Sunday, August 25, 2019

UDHAAS




          

އުދާސް


އިޙުތިރާމު ކުރުމާއި އިޙުތިރާމު ލިބިގަތުމަކީ މި ޒަމާނަކަށް އައިސް ގިނަ މީހުންގެ ނަޒަރުގައި މުހިއްމު އެއްޗަކަށް ނުވެއެވެ. ވަކިން ޚާއްޞަކޮށް، އުފެދެމުން އަންނަ ޒުވާން ޖީލަށް "އިޙުތިރާމު" މި ލަފުޒުވެސް ވަނީ ބީރައްޓެހި ލަފުޒަކަށް ވެފައެވެ.
           މީގެ ޒަމާންތަކެއް ކުރިން މަދަރުސާތަކުން ވެސް ދަސްކޮށްދެނީ، މައިންބަފައިން ނާއި މުދައްރިސުން، ވެރިންނާއި ޢުމުރުން ދުވަސްވީ މީހުންނަށް އިޙުތިރާމު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ އަދި ކޮންމެހެން ހުންނަންޖެހޭ ސިފައެއް ކަމުގައެވެ. އެހެން ކަމުން އޭރުގެ ކުދިންނާއި ޒުވާނުންގެ ކިބައިން މި ސިފަތައް ފެނެއެވެ. ދުރޫސުލް އަޚުލާގަކީ، ވަކި މާއްދާއެއްގެ ގޮތުގައި އޭރު ކިޔަވަން ޖެހޭ މާއްދާއެކެވެ. އެހެން ކަމުން ކުދިންގެ ކިބައިގައި ރިވެތި ސިފަތައް ހަރުލާފައި ހުރެއެވެ.
           ޒަމާނަށް އައި ބަދަލުތަކާއެކު ހުރިހާ ކަމެއް ތަހުޒީބުވެ ރިވެތި އަޚުލާގާއި ރިވެތި ސިފަތަކަށް މިވަނީ "މިނިވަން" ކަމުގެ ނަން ދެވިފައެވެ. ބޭނުން ގޮތަކަށް އުޅުމާއި ބޭނުން އެއްޗެއް ބުނުން މިހާރުވަނީ ފެޝަނަކަށް ވެފައެވެ. އަދަބު އިޙުތިރާމު ވެސް މިހާރު މި ވަނީ، ޒަމާނާއެކު މިނިވަން ވެފައެވެ.  
           ޢިޙުތިރާމު ލިބޭނީ އިޙުތިރާމު ދީގެންގެން ކަށަވަރެވެ. އެހެންކަމުން އުވި ނެތެމުންދާ އިޙުތިރާމުގެ ރިވެތި ސިފަ އަލުން އިޔާދަ ވޭތޯ ހިތްވަރާއެކު މަސައްކަތް ކުރުމީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް ކަމުގައި ވާން އެބަ ޖެހެއެވެ. ބޮޑެތިވަމުން އަންނަ ކުދިންނާއި ޒުވާނުން ނަށް މިސިފަތައް ދަސްކޮށްދީ ނަމޫނާ ދައްކަން އެބަ ޖެހެއެވެ.
           މަތީފަޑިން ފެށިގެން އެންމެ އާދައިގެ މީހާއާ ހަމަޔަށްވެސް އިޙުތިރާމުގެ ރިވެތި ސިފައިން ނަމޫނާ ދައްކައި ދެވިއްޖެ ނަމަ، ދިވެހިންގެ ކިބައިން ގެއްލި ނެތެމުންދާ ރިވެތި އަޚުލާޤާއި ރިވެތި ސިފަތައް އަލުން އިޔާދަވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.   
---