Monday, May 12, 2014

Zuvaanun


ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭ: ދުންޔާ
އަލީ ނާފިޒް
13 މެއި 2014 10:47
ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ޒުވާނުންގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ސާކްގެ ޔޫތު ޗާޓަރާއި އެކްޝަން ޕްލޭން އެކުލަވައިލުމަށް ބާއްވާ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ދުންޔާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންގެ އަދަދު 1.2 ބިލިއަނަށް އަރާއިރު އޭގެ ތެރޭން 26 ޕަސެންޓް މީހުން ދިރިއުޅެނީ ސާކް ސަރަހައްދުގައި ކަމަށެވެ. އެ ޒުވާނުންގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމަށް، އެ މީހުން ބާރުވެރިކުރުވައި ސަރަހައްދީ ތަރައްގީގައި ބައިވެރިކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާނުންގެ ސިއްހަތާއި ހެދިބޮޑުވުމުގެ އިތުރަށް އެ މީހުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭ. އެންމެ މުހިއްމު ކަމަކީ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި އެ ފަރާތްތައް ބައިވެރިކުރުން،" ސާކްގެ ކައުންސިލް އޮފް މިނިސްޓާސްގެ މި ދައުރުގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ދުންޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އެހެންކަމުން، ޒުވާނުންގެ ތަރައްގީ އަށް ގިނަ މަސައްކަތްކަތްތަކެއް ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަމަށާއި އަދި މި ސަރުކާރުން ވެސް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި 2003 ވަނަ އަހަރު އެކުލަވާލި ޔޫތު ޕޮލިސީ އާއި މިހާރު ޑްރާފްޓްކޮށްފައިވާ ޔޫތު ބިލް ހިމެނެ އެވެ.
އެހެން ނަމަވެސް، ރާއްޖެ އާއި މި ސަރަހައްދުގެ ގައުމުތަކުގެ ޒުވާނުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ދުންޔާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ޒުވާނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާނުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ ގައުމުގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެއް. ޒުވާނުންނަކީ މި ސަރަހައްދާއި މުޅި ދުނިޔޭގެ ކުރިމަގު ބިނާކުރާނެ މާދަމާގެ ލީޑަރުން. މި މުހިއްމު ރޯލް ކުޅުމަށް އެ ފަރާތްތަކުން ބޭނުންވާ ހައްގުތަކާއި ފުރުސަތުތައް ނިގުޅައިގަނެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުމުގައި ސާކްގެ އަށް ގައުމުގެ ގާތްގަނޑަކަށް 100 އޮފިޝަލުން ބައިވެރިވެ އެވެ. މި ބައްދަލުވުމުގައި އެކުލަވާލައި ޔޫތު ޗާޓަރުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޒުވާނުންގެ ސިއްހަތާއި ތައުލީމާއި ފުރުސަތުތަކުގެ އިތުރަށް ޖިންސީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ކަންތައްތަކެވެ.
ސާކްގެ ސެކްރެޓޭރިއޭޓުން ބުނި ގޮތުގައި އަންނަ ނޮވެމްބަރު މަހު ނޭޕާލްގައި ބާއްވާ ސާކް ސަމިޓަށް މި ޗާޓަރު ހުށަހެޅޭނެ ކަމަށް އުއްމީދުކުރެވެ އެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ، ސާކް ގައުމުތަކުގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓުގައި އެ ޗާޓަރު ތަސްދީގުކުރެވޭ ވަރު ވާނެ ކަމަށް ސެކްރެޓޭރިއޭޓުން ބުންޏެވެ.

No comments:

Post a Comment