Thursday, April 10, 2014

ވޯރާ ވިޔަފާރި ވެރިންނަކީ ކޮބާ؟

ވަރަށް ކުރީ ޒަމާނުއްސުރެ، ބޭރުގެ ވިޔަފާރި ވެރިން ދިވެހި ރާއްޖެއަށް އައިސް ގޮސް ވެފައި ވެއެވެ. މީގެތެރެއިން އެންމެ ގިނައީ އިންޑިޔާގެ ހުޅަނގުގައިވާ ގުޖުރާތު ކިޔާ ހިސާބުގެ ވިޔަފާރި ވެރިންނެވެ. މިމީހުންނަށް ދިވެހިން ކިޔައި އުޅުނީ ބޯރާއިންނެވެ. މިނަން އައިސްފައި ވަނީ ހިންދީ ބަހުގައި ވިޔަފާރި ވެރިޔަކަށް ކިޔާ ނަމަކުން (ބައިހޮރާ) ނުވަތަ ގުޖުރާތީ ބަހުން ވިޔަފާރި އަށް ކިޔާނަމުން (ވިޔަވަހަރު) ކަމަށް ބުނެ އުޅެއެވެ. ދިވެހި ރަދީފުގައި ބުނާގޮތުގައި " ވޯރާ " ނުވަތަ " ބޯރާ " އަކީ ޝީޢީންގެ ވަކި ޖަމާޢަތަކަށް ކިޔާ ނަމެކެވެ. މިއީ ދާއޫދީ ޖަމާޢަތަކަށް ދިވެހިން ކިޔާ ގޮތެކެވެ. މިބައިމީހުންނަށް "ބުންބާ މީހުން" މިނަމުން ވެސް ދިވެހިން ކިޔައި އުޅުނެވެ. މިމީހުންގެ މައިގަނޑު މަސައްކަތަކީ ވިޔަފާރި ކުރުމެވެ. (ނަސީމާ މުޙައްމަދު.2011)
ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވަޒަންވެރި ވެވުނީ ކިހިނެއް؟

މީލާދީން 1857 ވަނަ އަހަރުގެ ކުރިން ވޯރާއިންނާއި އެހެނިހެންވެސް ބޭރުގެ ވިޔަފާރި ވެރިން ދިވެހި ރާއްޖޭގައި ވިޔަފާރި ކުރަމުން އައީ ވަކި މޫސުމެއްގައި ރާއްޖެއަށް އައިސް މާލޭގެ ބޮޑު ފާރުން ބޭރުގައި ވަގުތީ ހިޔާ ތަކެއް ޤާއިމު ކޮށްގެން ކޮންމެ އަހަރަކު ވެސް ހަތަރު މަހެއްހާ ދުވަހުއެވެ. ނަމަވެސް ދިވެހި ބޮޑުންގެ ތެރޭގައި އުފެދުނު ވާދަވެރި ކަމެއްގެ ސަބަބުން ރާއްޖެ އަށް ވިޔަފާރި ކުރަން އައިސް އުޅުނު ވޯރާއިންނަށް ދާއިމީ ގޮތެއްގައި ރާއްޖޭގައި ވަޒަންވެރި ވެގެން ވިޔަފާރި ކުރުމުގެ ހުއްދަތައް ދެވެން ފެށުނެވެ. މި ހުއްދަ ތަކާއި ގުޅިގެން ވިޔަފާރި ކުރުމަށް ރާއްޖޭގައި ވަޒަން ވެރިވި ވޯރާއިންގެ ނުފޫޒު ދިވެހީންނާއި ދިވެހި ވެރިކަމުގެ މައްޗަށް އިންތިހާއަށް ގަދަވިއެވެ. (ޢަބްދުލް ޙަކީމް ޙުސައިން މަނިކު 2000) 

ރާއްޖޭގައި ވޯރާއިންގެ ނުފޫޒު ގަދަވާން ދިމާވި ސަބަބުތައް:

އަތިރިގޭ އާއިލާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މުއްސަނދި އާއިލާ އެވެ. މިއާއިލާ އާއި ވިޔަފާރި ގޮތުންނާއި ސިޔާސީ ގޮތުން އެންމެ ބޮޑަށް ވާދަ ކުރަމުން އައި އާއިލާ އަކީ ކަކާގޭ އާއިލާ އެވެ. އެހެންކަމުން އަތިރީގޭ އާއިލާ އަށް ވުރެ މުއްސަނދި ވުމުގެ ބޭނުމުގައި ކަކާގޭ މުހަންމަދު ރަންނަބަނޑޭރި ކިލެގެފާނު އޭނާގެ ބޮޑުވަޒީރު ކަމުގައި ވޯރާ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ޓީ. އައި. ޖޭ. ނޫރުބަހީ ކުންފުނީގެ ވިޔަފާރިވެރިން ރާއްޖެއަށް ގެންނެވި އެވެ. މިއީ ރައްޖޭގައި ވަޒަންވެރި ވެގެން ދާއިމީކޮށް ވިޔަފާރި ކުރުމުގެ ހުއްދަ ދެވުނު ފުރަތަމަ ވޯރާ ވިޔަފާރި ކުންފުންޏެވެ. ދިވެހި ދައުލަތުން ދިން ދައުވަތު ޤަބޫލު ކޮށް މިކުންފުނިން ރާއްޖ ެއައިސް ދިގު ފިހާރަ ކިޔާ ފިހާރަ އެއް ހަދައިގެން ވިޔަފާރި ކުރާން ފެށީ 1857މ، ގައެވެ. (އަބްދުލްހަކީމް ހުސައިން މަނިކު 2000)

ދިވެހި ރާއްޖޭގައި ދާއިމީ ގޮތެއްގައި ވޯރާއިން ވިޔަފާރި ކުރާން ފެށުމާއެކު ދިވެހީންގެ ވިޔަފާރި ތަކަށް ހީނަރުކަން އަންނަން ފެށި އެވެ. މިހެން ވުމަށް މެދުވެރިވި އެއްސަބަބަކީ ވޯރާއިން ވިޔަފާރި ކުރާ ގޮތަށް ފުޅާ ދާއިރާ އެއްގައި އޭރުގެ ޢާންމު ދިވެހީން ވިޔަފާރި ކުރަމުން ނުދިޔުމެވެ. އެގޮތަށް ވިޔަފާރި ކުރާ ދިވެއްސަކަށް އޭރު ރާއްޖޭގައި ހުރި ހަމަ އެކަނި ވިޔަފާރި ވެރިޔަކީ އަލީ ދޮށިމޭނާ ކިލެގެފާނު އެވެ. (ނަސީމާ މުޙަންމަދު 2010)
ވޯރާއިންނަށް ދެވުނު ހުއްދަ އާއި މެދު ހިތްހަމަ ޖެހި ވަޑައި ނުގެން އެ ކިލެގެފާނު ވެސް ރާއްޖެ ދޫކުރައްވައި ސިލޯނުގެ ގާއްޔަށް ވަަޑައިގެން އެތަނުގައި ވަޒަންވެރިވެ ވަޑައިގަތީ އެވެެ. އަނެއްކޮޅުން ވޯރާއިން ރާއްޖޭ ގައި ވިޔަފާރި ކުރާން ފެށީ އޭރު ރާއްޖޭ ގައި ތިބި ވިޔަފާރިވެރިން ނާއި ނުބައްދަލު ވާހައި ބޮޑެތި ރައުސުލްމާލު ތަކަކުން ނެވެ. މިހެން ވުމުން ދިވެހި ވިޔަފާރިތައް މަޑުމަޑުން ހުއްޓުމަކަށް އައީއެވެ. ވޯރާއިންނަށް ދިވެހި ވިޔަފާރިތަކުގެ ލަގަން ލިބިގެން ދިޔައީ އެވެ. (މުޙަންމަދު ނަޝީދު،1993)
ދިވެހީންގެ އުޅަނދުތައް ކުދި ކަމުންނާއި ދިވެހީންގެ ވިޔަފާރި ތަކުގެ "ސޭލްސް" ދަށްވުމުން، ދިވެހި އޮޑިފަހަރު ބޭރަށް ކުރާ ދަތުރުތައް މަދުވިއެވެ. މިދަތުރު ތައް މަދުވާން ދިމާވި އަނެއް ސަބަބަކީ ވޯރާއިން މުދާ އެތެރެ ކޮށް ބޭރު ކުރަމުން ދިޔައީ އެމީހުންގެ އަމިއްލަ އުޅަނދު ފަހަރުގައި ކަމަށްވުމެވެ. (ނަސީމާ މުޙަންމަދު، 2010)
ހަމަ އެއާއެކު ރާއްޖޭން ބޭރުގައި ވޯރާއިންގެ ވިޔަފާރި ތައް ހުރުމުން، ރާއްޖެއިން އެމީހުން ބޭރުކުރާ މުދާ އެ ތަންތަނުގައި ރީޓޭލްކޮށް ހެޔޮ އަގު ގައި ވިއްކާން ފެށި އެވެ. (މުޙަންމަދު ނަޝީދު 1993)
މީގެ ނަތީޖާ އަކަށްވީ ދިވެހި ވިޔަފާރިވެރިން އިނދަޖެހި ވިޔަފާރިތައް ބަގުރޫޓް ވެގެން ދިޔުމެވެ. މިހާ ހިސާބުން ދިވެހި ރާއްޖޭގެ މުޅި އިޤްތިޞާދު ކޮންޓްރޯލް ކުރާ ބަޔަކީ ވޯރާއިން ކަމަށް ވިއެވެ. މިހެން ވުމުން ދިވެހީންގެ ކަންކަމާއި ބެހި ގޮތްކިޔުމަށް ވޯރާއިންނަށް މަގު ތަނަވަސްވި އެވެ. 

ވޯރާ ވިޔަފާރިވެރިންގެނުފޫޒުން ރާއްޖޭގެ ޝަރުޢީ އަދި ހިންގުމުގެ ނިޒާމަށް ނުކުޅެދުންތެރިކަމެއް ގެނުވި 

ލަސްތަކެއް ނުވެ ރާއްޖޭގެ މުޅި ވިޔަފާރި އެބައިމީހުންގެ އަތްމައްޗަށް އަރައްޖެއެވެ. ދެން ކަންކުރަމުން ދިޔައީ ވަރަށް ކެހިވެރި، ޙީލަތްތެރި ގޮތަކަށެވެ. ރާއްޖެއަށް ބާނާ މަސް ގަންނަނީ އެމީހުން ނެވެ. މަހަށްދޭ އަގު ކަނޑަ އަޅަނީ އެމީހުންނެވެ. ކާބޯ ތަކެއްޗާއި މުދަލުގެ އަގު ކަނޑަ އަޅަނީ ވެސް އެބައި މީހުންނެވެ. މަސް ކިރުވުމުގައި ވަރަށް ބޮޑެތި މަކަރު ހަދައެވެ. މަސްކިރަން ގެންގުޅޭ އުނދޯލި ގަނޑުލީ ކަށްޓާގެ ހަންދަރު އަޅާ ކޮޅުގައި އުނދޯލި ގަނޑުގެ ދަށް ފަރާތުގައި ބޮޑެތި ތިމަރަ ގަނޑު ގަނޑު ހަރުކޮށްފައި (ނުފެންނަ ގޮތަށް) ހުރެއެވެ. މަސް ހިފައިގެން އަންނަ ނެވިންނަށް ބޮޑެތި ރިޝްވަތު ދެއެވެ. މާލޭގެ ހުރިހާ ބޮޑުންނާ ކަމުވޮށިވެގެންވާ މީހުންނަށް ހަދިޔާ ބަދިޔާ ދެއެވެ. އެންމެ މަތީ ވެރިންނަށް އަގުބޮޑު ވެދުން ދެއެވެ. (ޢަބްދުﷲ ޢިމްރާން -2011)
 އެދުވަސްވަރު އެބައިމީހުން ތިންފިހާރަ ކެއްކުމޭ ކިޔާ ބޮޑު ކެއްކުން ގަނޑެއް ކައްކައެވެ. މި ކައްކާ ކޮންމެ ދުވަހަކު މާލޭގެ ނުފޫޒު ހުރި ހުރިހާ ގޭގެ އަށް ބޮޑު ދޮލަނގު ހަދާފައި ދޮލަނގު ފޮނުވައެވެ. )އަބްދުލް ހަކީމް ހުސައިން މަނިކު 2000) 
މިދުވަސްވަރު ވޯރާއިން ދޮލަނގު ހިފައިގެން ވެލާނާގެއަށް ދިއުމުން އިބްރާހީމް ނާސިރު، ވަޤުތުން ދޮލަނގު އަނބުރާ ފޮނުވާ ލެއްވިއެވެ. އިސް ވޯރާ ވިޔަފާރިވެރިއެއް ކަމަށްވާ ނަގަރިއްޔާ ޙަސަން ކަލޭފާނު އެކަމާ ޙައިރާން ވެގެން ވެލާނާގެއަށް ގޮސް ނާޞިރާ ބައްދަލުވާން އެދުމުން ވެސް ބައްދަލެއް ނުކުރެއްވި އެވެ. ދޮލަނގު ޤަބޫލު ނުކުރައްވައި ނާޞިރު ވިދާޅުވީ " މާ ނިކަމެތި  ފަޤީރުން ބާޒާރު މަތީގައި އުޅޭނެ އެވެ. އެއިން ބަޔަކު އެއްކޮށްފައި ދޮލަނގު ކާން ދޭށެވެ."
ބޮޑުންގެ ތެރެއިން ގިނަ މީހުން މިބައިމީހުންގެ މި ދަންތުރައިގައި ޖެހިފައި ތިބުމުގެ ސަބަބުން މި މީހުން ކުރާ އެއްވެސް ކަމެއްގައި އެ މީހުންނާ ދެކޮޅަށް ފިޔަވަޅެއް އެޅޭގޮތެއް ނުވެއެވެ. ކޮންމެ މައްސަލައެއް ނިމެނީ ވޯރާ ވިޔަފާރި ވެރިޔާ އަށް ކާމިޔާބު ވެގެންނެވެ. ރާއްޖޭގެ ޝަރުޢީ އަދި ހިންގުމުގެ ނިޒާމު ރަނގަޅަށް އޮތީ އެމީހުންގެ ދަށުގައެވެ. (އިބްރާހީމް ޝަފީގް-2012 )

ވޯރާ އިންނާ ދިވެހިންނާއި ދެމެދު ޖެހޭ މައްސަލަތައް:

ވޯރާއިންނާއި ދިވެހިންނާ ދެމެދު ޖެހޭ މައްސަލަތަކުގެ ތެރޭގައި މަސް ކިރުމުގެ އިތުރަށް އަގު ދިނުމުގައި ހަދާ ޙީލަތް ވެސް ހިމެނެއެވެ. ހަދާގޮތަކީ ހަންދަރަކަށް ވަކިވަރަކަށް ( މިސާލަކަށް -/40 ރުފިޔާ) ދޭން އެއްބަސް ވެގެން މަސްތައް ގެނެސް ވެއްދީމާ ކުރިން ބުނި -/40 ރުފިޔާ އަށް މަސް ނުގަންނާނެ ކަމަށާއި މަސް ގަންނާނީ ހަންދަރެއް -/30 ރުފިޔާ އަށް ކަމަށް ބުނެ އަގު ކުޑަ ކުރަނީއެވެ. އެދުވަސްވަރު ހުރިހާ މަހެއް ބައްތެލިން ބާލައިގެން ފިހާރަ އަށް ގެންދަނީ މާލެ އަންނަ މީހުންގެ ކޮނޑު އުފުލައިގެން ނެވެ. އެހެން ވީމާ ގެނެސްފައި ހުރި، ހުރިހާ މަސް އަނެއްކާ އުފުލައިގެން އެހެން ތަނަކަށް ގެންދިއުން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. ދެންޖެހެނީ އެމީހުން ބުނިހާ ގޮތެއް ހަދާށެވެ.
ބައެއް ފަހަރު މަސްކިރާފައި ފައިސާއިން އަގުދިނުމަށް ދެކޮޅު ހަދައެވެ. ދެން ބުނާނީ ހަނޑޫ ދީފާނަމެވެ. އެހުރިހާ ހަނޑޫ ބައްތެއްޔަކަށް ނޭރުވެއެވެ. ދެން ދެނީ ސިޓީ އެކެވެ. މިސިޓީ ލިޔަނީ އެމީހުންގެ ބަހުންނެވެ. ބާކީ 30 ބަސްތާ އޮތަސް ލިޔެދޭ ސިޓީގައި 20 ބަސްތާ ކަމަށް ލިޔައެވެ.  އަނެއް ދަތުރު ސިޓީ ހިފައިގެން ހަނޑޫ ކޮޅު ބަލާ އައިމާ ބުނަނީ ސިޓީގައި އޮތީ 20 ބަސްތާ ކަމަށެވެ. ބައެއް ފަހަރު ރާއްޖެތެރޭގެ މީހުން އަތުން ސިޓީ ގެއްލެއެވެ. އެހެން ދިމާވެއްޖެ ނަމަ އެ އެއްޗެއް މުޅިން ގެއްލުނީއެވެ. ދިވެހިން ދިވެހިރާއްޖޭގައި ތިބީ މިހާ ނިކަމެތި ވެފައެވެ. (އިބްރާހީމް ޝަފީގް- 2012 )
މިކަން ކަން މިގޮތަށް ހިންގަމުން ދިޔައިރު ރާއްޖޭގައި ހުރި ގިނަ ޢަދަދެއްގެ ރަނާއި ރިހި ރާއްޖޭން ބޭރު ކުރީ ވެސް ވޯރާއިން ނެވެ. ރަން ރިހި ވިއްކަން އަންނަ މީހުން އަތުން ނުއަގުގައި އަދި މީހުންނަށް ނަޞޭޙަތް ދީގެން ވައްކަން ކުރުވައި ގެން ގެނުވައި ރަންރިހި ވަރަށް އެކަށީގެން ނުވާ ކުޑަ އަގެއްގައި ގަނެ ޤަވާޢިދާއި ޚިލާފަށް ސިއްރުން ރާއްޖެއިން ބޭރަށް ގެންދަނީ އެވެ. ބޭރުކުރާ ރޯނު ބޮނޑި ތަކާއި ބަރަބޮލުގެ ތެރޭގައި ފޮރުވައިގެން ނެވެ. ބަރަބޮލުގައި ރަން ސްމަގުލް ކުރުމުގެ ކުށުގައި ނޫރައްދީން ދޯސާޖީ ފިހާރައިގައި ބޮޑުތަޅު އަޅުވައި އޭނާ ރާއްޖެއިން ޑީޕޯރޓް ކޮށްލިއެވެ. (އާދަމް ޙަލީމު-ހަވީރު ނޫސް 2009)
މިގޮތަށް ކަން ހިގަމުން ދަނިކޮށް ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށިއްޖެއެވެ. މިޚަބަރު ލިބުމާއެކު ކުރިން -/28 ރުފިޔާ އަށް ގަންނަމުން އައި މަސް ހަންދަރެއް -/7 ރުފިޔާއަށް އަގު ވައްޓާލި އެވެ. އެއީ 1939 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ތެރޭގައެވެ. ކުރިން -/7 ރުފިޔާ އަށް ބަސްތާ އެއް ކަމަށް ވިއްކި ހަނޑޫ ބަސްތާ އެއް ހަތަރު ހަންދަރު މަހަށް ނޫނީ ނުދޭން ފެށިއެވެ. އެންމެ ފަހުން އެއްވެސް އަގަކަށް ދިވެހިންގެ މަސް ވޯރާއިން ނުގަތީއެވެ. މަސް ގަތުން ހުއްޓާލީ އެވެ.(އިބްރާހީމް ޝަފީގް- 2012)
   ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1993) ބަޔާންކުރާ ގޮތުގައި ވަޤުތުގެ ބޭނުން ހިފައި ވޯރާއިން އެމީހުންގެ ނުފޫޒު ދިވެހީންގެ ދާޚިލީ ކަންކަމަށް ފޯރުވާން ފެށި އެވެ. ވީމާ ވޯރާއިން އެހާ ނުފޫޒު ގަދަ ބަޔަކަށް ވީ އެއް ސަބަބަކީ ދިވެހި އިޤްތިޞާދު އެމީހުންގެ ބާރުގެ ދަށަށް ދިޔުން ކަން ހާމަވެއެވެ.

ވޯރާއިން ދިވެހިރާއްޖޭ ގައި ވަޒަންވެރި ވެގެން ވިޔަފާރި ކުރަން ފެށި ތަނާހެން ދިވެހީންގެ ސިޔާސީ މަސްރަހަށް ބަދަލު ތަކެއް އައެވެ. މުސްކުޅި ބަންޑާރައިން އަވަހާރަވެ، އެ ރަދުންގެ ދަރިކަލުން އިބްރާހީމް ނޫރައްދީން ރަސްކަމަށް އިސްވެ ވަޑައިގަތެވެ. ބޮޑުވަޒީރަކަށް ހުންނެވި، އަދި ވޯރާއިން ރާއްޖެއަށް ގެންނެވި، ކަކާގޭ މުހަންމަދު ރަންނަބަނޑޭރިި ކިލެގެފާނު ބޮޑުވަޒީރުު ކަމުން ދުރުކުރެވި، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެފާނަށް އެމަޤާމު ދެއްވިއެވެެ. (މަންދު މުޙައްމަދު ވަހީދު (1987). މިހެން ވުމުން ކުރީއްސުރެ އަތިރީގެ އާއި ކަކާގޭ އާއިލާއާއި ދެމެދު ގައި  ހިނގަމުން އައި ވިޔަފާރީގެ ވާދަވެރި ކަމަށް ބޮޅެއް އިތުރުވުމަށް މަގުފަހި ވިއެވެ. ނަތީޖާ އަކަށްވ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އޭނާ އަށް ވާގިވެރި ވާނޭ ވޯރާ ވިޔަފާރި ކުންފުންޏަކަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވުމެވެ. )އަބްދުލް ޙަކީމް ހުސައިން މަނިކު 2000)
 އެކުންފުންޏަކީ އޭރުު ލަންކާގައި އެންމެނަށް މަޝްހޫރު ވޯރާ ވިޔަފާރި ކުންފުނި، ކަރީމްޖީ ޖައުފަރުޖީގެ ކުންފުންޏެވެ. ދިވެހި ބޮޑުންގެ ތެރޭގައި އޮތް މި ސިޔާސީ ވާދަވެރި ކަމުގެ ސަބަބުން، ދިވެހި ބޮޑުން ދިޔައީ ވޯރާ އިންނަށް އެކ ސިފަ ސިފައި ގައި އެކި ކަހަލަ ހުއްދަ ތަކާއި ޙިމާޔަތް ތައް ދެމުންނެވެ. (މުޙަންމަދު ނަޝީދު 1993) މިހެން ވުމުން ވޯރާއިންނަށް ދިވެހި ސިޔާސަތާއި ބެހި ފާޑުކިޔުމަށް ފުރުޞަތު ލިބިގެން ދިޔައެވެ. ކުރުކޮށް ދަންނަވަނީ ނަމ ަސިޔާސީ ފަރާތް ތަކުން ސިޔާސީ ހަތިތާރެއްގެ ގޮތުގައި ވޯރާއިން ބޭނުން ކުރުމުގެ ސަބަބުން ވޯރާއިންގެ ނުފޫޒު ދިވެހީންގެ މައްޗަށް ގަދަވުމަށް މަގު ފަހި ކުރުވި އެވެ.
މާލޭގެ ބޮޑުންނާއި ވޯރާ ވިޔަފާރި ވެރިންނާއި އޮންނަ ގުޅުން:

އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތުގެ ޚަރަދުތައް ދެކޮޅު ޖެއްސެވުމަށާއި ވޯރާއިންގެ ކިބައިން ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރެއްވުމަށް ހަރުދަނާ ފިޔަވަޅު ތަކެއް އެޅުއްވި އެވެ. ނަމަވެސް ވޯރާއިން އެފިޔަވަޅު ތަކާއި އެއްގޮތަށް އަމަލެއް ނުކުރެއެވެ. އެމީހުންނާއި ދެކޮޅަށް ދައުލަތަށް އެއްވެސް ފިޔަވަޅެއް ވެސް ނޭޅުއްވުނެވެ. މިހެން ވާން ޖެހުނީ ބޮޑުންގެ ތެރެއިން އެތައް ބަޔަކު ވޯރާއިންނާއި ގުޅިފައި ވުމުންނެވެ. ސަރުކާރުގެ ހުކުމްތައް ވޯރާއިންގެ މައްޗަށް ނުހިންގޭނެ ކަން ވޯރާއިންނަށް ވިސްނުމުން އެމީހުން ހިތުހުރި ގޮތަކަށް ވިޔަފާރި ކުރާން ފެށިއެވެ.(އަބްދުލް ހަކީމް ހުސެންމަނިކު1997).

ދިވެހި ދައުލަތް ވޯރާއިން ނަށް ދެރުން:

މިހާތަނަށް އައި އިރު ދިވެހި ބޮޑުންނާއި ދައުލަތް އޮތީ ބޮޑެތި އަދަދު ތަކުން ވޯރާއިންނަށް ދަރާ ވިކިފައެވެ. އެގޮތުން މީލާދީން 1887 އާއި ހަމައަށް އައި އިރު ހަމަ އެކަނި ކަރީމްޖީ ޖައުފަރުޖީ ކުންފުންޏަށް އެކަނިވެސް ދައުލަތުން ލައްކަ އަކާއި ގާތްކުރާ މިންވަރަކަށް ދަރާފައި އޮތެވެ.
ދައުލަތުގެ ވެރީންގެ ތެރެއިން ބަޔަކު ވޯރާއިންނާއި ގުޅިފައި ވުމުގެ ސަބަބުން ވޯރާއިންގެ ނުފޫޒު ސަރުކާރާއި ރައްޔިތުންގެ މައްޗަށް ބޮޑުވެގެން ދިޔައެވެ. އެގޮތުން އޮޅުވާލައިގެން ރާއްޖެއިން ފައިސާ އާއި ރަން ބޭރު ކުރުމުގަ އާއި މަސް ކިރުމުގައި ދިވެހީންގެ ބަޔަކު ވޯރާއިންނަށް އެހީތެރިކަން ދެމުން ދިޔައެވެ. ނަތީޖާ އަކަށްވީ ފައިސާ އާއި ހަދިޔާ ބޭނުން ކޮށްގެން ވޯރާއިން ބޭނުންވާ ކޮންމެ ކަމެއްވެސް ރާއްޖޭގައި ކުރެވިދާނެ ކަން އެ މީހުންނަށް ޔަޤީންވުމެވެ. އެހެން ކަމުން ދިވެހީންގެ ދަހިވެތިކަން ވީ ވޯރާއިން އެހާ ނުފޫޒު ގަދަ ބަޔަކަށް ވުމަށް މެދުވެރިވި ސަބަބަކަށެވެ. (ނަސީމާ މުޙައްމަދު (2010
ވޯރާވިޔަފާރި ވެރިންގެ ފަރާތުން ދިވެހިރާއްޖެއަށް ލިބުނު ފައިދާ  އަކީ ކޮބާ؟ :

31 މާރޗް 1925 ގައި އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަވަހާރަ ވުމުން އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ހިތަކަށް އަތް އަނބުރާލަން މަގު ފަހިވި އެވެ. އޭރު ވޯރާ އިން ތިބީ ނަމާދު ކުރާނެ މިސްކިތަކަށް ބޭނުން ވެފަ އެވެ. އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އޮތީ އެކަން ކޮށް ނުދެއްވާފަ އެވެ. ޝީއީ މުސްލިމުންގެ 300 އަށް ވުރެ ގިނަ ވޯރާއިން އޭރު މާލޭގައި ތިބިއިރު އެ އެންމެން ތިބީ ވެރިން ގާތުގައި އަބަދު އެވާހަކަ ދައްކަ ދައްކައެވެ.

އަބްދުމް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނުގެ ބާރު ގަދަވުމާ އެކު ވައި އަޅުވައިގެން މިސްކިތެއް ބިނާކުރާނެ ބިމެއް އެމީހުން ހޯދި އެވެ. މިބިމުގައި ވޯރާ ވިޔަފާރި ވެރިން މިސްކިތެއް ބިނާކުރިއެވެ. އެ މީހުން ބިނާކުރި މިސްކިތަކީ ބުންބާ މިސްކިތެވެ. އެއީ މިހާރުގެ ބަންޑާރަ މިސްކިތެވެ. އެ މިސްކިތް ބިނާކުރީ 1927 ވަނަ އަހަރު އެވެ.
105 އަހަރު ވަންދެން ވޯރާ ވިޔަފާރި ވެރިން ރާއްޖޭގައި އުޅުނުއިރު ވެސް އެބައިމީހުން ރާއްޖޭގައި އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައި ނުވެއެވެ.  

ވޯރާއިން އިނގިރޭސީންގެ ހިމާޔަތުގައި:

ވޯރާ ވިޔަފާރި ވެރިންނަކީ އިންޑިއާ ބަަޔަކަށް ވާތީ އޭރު އެމީހުން ހިމެނުނީ އިނގިރޭސި ރައްޔިތުންގެ ތެރޭގައެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އޭރު ހިނގަމުން ދިޔަ ކަންކަމާއި ގުޅިގެން ވޯރާއިންނަށްވާ ކޮންމެ ގެއްލުމެއްގެ ބަދަލާއި، ރައްކާތެރިކަން ހޯދުމަށްޓަކައި އިނގިރޭސި ދައުލަތަށް ވޯރާއިން ލިޔެ އަންގަމުން ދިޔައެވެ. (ނަސީމާ މުޙަންމަދު(2010. އެގޮތުން މީލާދީން 1887 ގައި މާލޭގައި ހިނގި ބޮޑު ހުޅު ގައި ވޯރާއިންނަށް ލިބުނު ގެއްލުން ތަކުގެ ވާހަކަތައް ވެސް ވޯރާއިން އިނގިރޭސީންނަށް އަންގައި، ޝަކުވާ ކުރިއެވެ. މިޝަކުވާ ތަކާއި ގުޅިގެން އިނގިރޭސީން އެކަންކަން ތަހުގީގުކޮށް ބެލުމަށްފަހު ވޯރާއިންނަށް ރައްކާތެރި ކަމާއި ހިމާޔަތް ހޯދައިދިން ކަމަށް ދިވެހިރާއްޖޭގެ ތާރީޚު ލިޔާކޮމިޓީ (1990) ބުނެއެވެ. އަދި މުޙަންމަދު ނަޝީދު (1993) ފާހަގަ ކުރައްވާ ގޮތުގައި "އިނގިރޭސީން ދިވެހީންގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަންނަ ކޮންމެ ފަހަރަކު ވެސް ވަދެފައި ވަނީ ވޯރާއިންގެ ކޮންމެވެސް ކަމަކާއި ގުޅިގެންނެވެ. މިކަމުން އެގި ހާމަވާ އެއް ހަޤީޤަތަކީ ވޯރާއިންގެ ނުފޫޒު އެހާ ބޮޑުވެގެން ދިޔުމުގައި އިނގިރޭސީން ވޯރާއިންނަށް ދެމުން ދިޔަ ރައްކާތެރި ކަން މުހިންމު ދައުރެއް އަދާ ކުރި ކަމެވެ.
ވޯރާއިންގެ ނުފޫޒު ދިވެހި ދައުލަތުގެ މައްޗަށް ގަދަވި ސަބަބު ތައް:

ވޯރާއިންގެ ނުފޫޒު ދިވެހި ދައުުލަތުގެ މައްޗަށް އެހާ ގަދަވުމަށް އެތައް ސަބަބު ތަކެއް މެދުވެރި ވިއެވެ.އޭގެތެރޭގައި ދައުުލަތް ވޯރާއިންނަށް ދަރާފައި ވުމާއި، ބޮޑުންގެ މެދުގައި އޮތް ވާދަވެރި ކަމާއި، ސިޔާސީ ފަރާތްތަކުން ވޯރާއިންނަށް ދެމުންދިޔަ ހިމާޔަތް މުހިންމު ދައުރެއް އަދާ ކުރިއެވެ. މީގެ އިތުރުން އިނގިރޭސީން ވޯރާއިންނަށް ދެމުން ދިޔަ ރައްކާތެރި ކަމާއި، ދިވެހި އިޤްތިޞާދު ވޯރާއިންގެ އަތްދަށުގައި ވުމާއި، ދިވެހީންގެ ތެރެއިން ބަޔަކު ވޯރާއިންގެ ހަދިޔާ ތަކަށް ހެއްލިފައި ވުން ފާހަގަ ކޮށްލެވެ އެވެ. ޚާއްޞަ ކޮށް ޤައުމު ގައި އޮތް ދާޚިލީ ހަމަ ނުޖެހުން އެއީ އެކަން އެގޮތަށް މެދުވެރި ވުމަށް ދިމާވި އެންމެ ބޮޑު ސަބަބެވެ. އެހެންވީމާ ޖުމުލަކޮށް ދަންނަވާނަމަ ވޯރާއިން އެހާ ނުފޫޒު ގަދަބަޔަކަށް ވެގެން ދިޔައީ އެތައް ސަބަބެއް މެދުވެރި ވެގެންނެވެ. (އަބްދުލް ހަކީމް ޙުސެން މަނިކު 2010)
ވޯރާ ވިިޔަފާރި ވެރިންގެ ކިބައިން ދިވެހިން ސަލާމަތް ވުން:

ވޯރާ ވިޔަފާރިވެރިންގެ ހިތް ހަރު ކަމާއި ، ދިވެހިންނާއި ދޭތެރޭ ގެންގުޅުނު ހަރުކަށި އުސޫލަށް ޙައްލެއް ލިބުނީ އެދުވަސްވަރު ރާއްޖެ ހިންގުމާއި ޙަވާލުވެ ހުންނެވި އަލްއަމީރު މުޙައްމަދު އަމީން ސިލޯނު ސަރުކާރާއި ގުޅުއްވައިގެން ކުރެއްވި ދަތި އަދި ބުރަ މަސައްކަތްޕުޅު ތަކެއްގެ ސަބަބުންނެވެ. ނަމަވެސް މިއީ ހައްލެން ނޫންކަން ވިސްނާ ވަޑައިގެން މުޙައްމަދު އަމީން އެޅުއްވި ފިޔަވަޅަކީ ދިވެހި ސަރުކާރަށް މަސް ގަންނަން ފެއްޓެވުމެވެ. މިޚިޔާލު ހުށަހެޅުއްވުމުން ރާއްޖޭގެ ވަރަށްގިނަ ބަޔަކު މިކަމާ ދެކޮޅު ހެދިއެވެ. ނަމަވެސް ވަރަށް ވަރުގަދަ ހިތްވަރާ ޢަޒުމާއެކު ކުރިޔަށް ވަޑައިގެން 1942 ވަނަ އަހަރު ޑިސެމްބަރ 10 ވަނަ ދުވަހު ސަރުކާރުގެ ބޮޑު އިސްޓޯރު ހުޅުވައި ސަރުކާރަށް މަސް ގަންނަން ފެއްޓީއެވެ. ސިޔާސީ އަދި އިޤުތިޞާދީ ބައެއް ތަޖުރިބާކާރުން ބުނަނީ ބޮޑު އިސްޓޯރު ހުޅުވުން އެއީ ވޯރާ ވިޔަފާރިވެރިންގެ ފިޔަ ބިނދުން ކަމަށެވެ. (އިބްރާހީމް ޝަފީޤު،2012)
ރާއްޖޭގެ ވިޔަފާރިއަށް ގަދަވެ ކައި ހުސް ކުރަމުން ދިޔަ ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރި ކުރާތާ 105 އަހަރުފަހުން އެމީހުންގެ ވިޔަފާރި، 1 އޯގަސްޓް 1962 ދުވަހުން ފެށިގެން ރާއްޖޭގައި ކުރުމަކީ މުޅިން މަނާކަމެއް ކަމެއް ކަމުގައި ސަރުކާރުން ހަމަޖައްސަވައި އެމީހުން ފޮނުވައި ލެއްވީއެވެ. (އިބްރާހީމް ޝާޠިރު- 2000). (އަޙްމަދުޝާކިރު  2004)

3 comments: