފު ގަދަ ހުމެއް ނުވަތަ ބޮޑު ބައްޔެއް ރަށުގައި އާއްމުވެއްޖެނަމަ  ދަމު ހިނގުމަކީ އޭރު އޮންނަ ކަމެކެވެ. ރަށް ނާމާންވަނީ ރޭގަނޑު ދަންވަރު ދުރުން އުދުހިގެން އަންނަ އަލިގުޅަ ފެނުމާއި ރަށް ހުރަސްކޮށް މަތިން އުދުހެމުންދާ އަލިނަރޭ ކިޔާއެއްޗެއް ފެނުން އާއްމުވުމުންނެވެ. މިބާވަތުގެ ތަކެތި ފެންނަން ފަށައިފިނަމަ އެކަމަކީ އޭރުގެ މީހުން ކަންބޮޑުވާ ކަމަކަށް ވިއެވެ. އެމީހުން ޤަބޫލުކުރާ ގޮތުން ނަމަ އެއީ ކޮންމެވެސް ބޮޑުކަމެއް (ބައްޔެއް/ ނުރައްކަލެއް) ދިމާވުމުގެ ފެށުމެކެވެ.
          ދަމުހިނގާމީހުން ދަމު ހިނގަނީ ދެބަޔަކަށް ނުވަތަ ތިންބަޔަކަށް މީހުން ބަހާލައިގެން ގުރޫޕުތަކަށެވެ. ކޮންމެ ބައެއްގައިވެސް އިމާމަކު (ފަންޑިތަވެރިޔަކު) ހުރެއެވެ. ކޮންމެ މީހަކުވެސް ކޮޅުވާނެއް (ދިވެހިރުކުގެ ބޮންތިއެއް) ގެންގުޅޭނެއެވެ. އިމާމުމީހާ އެހަދާ ފަންޑިތައެއް ހަދަމުން ބާރަށް ތަކުބީރު ކިޔަމުން އެންމެންގެ ކުރީގައި ހުރެގެން ރަށުގެ ހުރިހައި މަގަކުން ދާނެއެވެ. އެހެންމީހުން އިމާމު މީހާގެ ފަހަތުން ދާއިރު އަތުގައި އޮންނަ ކޮޅުވާނާއިން  ގޭގެއާއި އެހެނިހެން އިމާރާތްތަކާއި ރުއްގަހުގައި ތަޅަމުން (ނޫޅުންކުރަމުން) ތަކުބީރު ކިޔަމުން ދާނެއެވެ.  ރޭގަނޑު މީހުން ނިދައި ހިލަވަޅު އޮބުމުން ފަށާ މިމަސައްކަތް ހުއްޓާލަނީ ފަތިހުގެ މުލުހާލުގެ އަޑަށެވެ.  މިގޮތަށް ދަމުހިނގާ ބައެއް ރޭރޭ ރަށުގެ ކޮންމެ ހަތަރުއަނގޮޅިއެއްގައި ބުންކެޅެ ( ދިވެހި ރުކުގެ ކިހާކެއްގެ މަތިކަނޑާލާފައި ކިހާކުގެ ބޭރުގައި ފަންޑިތަ ލިޔެ އަކަކުރަހާފައި، އެތެރެއަށް ކާށިތެޔޮ އަޅައި ގެން ދިއްލާފައި ބަހައްޓާ އެއްޗެއް) ބަހައްޓައެވެ.  ދަމުހިނގުން ހުއްޓާލާއިރު މި “ބުންކެޅެ” ތަކެއްވެސް އެ ބެހެއްޓި ތަންތަނުން ނަގާނެއެވެ.  މިގޮތަށް ދެތިންރޭ ވިދިވިދިގެން ދަމުހިނގަނިކޮށް ދިމާވެފައިވާ ބަލާ މުޞީބާތުން ސަލާމަތްވެ ރަށް އަމާންވެދެއެވެ.
ގެދޮރު އިމާރާތްކޮށްފައި ހުންނަގޮތް:
އިހުމީހުން ގެދޮރުއަޅައި އުޅުނީ މިހާރު ގެދޮރުއަޅައި އުޅޭ ގޮތާ ވަރަށް ތަފާތު ގޮތަކަށެވެ. ވަރަށްބޮޑު މުއްސަންޖެއްގެ ގެނޫން އެހެން ގެއެއް ރާނާ އީޓުން ހިޔާކޮށްފައެއް ނުހުންނާނެއެވެ. މުޅިންވެސް ފެންނަނީ ގާފޮޅުރާނައި އޭގެ މަތީ މެއްލަޖަހައި ދަނޑިފަނުން ނުވަތަ ލަކުޑިފިލާއިން އަޅާ ފަނުން ނުވަތަ ޓިނުން ހިޔާކޮށްފައިވާ ގޭގެއެވެ.  އެއިން ގެއެއްގައި އެހައި ގިނަ ކޮޓަރިތަކެއް ނުހުރެއެވެ. އާންމުކޮށް ހުންނަނީ ބޭރެގެ އަކާއި މެދެގެ އަކާއި އެތެރެގެއެކެވެ. އަދި ވަކިން ހުންނަ ބަދިގެއެކެވެ. މެދެގެއަކީ ގޭގެ ވެރިޔާއަށް ޚާއްޞަ ބައެވެ. ގޭވެރިމީހާ ނިދާނީވެސް މެދެގޭ ދިމާއަށް ހުންނަ އެނދުގައެވެ. އެއީކުނާއަޅައި ހަތް ކަންނެޔޮއަޅައި މަދިރިގެ ދަމައި ޒީނަތްތެރި ކޮށްފައި ހުންނަ އެނދެކެވެ. އިތުރަށް އަތުންވިހޭ ފަންކާއެއްއެއްވެސް ބާއްވައެވެ.  އެތެރެގެއަކީ އަންހެންވެރިންނަށް ޚާއްޞަ ބައެވެ. އެތާގައި އުނދޯއްޔަކާއި އެތެރެގޭ އެނދެއް ހުންނާނެއެވެ.  ބޭރެގޭގައި ދެކޮޅު ދެ އުނދޯލި  ބައެއް ގޭގެއިން ފެނެއެވެ.  ތަޅުން އެޅުމުގެ ބަދަލުގައި މުޅިގެއަށް އޮންނާނީ ކަށިވެލި ލާފައެވެ. 
އިހުމީހުން ގޭގެއަޅާފައިވާ ގޮތް.
އަތްތެރި މަސައްކަތް:
އައްޑުއަތޮޅު ހިތަދޫގެ ރައްޔިތުންގެ ތެރޭގައި އޭރުވެސް ތެދުއުއިވަޑާމާއި ކިއްސަރު ވަޑާންކުރަން ދަންނަ ވަޑިން އުޅުނެވެ. ގޭގެއަށް ބޭނުންވާ އެނދު އުނދޯލި ގޮނޑި މޭޒު ފޮށިފަދަ ތަކެތި ތައްޔާރުކުރަނީ ތެދުއުއި ވަޑިންނެވެ. ބޮއްކުރާ، އޮޑި ދޯނި ފަދަ ތަކެތި ބަންނަނީ ކިއްސަރުވަޑިންނެވެ. ގޭގެ ބަދިގެއަށް ބޭނުންކުރާ އުނދުޅިދޭފަތް ހުނިގޮޑި ފަދަ ތަކެތި ތައްޔާރުކުރަނީވެސް ވަޑިން އަމިއްލައަށެވެ.  މިހާރު މިގެންގުޅޭ ކަހަލަ ބޭރުގެ އުފެއްދުމެއް އޭރަކު ނުގެންގުޅެއެވެ. ވަޑާންކުރަން ގެންގުޅުނު އާލާތަކީވެސް މިހާރުގެ ކުދިންނަށް މުޅިން އާތަކެތި ކަމަށްވާނެއެވެ.  
މިފޮޓޯއިން ފެންނަ ބައެއް ތަކެތި (ފޮޓޯ ނުފެނޭ)



 މައިދޮރުން ވަންނައިރު ދިމާއަށް ފެންނަހެން އެލުވާފައި އެ އޮތީ އޭރުގެ އެންމެ އިއްޒަތްތެރިންވެސް ދިއްލައި އުޅުނު ހަތް ފުއް ލީ ވޮށެކެވެ. ވޮށް އެ އޮތީ ބައިނުގައި އަޅުވާފައެވެ. ދެން ޖެހިގެން ކަނާތްފަރާތުން އެފެންނަނީ އަށްޓެކެވެ. އަށީގެ މަތީގައި، ވަންނަދޮރާ ދިމާއަށް ވާގޮތަށްހުރި ބިތްގަނޑާ ކައިރީގައި ބަހައްޓާފައި އެހެރީ އޮށްވަޅުގޮޑިއެކެވެ. އެއީ އޭރު އަންހެންވެރިން އޮށްވަޅުކުޅެން ގެންގުޅުނު އެއްޗެކެވެ. އަށިމަތީގައި މެދުގައި އެހެރީ އިހުގެ މަލާފަތެކެވެ. ދެން އެފެންނަނީ ޞަލަވާތްޕުޅު ކިޔަވަން ދުން ބަހައްޓާ ކުޑަވަރެއްގެ މުޖުމަރާއެކެވެ. އޭގެ ކައިރީގައި އެހެރީ ގަތާފައެކެވެ. ދެން އެފެންނަނީ އުނދޯއްޔެކެވެ. އުދޯލިން އެފެންނަނީ ތަބަކަކާއި ދުފާފޮށްޓެކެވެ.   މިހުރިހައި ތަކެއްޗަކީވެސް އައްޑޫމީހުންގެ އަމިއްލަ އުފެއްދުމެވެ.
މިފަދަ ވަޑާންކުރުމަށް ގެންގުޅުނު ބައެއް ތަކެތީގެ ތެރޭގައި އެއްއަތުކީހާއި ތަޅާމުށި(މަރުތެޔޮ) ފޮނުވަތް،  ފުރޯ،  އަތުރޮންދާ ފަދަ އާލާތްތައް ހިމެނެއެވެ. އެތަކެތީގެ ތެރެއިންވެސް ބައެއް ތަކެއްޗަކީ އަމިއްލައަށް އުފައްދާ ތަކެއްޗެވެ. ތިރީގައި މިވާ ތަސްވީރުތަކުން މިފެންނަނީ އިހު ގެންގުޅުނު (އެހެންނަމަވެސް މިހާރުގެ ޒުވާންކުދިންނަށް ބީރައްޓެހި)  ކަމަށް ފެންނަ ބައެއް ސާމާނުތަކެވެ. )ފޮޓޯ ނުފެނޭ)
ބުރުމާގެ ބަދަލުގައި ގެންގުޅުނު ފޮނުވަތް             ވަޅިފަދަ ތަކެތި ހަނުލަން ނުވަތަ ތޫނުކުރަން ގެންގުޅުނު ހަނު   
   ތަކެތި މިނަން ގެންގުޅުނު  ނާޅި           ކައްކަން ގެންގުޅުނު ދޭފަތް                       ކިރަން ގެންގުޅުނު ރާތާ
          ނަމާދަށް އެރި މިސްކިތެއް              ތަކެތި ރައްކާކުރަން ގެންގުޅުނު މުށިކަންވާރު            ނަމާދަށް ވަގުތުބެލި ވަގުތުގައު
  މައުލޫދު ކޭން އަޅާ ބޮޑު ތަށި            ދާބަންނަން އުއިފުރާ ފިރޯށި               ރައިވެރިންގެ ރާބަނދި
އާދެ، އަޅުގަނޑު ހީކުރާ ހިތްއޮތީ، އަޅުގަނޑުގެ ދުރު ހަނދާނުން މި ތަޞައްވަރުކޮށްދިން ދުރު މާޒީ ކިޔުންތެރިންނަށް ކަމުދާނެކަމަށެވެ. މިހާރުގެ ލުއި ފަސޭހަކަމާއި ޓެކްނޮލޮޖީގެ ފަސޭހަކަމަށް ބަލާއިރު މިތަކެއްޗާއި މިވާހަކަ އަކީ އެކަށީގެންވާ މިންވަރަކަށް ވައިގައި ހިފާނެ އެއްޗެއް ނޫންކަމުގައި ވިޔަސް މިދުވަސްވަރު، ކާބަފައިންގެ ވާހަކަ ދައްކައި އެމީހުންގެ ސަޤާފަތް ދިރުވައި އާލާ ކުރަމުންދާއިރު މިވެސް ކޮންމެވެސް ވަރެއްގެ އައްޔެއް އެކަމަށް އަޅުވައިދިން އެއްޗެއްކަމަށް ވާނެ ކަމަށެވެ. އެއްވެސް ޝައްކެއް ނެތެވެ. މުސްތަޤުބަލުގެ ދަރިން މާޒީގެ މޫނުބަލާ ލޯގަނޑުން ބަލައިލުމަކީ ދާންއޮތް ކުރިމަގަށް ގިނަގުނަ އިބްރަތްތަކެއް ލިއްބައިދޭނެ ކަމެކެވެ. އަޅުގަނޑުގެ މި ހަނދާނުގެ ސަބަބުން އެފަދަ ކަމެއް ފަހިވެއްޖެނަމަ އަޅުގަނޑުގެ އުއްމީދު ފުރިހަމަވީއެވެ. ބޭނުމީ ދިވެހި ޤައުމު ދެކެ ލޯބިވާ ދިވެހިވަންތަ، ދިވެހި ގޮތްހުރި، ދިވެހި ލޭހިނގާ، ދިވެހިންގެ ހަރުދަނާ ޖީލެކެވެ. 
http://dhivehiacademy.edu.mv/v2/w/archives/2484

No comments:

Post a Comment