Tuesday, April 8, 2014

ސ. މަރަދޫ ދަނޑިވަރު މިސްކިތް:
ސ. މަރަދޫގައި ހުރި ދަނޑިވަރު މިސްކިތަކީ ވަރަށް އާޘާރީ މިސްކިތެކެވެ. ދޫދޫ މަތިން ވާރުތަވަމުން އައިސްފައިވާ  ވާހަކަ ތަކުގައި ބުނަނީ، ޢަރަބީން ދުނިޔޭގެ އެކި ރަށްރަށަށް ދަތުރުކޮށް އުޅުނު ދުވަސްވަރު، މިރަށު ފުށްޓަރު ފަރާތުގައިވާ " ޙަޖަރު" ކިޔާތަނަށް ތަނަށް ނަވެއް އުރުމާއި ގުޅިގެން، އެނަވުގެ މީހުން މަރަދޫގައި ވަޒަންވެރިވެ ދިރިއުޅެން ފެށީކަމަށެވެ. ދަނޑިވަރު މިސްކިތުގައިވާ ޒިޔާރަތްތަކުގައި މީގެ މީހުންވާކަމަށް ބުނެވެއެވެ. އެ ނަވުން ވަޑައިގަތް ޢިލްމުވެރިޔެއްގެ ގާތަށް ކިޔަވަން އައި، ސ. ގަމުގެ ކަނބޯ ކިޔާމީހެއްގެ 7 ކުދީން ދަނޑިވަރު މި މިސްކިތުގައި ވަޅުލެވިފައިވާ ކަމަށް ބުނެވެއެވެ.
މި މިސްކިތް އެޅުމާއި ގުޅޭގޮތުން މި ދަންނަވާ ވާހަކަ ކިޔައި އުޅެއެވެ.:
ދަނޑިވަރު މިސްކިތް އެންމެ ފުރަތަމަ (އެވޭލާ ދުވަސްވަރު) ޢިމާރާތް ކުރި މީހަކު އެގޭކަށްނެތެވެ. ހަމައެކަނި ފެންނަން ހުރި ކަމަށްވަނީ ހިރިގަލުގެ ގާފޮޅެކެވެ.  މިރަށުގައި ބިޔަ ދިއްގާ ގަހާއި، ބިޔަ ކަނދު ގަސްތައް ހެދިފައިވާ ރަށުގެ ހޭޅިފަށުގެ ވަލުތެރޭގައި، ގޮވާން ކުރުމަށް ނުވަތަ ރުށްގަސް އިންދުމަށް ކޮށުމުގެ ތެރޭގައި ދިއްގާ ގަސް ހެދިފައިވާ  ވަލުތެރޭގައ، މިރަށު ސަންފާގޭ ކޮއްޔާބިޔާ، ނުވަތަ ސަންފާގެ އިބްރާހީމް ފުޅު  (މަރުޙޫމް އިބްރާހީމް ފުޅު ކަރަންކާގެ/ސ. މަރަދޫ) އަށް ޒިޔާރަތްތަކަކާއި، މިސްކިތެއްގެ ގާފޮޅެއް ފެނުނެވެ. އެތާނގައި ހުރި ގަސްތައް އޭނާ ކޮށައި، އެ މިސްކިތުގެ ގާފޮޅުމަތީގައިި ނިރޮޅު ވަކަރާއި ދުނބުރިން ބިނާހަދައި ފަންގިން ހިޔާކޮށް، އެތާގައި ހުރި ހިރިގަލުގެ ވަޅު ސާފުކޮށް ޢާއްމުކޮށް ނަމާދު ކުރުމަށް ތައްޔާރު ކުރީއެވެ. މިތާގައި ހުރި ބިސްތާނު ތަކުގެ މަޢުލޫމާތު އެދުވަސްވަރުތިބި  ޢުމުރުން ދުވަސްވީ މީހުންގެ ގާތުން އޮޅުން ފިލުވާފައި ވެއެވެ. އެގޮތުން މިތާގައި ހުރި ޒިޔާރަތްތައް އާބާދުކޮށްގެން ގެންގުޅެން ފެށިއެވެ. އެދުވަސްވަރުގެ އާދަކާދައިގެ ގޮތުން މި ޒިޔާތްތައް ދެކުނުގެ އަތޮޅުތަކަށް މަޝްހޫރުވެ، ނަދުރު ބުނުންފަދަ ކަންތައްތަކެއް ހިނގަންފެށިއެވެ. ބޮޑެތި ބަލިބަލީގައި ޝިފާ ނުލިބިފައިވާ މީހުން މި ޒިޔާރަތަށް ގެންގޮސް ދޮންކޭލުން ކިރައި ނަދުރު ބުނުންފަދަ ކަންތައްވެސް ކޮށްފައިވާ ކަމަށް އެދުވަސްވަރުގެ މީހުން ބުނެއުޅެއެވެ. މި މިސްކިތުގައި ރޯދައަށް ތިބުމާއި، ޒިޔާރަތްތަކަށް ނަދުރު ބުނުމުގެ ކަންތައް 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ހިނގަމުން ދިޔައެވެ. މިފަދައިން މީހުންގެ އިޙުތިރާމާއި، އިޢުތިޤާދާއި އެއްގޮތަށް ކަންތައް ވަމުންދާކަމަށް ބެލެވި، ދަނޑިވަރު ޒިޔާރަތް މަޝްހޫރުވެ، އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިނެއް) ގެ ރަސްކަމުގެ ދުވަސްވަރުގައި ސަރުކާރުންވެސް ޒިޔާރަތްތަކަށް ކަފި ދިދައާއި ދުން ދެއްވަމުން ގެންދަވާފައި ވެއެވެ.
މިތާނގައިވާ ބިސްތާނުގެ ތެރޭގައި ޤާދިރުކަލޭގެފާނު ކިޔުނު ބޭކަލެއްގެ އަނބިކަނބަލުން "އައިހާރަނި" ގެ މަހާނަ ވާކަމަށް ބުނެވެއެވެ. މި އައިހާރަނި ވިހަން ކައިރިވެފައި ވަނިކޮށް ނިޔާވުމުން، މީނާ ވަޅުލާފައި ވަނީ "ދަނޑިވަރު" މިސްކިތުގައި ކަމަށް ވެއެވެ. މި މަހާނަ ގަލަކީ ވަރަށްރީތިކޮށް ޑިޒައިންކޮށްފައިވާ ގަލެކެވެ. ދަނޑިވަރުމިސްކިތުގައި މިހާރުވެސް އެ ބިސްތާނު އެބަހުއްޓެވެ. މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުންނާއި، އަޅާނުލެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މިހާރު މިތަންދަނީ ވީރާނާ ވަމުންނެވެ.
މިސްކިތް ރާނައި ޢިމާރާތްކުރީ މުޙައްމަދު ދީދީ ގެ އިބްރާހީމް ދީދީ ގެ ޙަސަންދީދީ (ސޯސަންގެ/ސ. މަރަދޫ) އެވެ.  މި މިސްކިތުގެ ބޮޑުމިނަކީ ދިގު 16 ފޫޓް، ފުޅާ 11.07 އެވެ.
ދަނޑިވަރު މިސްކިތްހުރީ، މިރަށުގައި އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރު، އަތޮޅުވެރިކަން ކުރި ގެ ކަމަށްވާ  "ރަތްވިލާގެ" ސަރަޙައްދުގައި ކަމަށްވާތީ، އަތޮޅަށް ވަޑައިގަންނަވާ ޢިއްޒަތްތެރިން މި މިސްކިތަށް ވަޑައިގަންނަވާތީއާއި، މިސްކިތް މަރާމާތު ކުރަން ޖެހިފައި ވުމުގެ ސަބަބުން އޭރު، އައްޑު އަތޮޅުގެ އަތޮޅުވެރިއަކަށް ހުންނެވި ކުއްޅަވައް ޢަލިދީދީ، މިސްކިތުގައި ޓިނުޖަހައި ގޯތީގެ ފާރު ރާނުވައި މަރާމާތު ކުރެއްވިއެވެ.
އައްޑޫ ބަޣާވާތުގެ ދުވަސްވަރު (1959-1963) އައްޑޫގެ ލީޑަރ ޢަބްދުﷲ ޢަފީފު ދީދީ (ފިނިފެންމާގެ/ ސ. ހިތަދޫ) މިސްކިތަށް 7 ފޫޓްހާތަން ދިގުކުރައްވައި މަރާމާތު ކުރެއްވިއެވެ. އަދި ގޯތި ތެރޭގައިވާ ބިސްތާނުތައް ރާނުވައި ދިދަޖަހައި ޒީނަތްތެރި ކުރުވައި ހެއްދެވިއެވެ.
ދަނޑިވަރުމިސްކިތް ކުޑަވުމުގެ ސަބަބުންނާއި ބައުވުމުގެ ސަބަބުން މިސްކިތް ސަރުކާރުން އުވާލެއްވުމުން، ހަމަ ގޯތީގައި މިސްކިތް ހުރިތާގައި އަލުން އާ ފައުންޑޭޝަނެއް އަޅައި މިހާރު ފެންނަށްހުރި މިސްކިތް ބިނާކުރެވުނެވެ. ސަރުކާރުންނާއި އަމިއްލަފަރާތްތަކުން އެހީ ހޯއްދަވައިގެން މި މިސްކިތް ޢިމާރާތް ކުރުވީ، ސ. މަރަދޫ ބޮޑުކަތީބު ކަމުގެ މަޤާމުގައި ހުންނެވި   ޢަބްދުއްލަޠީފް މުޙައްމަދު (ޖަވާހިރުމާގެ ސ. މަރަދޫ) އެވެ. މިސްކިތް ޢިމާރާތް ކުރުމުގައި ސިމެންތިން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކޮށްދެއްވީ އިބްރާހީމް ޢަލީ (އަލިމަސްގެ/ސ. މަރަދޫ) އެވެ. މިހާރު ހުރި މިސްކިތުގެ ބިންގާ އެޅުނީ 6 މެއި 1993- 14 ޛުލްޤަޢިދާ 1413 ބުރާސްފަތި ދުވަހު މެންދުރުފަހު 3:45 ގައެވެ. ހުޅުވުނީ 11 ފެބުރުއަރީ 1995- 11 ރަމަޝާން 1415 ވަނަ ދުވަހުގެ ޢަޞުރު ނަމާދަށެވެ. އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް ދަނޑިވަރު މިސްކިތުގައި ޤަވާޢިދުން ނަމާދު ކުރަމުން ދެއެވެ. މިސްކިތުގައި ކުރެވޭ ކުދި ކުދި މަރާމާތަށް މަރަދޫ ގެ ބައެއް ވިޔަފާރި ވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން އަބަދުވެސް ޚަރަދު ކުރައްވައެވެ. މިގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައި، ވުޟޫ ކުރާނެ އިސްކުރު ބަރިއަކާއި އެކު ފާޚާނާ ބަރިއެއް ޢިމާރާތް ކޮށްފައި ވެއެވެ.
------------------



 

No comments:

Post a Comment