Sunday, April 20, 2014



މަތީ ތައުލީމަށް ހުރި ގޮންޖެހުންތައް ދިރާސާކޮށް، ހައްލު ހޯދުމުގެ މަސައްކަތް ފަށައިފި
ފަޒީނާ އަހުމަދު
20 އެޕްރީލް 2014 14:02

މަތީ ތައުލީމްގެ ދާއިރާ ހަރުދަނާކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނުން މިއަދު ނަސަންދުރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެސޯސިއޭޝަނުން މި އަހަރު ކުރިއަށް ގެންދަން ގިނަ ކަންކަން ރާވާފައިވޭ. ރާއްޖޭގައި މަތީ ތައުލީމަށް ހުރި ގޮންޖެހުންތައް ދިރާސާކޮށް، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުން ފަށައިފި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ގިނަ ކޮލެޖްތައް ގުޅިގެން 2009 ވަނަ އަހަރު އުފައްދާފައިވާ ޕްރައިވެޓް ހަޔަ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) އިންނެވެ. އެ އެސޯސިއޭޝަންގައި ސައިރިކްސް އާއި ކްލިކް އާއި މެޕްސް އާއި އެވިޑާއި އައިއައިޕީޑީ އާއި ވިލާ ކޮލެޖް އަދި ހެމިލްޓަން އިންސްޓިޓިއުޓް ހިމެނެ އެވެ.

މަތީ ތައުލީމްގެ ދާއިރާ ހަރުދަނާކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނުން މިއަދު ނަސަންދުރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެސޯސިއޭޝަނުން މި އަހަރު ކުރިއަށް ގެންދަން ގިނަ ކަންކަން ރާވާފައިވޭ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް
އެ އެސޯސިއޭޝަނުން ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ އަލުން ހިންގާ ކޮމެޓީ އެކުލަވާލައި މަސައްކަތް ފަށާފައި ވަނީ ރާއްޖޭގެ ޕްރައިވެޓް ހަޔަ އެޑިއުކޭޝަން އިންޑަސްޓްރީއެއްގެ ގޮތުގައި ކުރިއަރުވައި ތަރައްގީ ކުރުމަށް ކަމަށެވެ. މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ވެސް ބަލައި، އެ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ މަތީ ތައުލީމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިއަށް ދެވިދާނެ ގޮތެއް ހޯދަން އަޅުގަނޑުމެންގެ މަސައްކަތްކުރާނަން. މި ދާއިރއަކީ ރާއްޖެ އަށް ނަފާ ލިބޭނެ އިންޑަސްޓްރީއެއްގެ ގޮތުގައި ތަރައްގީކުރެވޭނެ ފުރުސަތު ބޮޑު ކަމަށް [އެސޯސިއޭޝަނުން] ގަބޫލުކުރަނީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ދާއިރާ ހަރުދަނާކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނުން މިއަދު ނަސަންދުރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެސޯސިއޭޝަނުން މި އަހަރު ކުރިއަށް ގެންދަން ގިނަ ކަންކަން ރާވާފައިވޭ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް
އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތްތަކުން މަތީ ތައުލީމް ފޯރުކޮށްދިނުމާ ގުޅޭ ގާނޫނެއް ވުޖޫދެއް ގެނައުމަށް ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ވެސް އެ އެސޯސިއޭޝަނުން ކުރާނެ އެވެ. އެއީ ރާއްޖޭގައި މިހާރު މަތީ ތައުލީމް ފޯރުކޮށްދޭ އިންސްޓިޓިއުޓްތަކަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން މަތީ ތައުލީމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށް، ރަސްމީ ތައުލީމް ނިންމާލުމުގެ ފުރުސަތު ނުލިބޭ ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މިހާރަށް ވުރެ ފުޅާކުރުން އެ އެސޯސިއޭޝަނުން ކުރަން ރާވާފައި ހުރި ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ރާއްޖެ އިން ވެސް ލިބެން އެބަހުރި ކަމަށެވެ. ބައެއް ދާއިރާތަކަކީ ދުނިޔޭގެ ފެންވަރަށް ތަރައްގީކުރެވޭނެ ދާއިރާތައް ކަމަށާއި އެކަންކަން ހާސިލްކުރެވޭނީ ރާއްޖޭގެ ކޮލެޖްތަކަށް އިތުބާރު އުފެދިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ކުދިން ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރުން. ވަކި ދާއިރާތަކެއް އެބަހުރި ރާއްޖޭގައި، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުން ހޯދިދާނެ ދާއިރާތައް. އެގޮތުން މައިންބަފައިންނާ އެކު ގައުމުގައި ތިބެގެން ކިޔެވޭނެ ގޮތްތައް ހޯދަން ޖެހޭ،" ޑރ. އަންވަރު ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ދާއިރާ ހަރުދަނާކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނުން މިއަދު ނަސަންދުރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެސޯސިއޭޝަނުން މި އަހަރު ކުރިއަށް ގެންދަން ގިނަ ކަންކަން ރާވާފައިވޭ.
ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކޮލެޖްތައް ދެމިއޮންނަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސަބަބުން ކަމަށާއި އެތަން ވަރުގަދަވިވަރަކަށް އަމިއްލަ ކޮލެޖްތަކުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށެވެ. އެ އެސޯސިއޭޝަނުން މަތީ ތައުލީމުގެ ކަންކަން ހަރުދަނާ ކުރާނީ ކޮލިފިކޭޝަން އޮތޯރިޓީއާ ވެސް ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޮލެޖްތަކުގައި ކިޔަވައި ދިނުމުގައި ރަނގަޅުކުރަން ޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެން ބަލާނަން. ހުރިހާ ކޮލެޖްތަކެއް ވެސް އެއް ފެންވަރެއްގައި ހިފެހެއްޓޭތޯ ބަލާނަން،" ޝަރީފް ވިދާޅުވި އެވެ.

(ހަވީރު ނޫހުން ނަގާފައިވާ ލިއުމެއް)
 

No comments:

Post a Comment