Tuesday, May 6, 2014

Akuveriyaa



އެކުވެރިޔާ

ލިއުނީ: އާމިނަތު އަމީޒާ ޚަލީލު
ހެޔޮ އެދޭ އެކުވެރިއަކީ، ތިމާއަށް އުފަލެއް ލިބޭ ހިނދު އަދި ހިތާމައެއް ލިބޭ ހިނދުވެސް އެކަމެއްގައި ބައިވެރި ޙިއްސާކުރާ މީހެކެވެ. ދިރިއުޅުމުގައި ތަފާތު އެތައްކަމަކާ ދިމާވާނެ ކަމީ އެކަކުވެސް ދެބަސްވާނެ ކަމެއްނޫނެވެ. އިޖުތިމާޢީ ގޮތުން، މުޖުތަމަޢަށް އަންނަ ބަދަލާއި، ސިޔާސީ މާޙައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާގެ ރަށްޓެހި ރަޙުމަތްތެރިކަން ފޮހެވި ކުލުނާއި ލޯބި ފޮހެވޭ ހިސާބަށް އެއްވެސް ކަމެއް ގެންގޮސްގެން ނުވާނެއެވެ. ރަނގަޅު ރަޙުމަތްތެރިއެއް ނަމަ ތިމާގެ އަމިއްލަ ނަފުސަށް އެދޭފަދަ ހެޔޮ، ރަޙުމަތްތެރިންނަށް ވެސް އެދެވޭނެއެވެ.
ކިތައްމެ ބިޒީކޮށް އުޅެންޖެހުނު ނަމަވެސް ހަފުތާގެ ތެރެއިން 1 ދުވަހު ނަމަވެސް ރަޙުމަތްތެރިން ނަށް ޒިޔާރަތް ކޮށްލުން ނުވަތަ ފޯނުން ގުޅައި ޙާލުއަހުވާލު ބެލުން ފަދަ ކަންތައް ކުރުމަކީ ރަޙުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި، ވަރަށް މުހިއްމު ކަމެކެވެ. ދިވެހިގެންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ގުޅުން މަޑުމަޑުން މިދަނީ ފަނޑުވެ ވަޅުޖެހެމުންނެވެ. "ބިޒީ" ކަމުގެ ލޭބަލްޖެހި ތިމާގެ އަމިއްލަ މައިންބަފައިންގެ ޙާލު ބަލާނެ ވަގުތުވެސް ނުލިބި ދަނީއެވެ. ޖެހިގެން ހުންނަ އަވަށްޓެރިޔާއަށް ގޮވާލާނެ ވަގުތުވެސްވާމީހަކު ހުރިކަމުގައި ނުވެއެވެ.
ޙަޔާތުގައި ދިމާވާ އެކިއެކި ކަންކަމާއި މެދު ޚިޔާލު ބަދަލުކޮށް، މަޝްވަރާކޮށްލާނެ ރަނގަޅު އެކުވެރިއަކު ހުރުމަކީ ވަރަށްބޭނުންތެރި ކަމެކެވެ. އެހެންކަމުން ތިމާގެ ރަޙުމަތްތެރިންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ބާރުއަޅައި  ދޭތެރެއަކުން ލިބޭ ހުސްވަގުތުގައި ރައްޓެއްސަކަށް ގުޅައި ވާހަކަ ދައްކާލުމަކީ އެކުވެރިކަން ދެމެހެއްޓުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.
ހެޔޮއެދޭ ރަނގަޅު ރަޙުމަތްތެރިއަކު ނުވަތަ އެކުވެރިއަކު ހުރެއްޖެ ނަމަ ތިމާއަށް މަގުއޮޅިގެންދަނީނަމަ ހަމަމަގަށް އަޅުވަން އެހީތެރިވާނެއެވެ. އަދި ރަގަނޅު މަޝްވަރާއާއި ޚިޔާލުވެސް ދޭނެއެވެ. ލިބިފައިވާ ރަނގަޅު ރަޙުމަތްތެރިން ބީވެ ނުދާނެ ގޮތަކަށް ޢަމަލު ކުރުމާއި، ރަށްޓެހި ރަޙުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ޢަޒުމު ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

No comments:

Post a Comment