މަންމަ
(ނޯޓް:
މިއީ http://maldivianpearls.com/?p=22 ގައި އަލްއަޚް އިބްރާހީމް ރަޝީދު ޝާއިޢު ކުރައްވާފައިވާ
ލިއުމެކެވެ)
މަންމާއެވެ. އަހަރެންގެ ހުރިހާ ކަމެއް ކޮށްދެނީ
އަހަރެންދެކެ ދެލޮލުގެ ނޫރު ފަދައިން
ލޯބިވާ
މަންމައެވެ. އަހަރެންނަށް މިއަދު އިޙްސާސް ކުރެވެއެވެ. ނުވަމަހާއި ނުވަދުވަސް ވަންދެން މަންމަގެ
ބަނޑުތެރޭގައި އަހަރެން ބާއްވައިގެން މަންމަ އުޅޭނެ ނިކަމެތި ޙާލެވެ.
އެވޭން
ލިބިވެނިވި ދުވަސްތަކެވެ. މަންމަގެ ހަށިގަނޑުގައި އަޅަމުންދާ ވޭނުގެ ސަބަބުން މަންމަ ކުކުރޭ އަޑު
އަހަންނަށް އިވޭ ކަހަލައެވެ. އެހެނަސް
މަންމަ
ކެތްކުރިއެވެ. ހަމައެކަނި އަހަރެންގެ ހައްޤުގައެވެ. އެއްވެސް ޝަކުވާއެއް ކުރުމެއް ނެތިއެވެ.
ބަދަލުގައި އަހަރެންނާ ދޭތެރޭ ކުރެވޭ
އުއްމީދު
ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ބޭނުން ވެގެނެއް ނޫނެވެ.
މަންމާއެވެ. އަހަރެން ކުޑަކުއްޖެއް ކަމުގައި ވީދުވަހު މުޅި
ރޭގަނޑު ހަތަރުދަމު
އަހަރެންގެ ކައިރީގާ ނުނިދާ ހޭލާ އިނީމު ނޫންތޯއެވެ! އަހަރެން ނިދާފައި ވީއިރުގަ އާއި ހޭލާފައި ވީއިރު
އަހަރެންގެ މޫނަށް
ބަލަހަށްޓައިގެން ފަތިސްވަންދެން މަންމަ އިނީމު ނޫންތޯއެވެ. އެހެން އޮވެ މަންމައާ ދެމާ ބަލާލާފައި އަހަރެން
ހީލަނިކޮން މަންމަގެ މޫނުމައްޗަށްވެސް ހިނިތުންވުން ވެރިވޭ ނޫންހެއްޔެވެ؟ އެހިނިތުންވުމުގައި
އުފާވެރިކަމާ އުންމީދުތައް
އެކުލެވިގެން ވެއެވެ. މުޅިރޭ ވަރުބަލިކަމެއް ނެތި މިގޮތުގައި ހޭދަކުރުމަށްފަހު ފަތިސް ނަމާދު ބަންގި
ގޮވުމުން ނަމާދު ކޮށްލާފައި
އަހަރެންނަށްޓަކާ ދުޢާ ކޮށްދޭ މަންޒަރު މިއަދުވެސް އަހަރެންނަށް ފެންނަ ކަހަލައެވެ. އެއަޑު އަހަރެންގެ ކަންފަތް
ދޮށުގައި އަދިވެސް އެބަހުއްޓެވެ.
ލޯބިވާ މަންމާއެވެ. މަންމަ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ
ކަންތައްތައް އަހަރެންނަށް
ކުރެވޭ ނޫން ހެއްޔެވެ؟ އެކަންތަކަށް އަހަރެން މަޢާފަށް އެދުމުގެ ކުރިން މަންމައަށް އެއްވެސް އިޙްތިޔާރަކާ ނުލާ
އަހަންނަށް މާފުކުރެވެނީ
ކީއްވެ ހެއްޔެވެ؟ ސުވަރުގެ ލިބެން އަންނަނީ މަންމަގެ ރުހުން ލިބިގެންނޭ ބުނާތީވެ ހެއްޔެވެ؟ މަންމާ އެވެ. މަންމަގެ
ހިތުގައި ޖެހޭފަދަ،
މަންމަ ނުރުހޭފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ މިއަދުވެސް މަންމަގެ ކިބައިން މަޢާފަށް އެދެމެވެ. އަހަންނަށް
މަޢާފު ކޮށްދޭށެވެ. ލޯބިވާ
މަންމާއެވެ. އަހަރެން ތުއްތު ކުއްޖެއްފަދައިން ވީ ދުވަހު ދުޢާ ކޮށްދިން ގޮތަށް މިއަދުވެސް އަހަންނަށްޓަކައި
ހެޔޮ ދުޢާކޮށްދެއްވާށެވެ! މަންމަގެ ދުޢާ އަކީ އަހަންނަށްޓަކައި ދުނިޔެއާއި ދުނިޔޭގައިވާހާ
މުދަލަކަށްވުރެ އަގުހުރި
އެއްޗެކެވެ.
އަހަރެންގެ ހުރިހާވެސް ދުޢާ އަކީ ދެދުނިޔޭގައިވެސް
މަންމަގެ ލޮލުގެ
ފިނިކަން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު އަހަރެންނަށް މިންވަރު ކޮށްދެއްވުމެވެ. ހައްދަވާ ބޮޑުކުރެއްވި
މަތިވެރި އިލާހު! އިބައިލާހީ
މައިންބަފައިންނަށް އިޙްސާންތެރިވުމަށް އިބައިލާހުގެ މޫރިތިވި އާޔަތްތަކުން އަޅުތަކުންނަށް އަމުރު ކުރެއްވި
އިލާހެވެ! މިއަޅާއަކީ މިއަޅާގެ
މައިންބަފައިންނަށް ކިޔަމަންތެރި އިޙްސާންތެރި ދަރިއެއް ކަމުގައި ލައްވާންދޭވެ! އަދި އެދެމީހުންގެ ލޮލުގެ
ފިނިކަން ކަމުގައި މިއަޅާ
ލައްވާންދޭވެ! އަދި މިއަޅާގެ މައިންބަފައިން މުސްކުޅިވީ ދުވަހު އެމީހުންނަށް ހުރި ވޭނެއްކަމުގައި މިއަޅާ
ނުލައްވާންދޭވެ!ހައްދަވާ
ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައިންބަފައިންނަށް ފާފަފުއްސަވާންދޭވެ! އަދި މިއަޅާ ކުޑަ ކުއްޖެއް
ކަމުގައިވީދުވަހު، އެދެމީހުން މިއަޅާގެ މައްޗަށް ރަޙުމު ކުރި ފަދައިން މިއަދު އެދެމީހުންނަށް
ރަޙްމަތް ލައްވާންދޭވެ. އާމީން
No comments:
Post a Comment